ކުރިން އެހައިބޮޑަށް ޢާންމުނުވާ އެތައް ބަލިތަކެއް މިވަނީ ޢާންމުވެފައެވެ. ބައެއް ބަލިތައް ޖެހުމުން އެކަމުގެ ވާހަކަ ދައްކަން ލަދުން ތިއްބައި ސީރިޔަސްވެ ސަލާމަތްވާން އުނދަގޫ ޙާލަތަށް ކަންކަން އެބަދެއެވެ. މީގެތެރެއިން އެއް ބާވަތަކީ ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކެވެ.
ކުޑަކަމުދާ ނިޒާމަށްޖެހޭ އިންފެކްޝަންއަކީ ވަރަށް އާންމު އިންފެކްޝަންއެކެވެ. މިއި އިންފެކްޝަންގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި އެކުލެވޭ އެކި ބައިތަކަށް އަސަރު ކުރެއެވެ. އޭގެ ތެރޭގައި ގުރުދާ ( ކިޑްނީ )،ގުރުތާ ( ޔޫރެޓަރސް)، މަސާނާ ( ޔޫރިނަރީ ބްލޭޑަރ)، ކުޑަކަމުދާ ހޮޅި ހިމެނެއެވެ. ކުޑަކަމުދާ އިންފެކްޝަން ޖެހިފައިވާ ކަމުގެ އާންމު އާލާމާތަކީ އަވަސް އަވަހަށް ކުޑަ ކަމުދާން ޖެހުމެވެ. މި ބަލީގެ ތަޖުރުބާކާރުން ދެކެލެއްވާ ގޮތުގައި ފިރިހެނުންނަށް ވުރެން ބޮޑަށް އަންހެނުންނަށް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ކުޑަކަމުދާ ނިޒާމަށް އިންފެކްޝަން ޖެހެން މެދުވެރިވަނީ ކީއްވެ؟
އެއްވެސް ސިފައެއްގައި ކުޑަކަމުދާ ނިޒާމަށް ބެކްޓީރިއާއެއް ވާސިލުވެއްޖެނަމަ، ކުޑަކަމުދާ ނިޒާމުގެ ކޮންމެވެސް ބަޔަކަށް އިންފެކްޝަނުގެ އަސަރު ކުރެއެވެ. އެންމެ އާންމު ބެކްޓިރިޔާއަކީ އީ. ކޯލީއެވެ. މިއީ ބޮޑު ގޮހުރުގައި އުޅޭ ބެކްޓިރިޔާއެކެވެ. ފާހާނާކޮށްފައި ތާހިރުވެވޭ ގޮތަކުން ބައެއް ފަހަރު މި ބެކްޓީރިއާ ފުރަގަސް ފަރާތު ދޮރުން ނިކުމެ ކުޑަކަމުދާ ހޮޅިއަށް ފޯރައެވެ. ކުޑަކަމުދާ ހޮޅިން ލާފައި މަސާނާއާއި ހަމައަށްވެސް މި ބެކްޓީރިއާއަށް ދަތުރު ކުރެއެވެ. ފަރުވާ ނުކޮށް ހުރެފިނަމަ ބައެއް ހާލައްތަކުގައި ގުރުދާއަށްވެސް އަސަރު ކުރުން އެކަށީގެންވެއެވެ. ކުޑަކަމުދާ އިންފެކްޝަނުގެ ސަބަބުން އެންމެ ގިނައިން އަސަރު ކުރަނީ މަސާނާ އަދި ކުޑަކަމުދާ ހޮޅިއަށެވެ.
ކުޑަކަމުދާ ނިޒާމަށް އިންފެކަޝަން ޖެހުމުން ފެނިދާނެ ބައެއް އަލާމަތްތައް:
ކުޑަކަމުދާއިރު ތަދުވުން ނުވަތަ ދިލަނެގުން
އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން
ކުޑަކަމުދާ އެއްޗެހީހެ ކުލަ ގަދަވުން ނުވަތަ ގަދަ ވަހެއް ހުރުން
ބައެއް ފަހަރު ކުޑަކަމުދާ އެއްޗެހީގައި ލޭ ހުރުން
ދަށްބަޑަށް ތަދުވުން އަދި ބުރަކަށީގައި ރިއްސުން
ހުން އައައުން ނުވަތަ ހުން ވައްތަރުވެފައި ހުރުން
އާދަޔާ ހިލާފަށް އަބަދު ވަރުބަލިވެފައި ހުރުން
ފަރުވާއަކީ ކޮބާ؟
އާދައިގެ ކުޑަ އިންފެކްޝަންތަކަށް ފަރުވާއަކަށް ނުގޮސް ރަނގަޅުވެދެއެވެ. ނަމަވެސް ގިނަ ފަހަރު އެންޓިބަޔޮޓިކްސް ދީގެން މި ބައްޔަށް ފަރުވާ ކުރެއެވެ.
ބަލިން ރައްކާތެރި ވުމަށްޓަކައި ކުރެވެދާނެ ބައެއް ކަންތައްތައް:
ސާފުތާހިރު ކަމަށް ސަމާލުކަށް ދިނުން:
ފާހާނާ ކުރުމުގެ ކުރިންނާއި ނިއްމާފަ އަތް ދޮންނަށް އާދަކުރާށެވެ. ފާހާނާކޮށް ނިއްމާފަ ސާފުތާހިރުވުމުގައި ކުރިމަތިން ފަހަތަށްވާ ގޮތަށް ދޮންނަށް އާދަކުރާށެވެ. މިހެން ކަންތައް ކުރުމުން ފުރަގަސް ފަރާތު ދޮރުން ބެކްޓީރިއާ ކުޑަކަމުދާ ހޮޅިއަށް ދިޔުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އަންހެނުން ހައިޟުގެ ދުވަސްވަރު ބޭނުންކުރާ ޕެޑްފަދަ ތަކެތި ގިނައިރު ނުކޮށް ބަދަލުކުރަން ވާނެއެވެ.
ގިނަ ގިނައިން ފެން ބުއިމަށް އާދަކުރުން:
ގިނައިން ފެން ބުއިމުން ކޮންމެ ދުވަހަކުވެސް ކުޑަކަމުދާ ނިޒާމުން ބެކްޓީރިއާ ބޭރުކުރުމަށް އެހީތެރިވެދޭނެއެވެ. ސިއްހީ މާހިރުން ދުވާލަކު މަދުވެގެން 6 ނުވަތަ 8 ތަށި ފެން ބުއިމަށް އިރުޝާދު ދެއްވައެވެ.
ކުޑަކަމު ދިޔުމަގައި ގެންގުޅޭ ބައެއް އާދަތައް ބަދަލުކޮށްލުން :
މާގިނައިން ކުޑަކަމުދާ އިންފެކްޝަންޖެހޭ ބޭފުޅެއްނަމަ ގިނައިރު ނުކޮށް ކުޑަކަމު ދިޔުމަށް އާދަކުރާށެވެ. ކުޑަކަމުދާ ކޮންމެ ފަހަރަކު ބެކްޓީރިއާއެއް ހުރިނަމަ އޭގެން ބައެއް ބޭރު ކޮށްދޭނެއެވެ. އަދި ދެމަފިރިކަމުގެ ގުޅުން ހިންގުމުގެ ކުރިންނާއި ފަހުން ކުޑަކަމުދިއުމަށް އާދަކުރާށެވެ. ދެމަފިރިކަމުގެ ގުޅުމުގެ ސަބަބުން ބެކްޓީރިޔާ އަށެގަތުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ގުޅުން ހިންގުމުގެ ކުރިންނާއި ފަހުން ކުޑަކަމު ދިޔުމުން އަށެގަނެފައިވާ ބެކްޓީރިއާ ދުއްވާލުމަށް އެހީތެރިވެދޭނެއެވެ.
އެތެރެއިން ލާ އެއްޗެހި ބަދަލުކުރުން :
މާ ބޮޑަށް ގަޔަށް ހިފާފައި ހުންނަ ޖަންގިޔާ ބޮކްސަރ އެއްޗެހި ބޭނުން ކުރެވޭނަމަ ބެކްޓީރިއާ އަށެގަތުމަށް މަގުފަހިވެގެންދެއެވެ. ވީމާ ދޫކޮށް ހުންނަ އެއްޗެހި ބޭނުން ކުރުމަށް ސަމާލުކަށް ދޭށެވެ. އަދި ކޮޓަން ފޮތީގެ އެއްޗެހި ބޭނުންކުރުމަށް އާދަކުރާށެވެ. އެތެރެއިން ލާ އެއްޗެހި ބޭނުން ކުރާއިރު އިސްތިރި ކޮށްލައިފައި ބޭނުންކުރުންވެސް އެދެވިގެންވެއެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.
- އުންމު ނަވާރު
މަސްދަރު
NHS choices. Available at: https://www.nhs.uk/conditions/urinary-tract-infections-utis/.
professional, C.C. medical (no date) Urinary tract infection (UTI), Cleveland Clinic. Available at: https://my.clevelandclinic.org/health/diseases/9135-urinary-tract-infections.
Urinary tract infection (UTI): Symptoms, causes, treatment (no date) WebMD. Available at: https://www.webmd.com/women/your-guide-urinary-tract-infections.