ދިރާގުން މިއަދު އިއުލާނުކުރި "ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން" ގެ ދަށުން 2.2 މިލިއަން ރުފިޔާގެ އަގުހުރި ދެ ސްޕީޑް ބޯޓެއް ދިނުމަށް ނިންމައިފިއެވެ. މި ޕްރޮމޯޝަން ތައާރަފުކުރީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ކޮންމެ 6 މަހަކުން އެއް ސްޕީޑް ބޯޓު ދޫކުރާނެއެވެ. "ކާމިޔާބީގެ މައްޗަށް ބަލާ، އަޅުގަނޑުމެން ނިންމީ ދޭނީ ދެ ސްޕީޑް ބޯޓޭ. އަޅުގަނޑު ފާހަގަކޮށްލަން ކޮންމެ 6 މަހަކުން ސްޕީޑް ބޯޓެއް ދޭނަން," މިރްޝާން ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ދިރާގުގެ ރާގު ޕްރީޕެއިޑް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނަށާއި، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނަށެވެ. އަދި މީގެ އިތުރުން، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށާއި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" އަދި "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މި އަހަރަކީ މިފަދަ އަގުބޮޑު އިނާމެއް ކަސްޓަމަރުންނަށް ލިބިގެންދާ ތިންވަނަ އަހަރެވެ.
ދިރާގުގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އެންރޯލްކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.