ސައިބަރ ކްރައިމްއާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 40ސ
ސައިބަރ ކްރައިމްއާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް!

ސައިބަރ ކްރައިމްއާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރައޫފުއްދީން ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސައިބަރ ކްރައިމް ހުއްޓުވުމަށް ގާނޫނީ ގޮތުން ވެސް ގިނަ ކަންތައްތަކެއް ކުރަންހުރިކަން ފާހަގަކުރައްވާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަނީ ރައްޔިތުންގެ މަޖިލީހަށް މިކަމާ ގުޅޭ ތިން ބިލެއް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލުތަކެއްގެ ތެރެއަށް ސައިބަރ ކްރައިމް މައްސަލަތައް އިތުރުކޮށް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތައް ގެނައުމަށް ވެސް ހުށަހަޅާފައިވާ ކަމަށް ރައޫފުއްދީން ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން މައުލޫމާތުހޯދުމާއި، ރާއްޖެއިން ބޭރުން މައުލޫމާތު ހޯދުމާއި، އެވިޑެންސް ކަލެކްޓުކުރުން އަދި މިކަހަލަ އެތައް ކަމެއްގައި ފުލުހުންނަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ބިލުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ދެން އޮންނާނީ ގާނޫނަށް ގެންނަ ބަދަލުތަކެއް. އެ ބަދަލުގެ ތެރެއިން، ރާއްޖެއިން ބޭރުގެ ސާވިސް ޕްރޮވައިޑަރތަކުން، އަޅުގަނޑުމެންނަށް ހުށަހަޅާ ޖިނާއީ މައްސަލަތަކުގެ އެވިޑެންސް [ރާއްޖޭން ބޭރުގެ ސަރވިސް ޕްރޮވައިޑަރުންގެ ފަރާތުން] ހޯދޭނެ މަގުތަކެއް ފަހިވެގެން ދާނެ. ދެ ވައްތަރެއްގެ ސައިބަރ ކްރައިމް މިއުޅެނީ. އެއް ވައްތަރަކީ ސައިބަރ އެނޭބަލްޑް ކްރައިމް. މިކަހަލަ ކްރައިމްތަކުގައި ކޮމްޕިއުޓަރު މި ބޭނުންކުރަނީ، މިހާރު ކުށްވެރިން ވެސް ޓެކްނޮލޮޖީ ބޭނުންކުރޭ. އާންމު ދިރިއުޅުމުގައި ވެސް ޓެކްނޮލޮޖީ ބޭނުންކުރީމަ ފަސޭހަވާނެ. ހަމަ އެގޮތަށް މި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މި ކްރައިމްތައް ހިންގާ ފަރާތްތަކުން އައު އީޖާދުތަކެއް ހޯދާނެ. އެކި ގޮތްގޮތަށް މި ކުށްތަކަށް އަރައިގަނޭ." ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރައޫފުއްދީން ސައީދު

މިހާރު ރާއްޖޭގެ ސައިބަރ ކްރައިމްގެ ހާލަތު އޮތްގޮތުން، އެންމެ މަހެއްގައި ކޮށްލާ މަސައްކަތުން އެކަމަށް އެކަށީގެންވާ ގޮތެއްގައި ހޭލުންތެރި ނުކުރެވޭނެ ކަމަށާއި އަދި މިފަދަ ކުށްތައް ހުއްޓުވުމަށް ފަރުދީ ގޮތުންނާއި ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ގިނަވެގެން މިއުޅެނީ ސައިބަރ ސެކިއުރިޓީ ހިމެނޭ ސައިބަރ ކްރައިމްތައް. މިފަދަ ކުށްތައް މި ހިންގަނީ ހަގީގަތުގަ ސައިބަރ ސެކިއުރިޓިއަށް ހޭލުންތެރި ނުވީމަ. ޑިވައިސްތައް އޭގެ އެންމެ ރަނގަޅު ގޮތުގައި އަދި ރައްކާތެރިގޮތުގައި ބޭނުން ނުކުރެވޭތީ. ސައިބަރ ސްޕޭސްގެ ތެރެއިން އަޅުގަނޑުމެން ވަރަށް ބައިވަރު ކަންކަން އެބަކުރަން. މުނިފޫހިފިލުވުމާއި، ފައިސާގެ މުއާމަލާތްތަކާ އަދި ތައުލީމު ހާސިލުކުރުންފަދަ އެތައް ކަމެއް އެބަހިމެނޭ. އެހެންނަމަވެސް މިތަކެތި ރައްކާތެރިގޮތުގައި ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށްވަނީ ކޮންމެވެސް ހިސާބަކުން ގެއްލުމެއްލިބުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދިއުން." ރައޫފުއްދީން ސައީދު

ރައޫފުއްދީން ސައީދު އިތުރަށް ވިދާޅުވީ، މި މަސް ސައިބަރ ކްރައިމް އެވެއާނަސް މަހެއްގެ ގޮތުގައި ފާހަގަކުރަނީ ހަގީގަތުގައި މިކަމުގެ ނުރައްކާތެރިކަން އޮތް މިންވަރު ރައްޔިތުންނަށް އަންގައިދިނުމަށް ކަމަށެވެ. އަދި އިންޓަނެޓުގެ ވަސިލަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތަކީ ކޮބައިތޯއާއި އެކި ވަސީލަތްތައް ބޭނުންކުރަމުންދާއިރު، ގެއްލުމެއް ނުލިބޭ ގޮތަށް ރައްކާތެރިކޮށް ބޭނުންކުރެވޭނެ ގޮތްތަކަކީ ކޮބައިކަން ރައްޔިތުންނާއި، މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތްތަކުގެ ބޭފުޅުންނަށް ވެސް ކިޔައިދިނުމަށް މި މަހު ހާއްސަ ހަރާކަތްތަކެއް ހިންގާނެ ކަމަށެވެ.

އަދި އޮކްޓޫބަރު މަސް ސައިބަރ ކްރައިމް އެވެއާނަސް މަހެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް މިހާރު މި މުޖުތަމައު އޮތް ހާލަތަށް ބަލައިފިނަމަ އެއީ އެންމެ މަހަކުން ހޭލުންތެރިވެ ކަންކަން ހައްލުވާނެކަމެއް ނޫން ކަމަށާ އަދި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރަންވާ ކަންކަން ރާވައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން، ސްކޫލުތަކުގެ މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ވެސް ހޭލުންތެރިކުރުވުމުގެ މިފަދަ ގިނަ ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު މަހަކީ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން