ކުޑަކުދިން ފޯނުފަދަ އެއްޗެތީގަ ގިނަ ވަޤުތު ހޭދަކުރާނަމަ ލިބޭ ގެއްލުންތައް ވަރަށް ގިނަ- ވާހަކަ ދައްކަން ފެށުން ލަސްވުމާ ވާހަކަދައްކަން ބޭނުން ނުވުންވެސް ހިމެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ކުޑަކުދިން ފޯނުފަދަ އެއްޗެތީގަ ގިނަ ވަޤުތު ހޭދަކުރާނަމަ ލިބޭ ގެއްލުންތައް ވަރަށް ގިނަ- ވާހަކަ ދައްކަން ފެށުން ލަސްވުމާ ވާހަކަދައްކަން ބޭނުން ނުވުންވެސް ހިމެނޭ!

ތަފާތު ސަބަބުތަކާއިހުރެ ނަމަވެސް ޖުޑަކުދިން ފޯނާއިއެކު ގިނަ ވަޤުތު ހޭދަކުރުމުން އެކުދިންނަށް ބޮޑެތި މައްސަލަތައް ކުރިމަތިވާކަން މިއަދުނޫހުން ވާނީ އެކިފަހަރުމަތިން ފާހަގަކޮށްފައެވެ. ތިރީގައިވާ ރިޕޯޓަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމުގެ މައްޗަށް އެކުލަވާލާފައިވާ، ބެލެނިވެރިން ވިދާޅުވެލެއްވުމުން ފައިދާކުރާނެ ރިޕޯޓެކެވެ.

ސްމާޓް ފޯން، އައިޕެޑް ނުވަތަ ޓެބްލެޓް ފަދަ ތަކެތި މިއަދު ވެފައިވަނީ ތުއްތު ކުދިންގެވެސް އެންމެ ގާތް އެކުވެރިންނަށެވެ. ދުވާލުގެ ވަރަށް ގިނަ ވަގުތު އެކުދިން ހޭދަކުރަނީ މިފަދަ އާލާތްތަކާއި އެކުގައެވެ. އެހެންގޮތަކަށް ބުނާނަމަ ކުދިންގެ ސްކްރީން ޓައިމް ކަންބޮޑުވާންޖެހޭ ވަރަށް މިހާރު މިވަނީ އިތުރުވެފައެވެ.

ސްކްރީންޓައިމް ގިނަވުމަކީ ކުދިންނަށް ރަނގަޅު ގޮތެއް ނޫނެވެ. ވަކިން ހާއްސަކޮށް އެންމެ ތުއްތުއިރު ކުދިންނަށް އެއްގޮތަކަށްވެސް ސްކްރީން ޓައިމް ނުދިނުން ނުވަތަ ވަރަށްބޮޑަށް ސްކްރީން ޓައިމް މަދުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ކުއްޖާގެ ހެދިބޮޑުވުމުގެ މަރުހަލާގެ ވަރަށް މުހިންމު ކަންކަން ހާސިލްކުރާ އެއް އުމުރުފުރައަކީ ކުއްޖާ އުފަންވުމާއި ހަމައިން ފެށިގެން ފަސް އަހަރާ ދެމެދެވެ. ކުއްޖާގެ ސިކުނޑި ތަރައްގީވުމުގެ މަރުހަލާގެ ބޮޑު ބައެއް ހިނގަނީ މި އުމުރުފުރާގެ ތެރޭގައެވެ. އެގޮތުން، ވާހަކަދެއްކުމާއި، ހިނގުން ފަދަ މުހިންމު ކަންކަން މިއުމުރުފުރާގެ ތެރޭގައި ކުދިން ދަސްކޮށް އެކަންކަން ކުރަންފަށައެވެ.

މިކަންކަމަކީ ހަމަ ހުރެފަ އޮޓޯއިން ދަސްވާކަންކަމެއް ނޫނެވެ. އެއީ ކުދިން ވަށައިގެން އުޅޭ މީހުންގެ އެހީތެރިކަމާއެކު ނުވަތަ އެމީހުންނާ ކުދިންނާ އޮންނަ ގުޅުމެއްގެ ތެރެއިން ކުދިންނަށް ހާސިލްވާކަންކަމެވެ. އެކަމަކު ކުދިންގެ ސްކްރީން ޓައިމް ގިނަވާނަމަ ވަށައިގެން އުޅޭ މީހުންނަށް ކުދިން ދޭ ސަމާލުކަން ކުޑަވެ އެހެން މީހުންނާއި މުޢާމަލާތަކުރުމުގައި ކުދިން ހޭދަކުރާ ވަގުތު މަދުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެ އުމުރުގައި ކުދިންނަށް ދަސްވާންޖެހޭ ވަރަށް މުހިންމު ހުނަރުތައް ދަސްވުމަށް ހުރަސް އެޅެއެވެ.

މިފަހަކަށް އައިސް އެންމެ ގިނައިން ބެލެނިވެރިންގެ ފަރާތުން އިވޭ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުދިންގެ ވާހަކަދެއްކުން ލަސްވުމެވެ. އެހެންކުދިން ނުވަތަ މީހުންނާ ވާހަކަދައްކަން ކުދިން ބޭނުން ނުވުމެވެ. އެހެން ކުދިންނާ އެއްކޮށް އުޅެން ކުދިންނަށް ނޭނގުމެވެ. ހަގީގަތުގައި އެކަން އެހެންވުމުގައި އެކުދިންގެ މައްސަލައެއް ނެތެވެ.

މިހާރު ގިނަ މައިންބަފައިން ވަރަށް ތުއްތު އިރުއްސުރެ ކުދިންނަށް ކާންދެނީ އެކުދިން ގަޔާވާ ކަހަލަ ކޮންމެވެސް އެއްޗެއް ސްކްރީނުން ދައްކައިގެންނެވެ. ކާންދޭން އިންނަ މަންމަ ނުވަތަ ބައްޕައާ މާގިނަ ވާހަކައެއް ނުވަތަ ބައެއް ފަހަރު އެއްވެސް ވާހަކައެއް ކުއްޖާއާ ނުދައްކައެވެ. ކުދިން އިސާހިތަކު ކައި ނިންމާލަނީ ސްކްރީނަށް ގެއްލި ތިބެއެވެ. މިގޮތަށް ކަން ދިމާވުމުގެ ނަތީޖާއަކަށް ވަނީ ކުދިންނާއި، މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ވާހަކަދެކެވޭ މިންވަރު މަދުވުމެވެ.

ކުދިންނަށް ވާހަކަ ދައްކަން ދަސްވާނީ އެކުދިންނާ ވީހާވެސް ގިނައިން ވާހަކަ ދައްކައިގެންނެވެ. އެކުދިންނަށް ވާހަކަދައްކާނެ ފުރުސަތު ފަހިކޮށްދީގެންނެވެ. ނުވަތަ އެކަހަލަ މާހައުލެއް އުފައްދައިގެންނެވެ. ސްކްރީންޓައިމް ގިނަވުމުގެ ސަބަބުން މި މުހިންމު ފުރުސަތު ކުދިންނަށް ގެއްލެއެވެ.

ކުދިންގެ ވާހަކަދެއްކުން ލަސްވުން ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ބުނަން ނޭނގުމަކީ އެކުދިންގެ އިޖުތިމާޢީ އެހެން ހުނަރުތައް ތަރައްގީ ކުރުމަށްވެސް ހުރަސްއެޅޭ ކަމެކެވެ. މިގޮތުން ވާހަކަދެއްކުމުގައި ބުނަން ބޭނުންވާ އެއްޗެއް ބުނަން ނޭނގުމަކީ އެކުދިންގެ އިޖުތިމާޢީ އެހެން ހުނަރުތައް ތަރައްގީ ކުރުމަށްވެސް ހުރަސް އެޅޭ ކަމެކެވެ. މިގޮތުން ވާހަކަދެއްކުމުގައި ގެއިން ބޭރަށް ނުކުންނަން ބޭނުން ނުވުމާއި، އަވަހަށް ރުޅިއައުންފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ އަދި ސްކްރީން ޓައިމް ގިނަވުމުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ގެއްލުންތަކުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ.

އެހެންކަމުން، ކުޑަކުދިންގެ ހެދިބޮޑުވުމަށް އެންމެ ރަނގަޅު ގޮތަކީ ސްކްރީން ޓައިމް މަދުކޮށް، އެހެން މީހުންނާއި އެކު އެކުދިން ކުރާ މުޢާމަލާތްތައް އިތުރުކުރުމެވެ. އެގޮތުން އެކުދިންނާއެކު ވާހަކަދައްކައި، ކުޅެހަދާ، ފޮތް ކިޔައިދީ، އަދި އެކުދިންނާއެކު ގިނަ ވަގުތު ހޭދަކުރުމަކީ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ވެސް ވަރަށް މުހިންމު ކަމެކެވެ.

ކުދިންގެ ހެދިބޮޑުވުމުގެ މުހިންމު މަރުޙަލާތަކުގައި، އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެކުދިންނާއި އެކު ގިނަ ވަގުތު ހޭދަކުރުމަކީ މައިންބަފައިންގެ އެންމެ އިސް އެއް ޒިންމާއެވެ. މިކަމަށް އަހައްމިއްޔަތުކަން ދިނުމަކީ ދުޅަހެޔޮ، ހުނަރުވެރި އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

 

ރިޕޯޓް: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

 

މިއަދު އޮންލައިން