ޖަޕާނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޖަޕާނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ. 

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. 

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ޔޫއެންއޯޑީސީ މާލެ އޮފީހުގެ ހެޑް، އެންރިކޯ ބޮނެންސީނާ އާއި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވައި ޖަޕާނާއި ޔޫއެންއޯޑީސީގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. 

ފުލުހުންގެ މުއައްސަސާއަށް ޖަޕާން ސަރުކާރާއި ޔޫއެންއޯޑީސީގެ ފަރާތުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މީގެކުރިން ވެސް ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެއެވެ.

މިއަދު އޮންލައިން