ހުސައިން މުޙައްމަދު ލަޠީފް އާ އިލްހާމް ޖޭޕީ އާ ގުޅިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހުސައިން މުޙައްމަދު ލަޠީފް އާ އިލްހާމް ޖޭޕީ އާ ގުޅިއްޖެ

ރައީސް ޔާމީނާއި ވަރަށް ގާތުން މަސައްކަތް ކުރެއްވި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަޠީފް އާއި ޖޭޕީން ޕީޕީއެމްށް ބަދަލުވި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމްދު ޖޭޕީ އާއި ގުޅިއްޖެއެވެ.

މިކަމަށްޓަކައި ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ މަޖިލީހަށް ހޮވިވަޑައިގަތީ ޕީޕީއެމުން ކަމަށްވުމުން އެޕާޓީގައި ހުންނަވައި ރައީސް ޔާމީނުގެ ސަރުކާރުގެ ވެރިކަން ނިމެންދެން ދާއިރާއަށް ކުރިއެރުން ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.

ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ޕީޕީއެމް މިއަދު އޮތީ ވެރިއަކު ނެތި ވިއްސިވިހާލިވެފައި ކަމަށާއި ކުރިއަށް ދެވޭނެ މިސްރާބު ވަނީ އޮޅުންތަކެއްގެ ތެރޭގައި ކަމަށެވެ. އަދި ޖޭޕީ އާއި ގުޅިވަޑައިގަތީ ފާއިތުވި ހުރިހާ ސަރުކާރުތަކެއްގައިވެސް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އިޚްލާޞްތެރިކަމާއިއެކު ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވާތީ އާއި ޖޭޕީ އަކީ އަބަދުވެސް ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރަމުން އަންނަ ޚިދުމަތްތެރި ޕާޓީއަކަށްވާތީ ކަމަށެވެ. 

އިލްހާމް ވިދާޅުވީ ސިޔާސީ ގޮތުން ކުރިމަތިވި ކަންކަމުގެ ސަބަބުން ޕީޕީއެމަށް ވަޑައިގެންނެވި ނަމަވެސް އަބަދުވެސް ވާނީ ޖުމްހޫރީ ޕާޓީއާއި ގާތް ގުޅުމެއް ބާއްވާފައި ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ފެހި ޤާނޫނު އަސާސީގެދަށުން ރާއްޖޭގައި ވެރިކަން ކުރާތާ އަދި މިވީ 10 އަހަރު ކަމަށާއި އެހެންކަމުން ސިޔާސީ ދާއިރާގައި މީހުން ބަދަލުވުމުގެ ކަންކަން އަދި ހިނގާނެ ކަމަށެވެ. އަދި ވެރިކަން ހިންގަމުން އަންނަ ގޮތުން ޕާޓީ ބަދަލުކުރަން މެންބަރުންނަށް މަޖުބޫރުވެސް ވާކަމަށެވެ.

މިއަދު އޮންލައިން