ކޭޝްކާޑާއި އޯޓީޕީ ކޯޑު ފަދަ މުހިންމު އެއްވެސް މައުލޫމާތެއް ގޮތް ނޭނގޭ މީހަކާ ހިއްސާނުކުރުމަށް ފުލުހުން ނަސޭހަތްތެރިވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މިކަމަށް އެދުނީ ތަފާތުއެކި ކަހަލަ ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުވުމާއި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ، މާރުކޭޓު ސަރަހައްދާއި ނޯތު ހާބަރުގައި ކުރިއަށްގެންދިޔަ ހަރަކާތުގައެވެ.
މި ހަރަކާތުގައި، މާރުކޭޓު ގޮޅިތަކާއި އެ ސަރަހައްދުގެ ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނާއި ވިޔަފާރިކުރަންދާ މީހުންގެ އިތުރުން އެ ސަރަހައްދު ބޭނުންކުރާ މީހުން އަދި އޮޑިދޯނިފަހަރުގެ މީހުންނާ ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.
އެގޮތުން، މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި އަދި ކޭޝްކާޑާއި އޯޓީޕީ ކޯޑުފަދަ މުހިންމު އެއްވެސް މައުލޫމާތެއް ގޮތް ނޭނގޭ އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން، އޮޑިދޯނިފަހަރާއި ފިހާރަތައް އަދި މާރުކޭޓު ގޮޅިތަކުން ވައްކަންކުރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ވިޔަފާރި ބަންދުކޮށްފައި ދާއިރު މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ބުނެދީފައިވެއެވެ. އަދި އޮޑިދޯނިފަހަރަށް މުދާ އަރުވައި ބޭލުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި މީހުން ހަވާލުކުރާ ގޮތްނޭނގޭ އެއްޗެހީގައި ނުހިފުމަށާއި ނުއަގުގައި ވިއްކާ ތަކެތި ނުގަތުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެ ސަރަހައްދު ބޭނުންކުރުމުގައި ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ އަދި އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.
ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެމެޖެންސީ ހާލަތްތަކުގައި ގުޅާނެ ނަންބަރުތަކާއި މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.
ހަބަރު: ސަރުކާރު