ގޭގޭގައި ބުޅާ ގެންގުޅޭތީ ކުދިންގެ ހިތްތަކުގައި ބުޅަލަށް ޚާއްޞަ ލޯތްބެއް އޮވެއެވެ. އެހެންވެ މަގުމަތިން ފެންނަ ބުޅާތަކުގައިވެސް އަތްލައި ފިރުމައި ހަދައެވެ. ބައެއް ކުދިން އުރައިވެސް ހަދައެވެ. އެިއރުން ކެހެރިތައް އަތުގެ އިތުރުން ފޭރާމުގައިވެސް ތަތްވެއެވެ. ނޭފަތުން ހަށިގަނދަށް އެތެރެވެއެވެ.
އެހެންކަމުން ތިރީގައިވާ ލިޔުމުގައިވާ ކަންކަމަށް ވިސްނަވައިލެއްވުން މުހިންކަން ފާހަގަކުރަމެވެ. މިލިޔުން ގެނެސް މިދެނީ ގޭގެއިންނާއި މަގުމަތިން މިކަންކަން ފެންނާތީ ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.
ބުޅާ ގެންގުޅޭ މީހުން ދަނީ ގިނަވަމުންނެވެ. ގިނަ ބައަކު އެއިގައި ހިފައި އޮޅުލައި ހަދަނީ އެއްވެސް ވަރަކަށް ސަމާލުކަން ނުދީކަން ފާހަގަކުރެވެއެވެ.
ތަޖުރިބާއިން އެނގެން އޮތް އެއްކަމަކީ ބުޅަލުގެ ކެހެރިން ނޭވާހިއްލާ ބަލި ޖެހޭކަމެވެ. އެއީ ކެހެރި ނޭފަތުން އެތެރެވުން ފަދަ ގޮތްތައް މެދުވެރިވުމުންނެވެ.
"އެހެންވެ ކުރީގަ މީހުން ގޭގަ ބުޅާ ގެންގުޅުނު ނަމަވެސް ހިފައި އޮޅުލައެއް ނުހަދާނެ. ބީހެވުނު ނަމަވެސް އަތްދޮވެ ސާފުތާހިރުވާނެ."
މިކަމާއި ގުޅީގެން މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު، ޑރ. ޢަބްދުﷲ ޢަފީފް ވިދާޅުވީ ބުޅަލުގެ ކެހެރި ނޭފަތުން އެތެރެވުމުން އެކަމުގެ އަސަރުކުރާ މީހުންނަށް ފުރަތަމަ ފެންނާނެ ޢަލާމާތަކީ އެލަރޖީގެ ސަބަބުން ރޯގާ ނުފިލައި ހުންނަންފެށުން ކަމަށެވެ. ދެވަނަ ޢަލާމާތަކީ އުނދަގޫވާވަރަށް ކިނބިހިއެޅުން ކަމަށެވެ.
"ވީމާ ކުޑަކުދިން އަދި ބޮޑެތި މީހުންވެސް ބުޅަލުގައި ބީހިއުޅެން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެ. ގޭގަ ގެންގުޅުނު ނަމަވެސް ގެންގުޅެންވާނީ މިބުނި ކަންކަމަށް ވަރަށް ބޮޑަށް ބަލައިގެން. ކެހެރީގެ އަސަރު ނުކުރާނެކަން ޔަޤީންކުރެވޭ ގޮތްތަކަށް. ހަމައެކަނި އަތްނުލަންވީއެއްވެސް ނޫން! ގައިގަ އުނގުޅުނަވެސް ނުދޭންވީ. އުނގުޅިއްޖެނަމަ ދޮވެ ސާފުތާހިރުކުރަންވާނެ!" ކަމަށްވެސް ޑރ. ޢަބްދުﷲ ޢަފީފް ވިދާޅުވިއެވެ.
- މިއަދުނޫހަށް ޚާއްޞަ