މުދައްރިސުންގެ ދުވަހަކީ، މުޅި މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި މުދައްރިސުން އަދާކުރައްވާ މަތިވެރި ދައުރުގެ މަތިން ހަނދާންކޮށް، އެބޭފުޅުންނަށް ޝުކުރުވެރިވުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދިވެހިރާއްޖޭގައިވެސް މިދުވަސް ފާހަގަކުރާއިރު، ދަރިވަރުން ބިނާކުރުމަށް މުދައްރިސުން ކުރައްވާ އަގުނުކުރެވޭ މަސައްކަތްތަކަށް އަލިއަޅުވައިލަންޖެހެއެވެ. މުދައްރިސަކީ ހަމައެކަނި ފޮތްތަކުން މަޢުލޫމާތު ދިނުމުގެ ބާވަތެއް ނޫނެވެ. އެބޭފުޅުންނަކީ ދަރިވަރުންގެ ނަފްސުތައް ބިނާކޮށް، ރަނގަޅު އަޚްލާޤާއި އާދަތައް ދަސްކޮށްދީ، މުޖުތަމަޢަށް ބޭނުންތެރި ރަނގަޅު ރައްޔިތެއްގެ ގޮތުގައި އެކުދިން ތަރުބިއްޔަތުކުރާ ފަރާތެކެވެ. ކޮންމެ ދަރިވަރެއްގެ ތެރޭގައިވާ ޤާބިލިއްޔަތު ހޯދައި، އެޤާބިލިއްޔަތު ތަރައްޤީކޮށް، ކުރިމަގުގެ އުންމީދުތައް އާލާކޮށްދިނުމުގައި މުދައްރިސުންގެ ދައުރު ވަރަށް މުހިންމެވެ. އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަހާއި ސަގާފަތް ދަރިވަރުންގެ ހިތްތަކުގައި އަށަގަންނުވައި، ދިވެހި މުޖުތަމަޢުގެ އަސާސްތައް ދިރުވައި އާލާކުރުމުގައި މުދައްރިސުންނަކީ މުހިންމު ބައިވެރިންނެވެ.
މުދައްރިސުންގެ ހިދުމަތްތަކަކީ މުޅި ގައުމު ރޯޝަން ވެގެން ވިދާނޭފަދަ ހިދުމަތްތަކެއްކަން ޔަގީނެވެ. ދަރިވަރު ސްކޫލުގެ ގޭޓުން އެތެރެވުމާއިއެކު، ކޮންމެ ދަރިވަރަކަށްމެ މުދައްރިސުންގެ ފަރާތުން ލިބޭ ލޯތްބާއި ކުލުނު، މައިންބަފައިންގެ ކިބައިން ލިބޭ ލޯތްބާއި ކުލެނެކޭ ހަމަ އެއްފަދަ އެވެ. އެއްވެސް ބުރަކަމެއްނެތި، ދަރިވރުންނަށް ފުރިހަމަ ގޮތުގައި އިލްމު އުނގަންނައި ދެވޭނެ މަގު ފަހި ކޮށްދޭން މަސައްކަތް ކޮށްދެނީ މުދައްރިސުންނެވެ. ރެއާއި ދުވާލުގެ ނިދި ނަގާލައި، ދަރިވަރުންގެ އަހްލާގު ބައްޓަންކުރުމަށް ހެޔޮ ފިލާވަޅު ދަސްކޮށްދިނުމުގައި މުދައްރިސުން ހޭދަ ކުރާ ވަގުތު ތަކަކީ، އެބަޔަކަށްޓަކައި މައިންބަފައިންވެސް އަދި އެހެން ފަރާތަކުގެ ހިތުގައި ލޯބި އުފެދިގެންދާ ކަމެކެވެ. މުޖުތަމައަށް ނުކުންނަ ދަރިންތަކަކީ ރަނގަޅު ސުލޫކެއްގެ ވެރި، އިލްމު ހާސިލްުކޮށްފައިވާ ދަރިންތަކެއްގެ ގޮތުގައި ހެދުމަށް މުދައްރިސުން ވެދެއްވާ ގުރުބާނީތަކަކީ ޝުކުރު އަދާކޮށްލުމަކުން ނިންމާ ނުލެވޭނެހާ ބޮޑު ގުރުބާނީތަކެކެވެ.
މުދައްރިސުންގެ މަސައްކަތަކީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ މަސައްކަތެކެވެ. ދުވަހުގެ ގިނަ ވަގުތު ކުލާސްރޫމްތަކުގައި ހޭދަކުރައްވަމުން، އެކި ބާވަތުގެ ދަރިވަރުންނާ ކުރިމަތިލައްވައި، ކޮންމެ ދަރިވަރަކަށްވެސް ފޯރުކޮށްދޭންޖެހޭ އަޅައިލުން ފޯރުކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، އައު އުސޫލުތަކާއި ހުނަރުތައް ދަސްކޮށް، ދަރިވަރުންނަށް އެންމެ ރަނގަޅު ތަޢުލީމީ މާހައުލު ފޯރުކޮށްދިނުމަށް އެބޭފުޅުން މެދުނުކެނޑި މަސައްކަތްކުރައްވައެވެ. މި ހުރިހާ ގޮންޖެހުންތަކެއް ހުރިނަމަވެސް، މުދައްރިސުން ދެއްވާ ގުރުބާނީ އާއި އަޅައިލުމަކީ ހިތާމަ ކުރުމަށް ފަސޭހަ ކަމެއް ނޫނެވެ. އެބޭފުޅުންގެ ސާބިތުކަމާއި، ކެތްތެރިކަމާއި، ދަރިވަރުންނަށް ދެއްވާ ލޯތްބަކީ ތަޢުލީމީ ދާއިރާގެ އުއްމީދެވެ.
2020ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ކުރިމަތިލާން ޖެހުނު ކޮވިޑުގެ ބަލިމަޑު ކަމުގައި މުދައްރިސުން ކޮށްދެއްވި މަސައްކަތާއި، ކިޔަވައި ދިނުމަށް ހޭދަ ކުރި ވަގުތުތަކަކީ، ނިމުމެއް ނެތް ޝުކުރު ހައްގުވާ މަސައްކަތްތަކެކެވެ. ޓެކްނޮލޮޖީގެ އެހީގައި، މުޅިންވެސް އައު ކަންތަތަކެއް ދަސްކޮށް، ގޭގައި ތިބެގެން ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާ ފަދަ އިންތިޒާމް ތަކެއް ހަމަ ޖައްސައި، ހުރަހެއް ނެތި ކިޔެވުުން ކުރިއަށް ގެނދެވުނީ މުދައްރިސުންގެ ހިތްވަރުގެ ސަބަބުން ކަން ގަބޫލުކުރަން ޖެހއެވެ. ކޮވިޑުގެ ތެރޭގައި އަމިއްލަ ނަފްސާއި، އަމިއްލަ މަސައްކަތްްތައް ދޫކޮށް ދަރިވަރުންގެ ކިޔެވުން ފަސޭހަ ކޮށްދިން ބަޔަކީ މުދައްރިސުންނެވެ.
ކޮވިޑުގެ ހާލަތުގެ ސަބަބުން ގިނަ ރަށްތައް ބަންދުކުރުމާއިއެކު، އޮންލައިން ކޮށް ކިޔަވަދޭން ފެށުމަކީ މުދައްރިސުންނަށް ގިނަ ފާޑު ކިއުންތައް އަމާޒުވެގެން ދިޔަކަމެކެވެ. ގޭގައި ތިބެ ޗުއްޓީ އަދާ ކުރާ ފަދައިން ދަރިވަރުންގެ ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދާ ކަމަށާއި މުދައްރިސުންގެ ވަޒީފާ އަދާ ނުކުރެވޭ ކަމަށް ބުނެ ގިން ދިވެހިން ދިޔައީ ބަސް ބުނަމުން ނެވެ. އެހެންނަމަވެސް، ކޮވިޑުގެ ދުވަސްވަރުގައިވެސް ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭ ފަދައިން ކިޔަވާދީ، ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުން ވެގެން ދިޔައީ އެންމެހާ މުދައްރިސުންގެ ވެސް އެންމެ ބޮޑު އިސް ކަމެއް ދެވުނު ކަމަށެވެ.
ގައުމު އައު އުސްމިންތަކަށް ގެންދަން މަސައްކަތް ކުރާ މިދަތުރުގެ އާރުކާޓިންނަކީ މުދައްރިސުންނެވެ. މިހެން ބުނެވޭ ސަބަބަކީ ދަރިވަރުންނަށް އިލްމާއި ހިލްމު އުނގަންނައިދީ، ރަނގަޅު ދަރިންތަކެއް ފަރުމާކޮށް އުފައްދަނީ މުދައްރިސުން ކަމަށްވާތީއެވެ. މަދުރަސީ މާހައުލު ދަރިވަރުންނަށް ރައްކާތެރި މާހައުލެއްގެ ގޮތުގައި ދަމަހައްޓައި ދެނީ އެ މަދަރުސާއެއްގެ މުދައްރިސުންނެވެ.
ދައްރިސުންގެ އުޖޫރަ ކިތަންމެ ކުޑަ ކަމުގައި ވީނަމަވެސް، މުދައްރިސުންކޮށްދެއްވާ ހިދުމަތްތަކީ ދުލުން ނުވަތަ ގަލަމަކުން ބަޔާން ނުކުރެވޭނޭ ފަދަ އަަގު ހުރި މަސައްކަތްތަކެކެވެ. މުސާރަ އެއީ ބޭނުން އެއްޗެއްގެ ގޮތުގައި ނަހަދައި، ގައުމަށް ވަފާތެރި، ބޭނުންތެރި ދަރިންތަކެއް ތަރުބިއްޔަތު ކުރުމަށް މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ގައުމު ފަޙުރު ވެރިވާ ފަދަ މަސައްކަތްތަކެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއަށް ބަލާއިރު، މުދައްރިސުން އަދާކުރައްވާފައިވާ ދައުރު ބޮޑުތަނުން ފާހަގަވެއެވެ. ޒަމާނުއްސުރެ ދަރިވަރުންނަށް ދީނީ ތަޢުލީމާއި އަސާސީ ހުނަރުތައް ދަސްކޮށްދިނުމުން ފެށިގެން، މިއަދުގެ ޒަމާނީ ތަޢުލީމީ ނިޒާމަށް ޤައުމު ގެނެސްދިނުމުގައި މުދައްރިސުންނަކީ މައިގަނޑު ބާރެކެވެ. އެބޭފުޅުންގެ ބުރަ މަސައްކަތުން ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ދޮރުތައް ހުޅުވި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިންނަށް ފާހަގަކުރެވޭފަދަ ކާމިޔާބީތައް ހޯދޭނެ މަގުފަހިކޮށްދީފައިވެއެވެ. އިސްލާމީ އަގީދާ ދިރުވައި، ދިވެހިވަންތަ ސިފަތައް ދިވެހި ކުދިންގެ ހިތްތަކުގައި އަށަގަންނުވައި ދިނުމަކީ މުދައްރިސުން އަދާކުރާ ދިގުދެމިގެންދާ ވަރަށް މުހިންމު ދައުރެކެވެ.
މި ދުވަހުގެ މުނާސަބަތުގައި، ޤައުމީ ތަރައްޤީގެ މޭސްތިރިން ކަމަށްވާ މުދައްރިސުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަވަމެވެ. މިއަދު އަޅުގަނޑަކީ ހަރުދަނާ ނުސްވެރިޔަކަށް ހަދައިދިނީ ހަމަ ތި ޓީޗަރުންނެވެ. ޓީޗަރުންގެ ލަފަޔާ އިރުޝާދުގައި ހިފައި، ޓީޗަރުން ދެއްކި ނަމޫނާއިން އިބްރަތް ހާސިލުކޮށް މިއަދު މިވަނީ ގައުމުގެ މުސްތަގުބަލް ބިނާކޮށްފައެވެ. ގައުމުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ކޮންމެ ދާއިރާއަކަށް ބަލާލިޔަސް ފެންނާނީ ހަމަ ތި މުދައްރިސުންގެ މިންނެތް މަސައްކަތުން އުފައްދާފައިވާ ހަރުދަނާ ޖީލެވެ. އެއީ ތައުރީފް ހައްގު މަސައްކަތެކެވެ. އަދި ފަށްފަށުން ލޮބުވެތި ހުރިހާ މުދައްރިސުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވައި، ދުޅަހެޔޮ ސިއްހަތެއްގައި ލެއްވުން އެދި ދުއާ ދަންނަވަމެވެ. އާމީން!