ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ''ވޯލްޑް އިންވެސްޓަރ ވީކް 2024'' ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ. މި ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު 9:00 ގައި ސޮލައިޓްގައެވެ.
"ހުޅުވުމުގެ ރަސްމިއްޔާތު އަދި ފިންޓެކް އިނޮވޭޝަންސް: މަކަރާއި ހީލަތުން ރައްކާތެރިވުން" މި ނަމުގައި ކުރިއަށްގެންދެވުނު މި ރަސްމިއްޔާތު ޝަރަފުވެރިުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފެވެ.
ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ ފަރާތުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި، މާލީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ގުޅިގެން އުފެދެމުންދާ އޮންލައިން އިންވެސްޓުމަންޓް ސްކޭމްތަކާއި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކާ ބެހޭ ގޮތުން ދުނިޔެއާއި ދިވެހިރާއްޖޭގެ ހާލަތަށް އަލިއަޅުވާލެއްވިއެވެ.
މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވެސް ފިންޓެކް އީޖާދުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެވުނެވެ.
''ވޯލްޑް އިންވެސްޓަރ ވީކް'' އަކީ އިންވެސްޓަރުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއަޅައި، އިންވެސްޓުކުރުމުގެ މުހިންމުކަން ފާހަގަކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހަފުތާއެކެވެ. މި ހަފުތާގެ ހަރަކާތްތަކުގައި ދިވެހި ފުލުހުން ބައިވެރިވުމަކީ މާލީ ކުށްތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.