ހަކުރުބައްޔާ ލޭމައްޗަށް ދިއުމުން ސަލާމަތްވެ ހުންނަންވެސް އަދި ނިދަން އުނދަގޫވާނަމަވެސް ޙައްލު ހޯދަން ވިސްނާލަންޖެހޭ ބައެއް ކަންކަން!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ހަކުރުބައްޔާ ލޭމައްޗަށް ދިއުމުން ސަލާމަތްވެ ހުންނަންވެސް އަދި ނިދަން އުނދަގޫވާނަމަވެސް ޙައްލު ހޯދަން ވިސްނާލަންޖެހޭ ބައެއް ކަންކަން!

ނިންޖާއި ސިކުނޑީގެ މަސައްކަތަކީ ވރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެކެވެ. ސިކުނޑިއަށް ބާރުބޮޑުވާނަމަ ހަމަނިދިނުލިބުމަކީ ގިނަ ބައަކަށް އެކަން މެދުވެރިވާ ސަބަބުކަމަށްވެގެންދެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. 

ރޭގަނޑު ނިދަން އުޅުމުންވެސް ނިދިނައިސް ލަސްވުމުން އެނދުގައި ފުރޮޅިފުރޮޅި އޮންނަން ޖެހުމަކީ ގިނަބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. މިފަދަ ޙާލަތު ކުރިމަތިވާ ގިނަ ބައަކަށް އެކަން ދިމާވާ މައްސަލައަކަށްވެފައި އޮންނަނީ އެމީހަކަށް ޙާޞިލްނުކުރެވި ހުންނަ ކަންކަމަށް ވިސްނުމެވެ. މިފަދަ ގިނަ ބައަކު ހެނދުނު ހޭލެވުމުންވެސް އެތައް އިރެއްވަންދެން ވިސްނަން އޮވެއެވެ. 

ޚާއްޞަކޮށް މިފަދަ މީހުންނަށް ޢާންމުކޮށް އެންމެންނަށްވެސް ބުނެލަން ބޭނުންވަނީ މިޙާލަތުން ސަލާމަތްވެހުރުމަށް އެދޭނަމަ ނިދަން އޮށޯވެފައިވެސް އަދި ހޭލެވުމުންވެސް ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ގިނަގުނަ ނިޢުމަތްތަކާއިމެދު ވިސްނާށެވެ. ޙަޔާތުގެ ދުވަސްތައް މިހިސާބަށް އައިއިރު ދެއްވެވި ގިނަގުނަ ނިޢުމަތްތަކުގެމަތިން ހަނދާންކުރާށެވެ! އެކަންކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވުން ގިނަކުރާށެވެ! 

ބައެއް މީހުންނަށް އެމީހުން އެދޭ ހުރިހާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވައެވެ. ތަނަވަސްކަންވެސް ދެއްވަވައެވެ. ފައިސާ އިތުރުކުރެވޭނެ މަގުތައްވެސް ފަހިކޮށްދެއްވަވައެވެ. ޙަޔާތަށް ނުލާހިކު ރަނގަޅު، އެހައިމެ ރީތި ބައިވެރިއަކުވެސް ދެއްވަވައެވެ. 

އެފަދަ މީހެއްގެ ގާތުގައި އަހައިލި ނަމަވެސް އަބަދުވެސް ހުންނާނީ އިތުރު ކަންތައްތަކަކަށް ބޭނުންވެގެންނެވެ. ކުރާނީ ބޭނުންވާ ކޮންމެވެސް ކަންތައްތަކެއް ޙާޞިލުނުކުރެވި އެބަހުރިކަމުގެ ޝަކުވާތަކެވެ. އެކަމުން އެނގެނީ ކިތަންމެ ގިނަ ކަންތައްތަކެއް ފުދިގެންހުރިނަމަވެސް ހިތް ނުފުރޭކަމެވެ. އަދިވެސް އިތުރަށް ބޭނުންވާ ކަންތައްތަކެއް ހުންނަ ކަމެވެ. 

ދެއްވެވި ނިޢުމަތްކަށް ފުދިގެން، ޝުކުރުކުރުންމަތީގައި ހުންނަ މީހަކަށްވެސް ބައްޔެއް ނުޖެހޭނެ ކަމަށް ބުނާކަށް ނެތީމެވެ. އެންމެންނަށްވެސް ބަލިތައް ޖެހޭނެއެވެ. އަދި ކޮންމެ ބައްޔެއްވެސް ޖެހިދާނެއެވެ. އެހެނަސް ދިރާސާތަކުން މިހާރު އެނގޭ ގޮތުގައި ގިނައިން ވިސްނުމަކީ ބަލިތައް ޖެހުން ގާތްވާ ސަބަބެކެވެ. އެއިގެ ތެރޭގައި އެންމެ ޢާންމު 2 ބަލިކަމަށްވާ ލޭމައްޗަށް ދިއުމާއި ހަކުރުބަލިވެސް ހިމެނެއެވެ. އަދި އެނޫން ބަލިތައްވެސް ހިމެނެއެވެ. 

އިންސާނުން ކަމުގައިވީތީ އަބަދުވެސް ވިސްނަން ޖެހޭނެ ކަންކަން ހުންނާނެއެވެ. ވީމާ އެއްވެސް ކަމަކަށް ނުވިސްނަން ބުނަނީއެއް ނޫނެވެ. ނަމަވެސް ވިސްނަންވާނީ ވަކިވަރަކަށެވެ. އެކަމުން ތިމާއަށް ގެއްލުން ނުވާނެ ވަރަށެވެ. އެއިރުން ސިކުނޑިއަށް ވަރަށް ބޮޑު ލުއިކަމެއް ލިބޭނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫހަށް

 

މިއަދު އޮންލައިން