ސައްޚަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަނީ - ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ސައްޚަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަނީ - ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ބެންކު ޓްރާންސްފަރ ސައްޚަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ، މި ކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ތަހުގީގުތަކުން ދައްކާ ގޮތުގައި، މި ފަދަ މަކަރުވެރި ޢަމަލުތައް ހިންގާންގާ ފަރާތްތަކުން ވަކި ޚާއްޞަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްޚަ ނޫން ޓްރާންސްފަރ ސްލިޕްތައް އުފައްދައެވެ. ޚާއްޞަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މި ފަދަ ސްލިޕްތައް ފޮނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ފުލުހުން ވަނީ އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ:

1. އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުޢާމަލާތެއް ނުހިންގުން.
2. މި ފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުން.
3. އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުޢާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުން.

މީގެ އިތުރުން، ފުލުހުން ފާހަގަކުރި ގޮތުގައި، ފަހަކަށް އައިސް މީހުންގެ ވައިބަރ އަދި ފޭސްބުކް އެކައުންޓުތަކުގެ ކޮންޓްރޯލް ހޯދައިގެން މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތައް ވެސް އިތުރުވެފައިވެއެވެ. މި ގޮތުން، ދާދި ފަހުން ހިނގި މައްސަލައެއްގައި މަކަރުވެރިން އަތުލާފައިވާ 10,700 ރުފިޔާ ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެ ބޭންކުން ދޭ ލަފައިގެ ތެރޭގައި ފައިސާ ފޮނުވުމުގެ ކުރިން އެ ފޮނުވެނީ ކާކަށްކަން ޔަގީން ކުރުމާއި، ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުން ހިމެނެއެވެ.

މި އިތުރުވަމުންދާ މައްސަލަތަކާ ގުޅިގެން، ފުލުހުންނާއި ބޭންކުތަކުން އާންމުންނަށް ގޮވާލަނީ އިތުރަށް ސަމާލުވެ، ޝައްކުކުރެވޭ މުޢާމަލާތްތަކުގައި ބައިވެރިނުވުމަށެވެ.

މިއަދު އޮންލައިން