މާލެ ޕޮލިސް ޕަރފޯމަންސް އެންހޭންސްމަންޓް ފޯރަމް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
މާލެ ޕޮލިސް ޕަރފޯމަންސް އެންހޭންސްމަންޓް ފޯރަމް ބާއްވައިފި

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލެ ޕޮލިހުން "ޕަރފޯމަންސް އެންހޭންސްމަންޓް ފޯރަމް 2024" ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ. 

ސްޓެލްކޯ ސެމިނާ ރޫމުގައި އިއްޔެ ބޭއްވި މި ފޯރަމް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މާލެ ޕޮލިހުގެ އެކި ބަހާތައް ހިމެނޭ ގޮތަށް އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވި މި ފޯރަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރެއިން، ފުލުހުންގެ މަސައްކަތްތައް ކުރުމަށް ހެދިފައިވާ އެކި އުސޫލުތަކުންނާއި ކުރިއަށް އޮތް ހަތަރު އަހަރަށް ތައްޔާރުކޮށްފައިވާ ސްޓްރެޓިޖިކް ޕްލޭން 2024 ގައި މާލެ ޕޮލިސް ކޮމާންޑާ މަތިކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެ އަދި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ އެދެވޭ ގޮތުގައި އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ އެކި ބަހާތަކުގެ މެދުގައި މަޝްވަރާކޮށް ގައިޑްލައިންތަކެއް ތައްޔާރުކުރުމަށް ބޭއްވި ފޯރަމެކެވެ.

މި ފޯރަމްގައި، މާލެ ޕޮލިސްގެ މަސައްކަތްތަކަކީ ރައްޔިތުން ބަލައިގަންނަ އަދި ގާނޫނީ އިމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް ހެދުމާއި އެކި ހާލަތްތަކާ ގުޅިގެން އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އެނގޭނެ ގޮތަށް އެތެރޭގެ ކޮމިއުނިކޭޝަން ނިޒާމެއް ގާއިމުކޮށް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކެއް ކަނޑައަޅައި މަޝްވަރާކޮށްފައިވެއެވެ. އަދި މަސައްކަތްތަކުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ކަންކަން ދެނެގަނެ، ކޮމާންޑުގެ ބަހާތަކުގައި ތިބި ފުލުހުން ކުރަންޖެހޭ މަސައްކަތްތަކަށް އިތުރަށް އަހުލުވެރިކޮށް ތާޒާކުރުވުމަށް އެކި ދާއިރާތައް ކަނޑައެޅުމުގެ އިތުރުން 2025 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމުގެ މަސައްކަތްކޮށްފައިވެއެވެ. 

އޭގެ އިތުރުން ވެސް ބައިވެރިންގެ ހިޔާލާއި މަޝްވަރާހޯދުމަށް ޕްރެޒެންޓޭޝަންތައް ތައްޔާރުކޮށް ހުށަހެޅުން ވެސް މި ފޯރަމްގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ. 

މި ފޯރަމްގެ ބައިވެރިންގެ މެދުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް މިއަދު ވިލިމާލޭގައި އެބަ ކުރިއަށް ގެންދެއެވެ.

މިއަދު އޮންލައިން