ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލް އާއި ނޮޅިވަރަން ދާއިރާގެ މެންބަރު ޙުސައިން ޢަރީފް ޖޭޕީއަށް ސޮއިކޮށްފިއެވެ.
ދެބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ މޫސާ ޢަލީ ޖަލީލަކީ ނުހަނު ޒުވާން އުމުރުފުޅުގައި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެއްވުމަށްޓަކައި އަމިއްލަފުޅު މޭ އައްޑަނައަކަށް ދިއްކުރައްވައި ދުޝްމިނުންނާއި ސާބިތު ކަމާއިއެކު ކުރިމަތި ލެއްވެވި ޤައުމީ ބަޠޮލެއް ކަމަށާއި ޤައުމީ އެފަދަ ޚިދުމަތްތެރިން ޖޭޕީ ޢާއި ގުޅެމުން ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ މެންބަރު ޙުސައިން ޢަރީފަކީ ރައީސް ޔާމީނުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައިން ޤައުމު ސަލާމަތް ކުރުމަށާއި އަދި އަނިޔާ ދެމުން ގެންދިއަ މަޖިލިސް މެންބަރުންގެ ދިފާޢުގައި މަގުމަތީގައާއި އެނޫންވެސް ގޮތްގޮތުން ވަރަށް ވަރުގަދައަށް އަޑު އުފުއްލަވައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޖޭޕީ އެފަދަ ހިތްވަރުގަދަ މެންބަރުން ޖޭޕީ އާއި ގުޅުމަކީ ޕާޓީއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.