ފުލުހުންގެ ޚިދުމަތް ފުޅާކޮށް، މަގުމަތީގައި ފުލުހުން ހަރަކާތްތެރިވުން އިތުރުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 40ސ
ފުލުހުންގެ ޚިދުމަތް ފުޅާކޮށް، މަގުމަތީގައި ފުލުހުން ހަރަކާތްތެރިވުން އިތުރުކުރަން ނިންމައިފި

މުޅި ރާއްޖޭގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކޮށް، ފުލުހުންގެ ހަރަކާތްތެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ފުލުހުންގެ ޚިދުމަތުން މަސައްކަތް ފަށައިފިއެވެ.

މިކަމާގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިއީ ފުލުހުންގެ ސީނިއަރ މެނޭޖްމަންޓުން ނިންމާފައިވާ ނިންމުމެއް ކަމަށާއި މި މަސައްކަތުގެ ދަށުން ސްކޫލްތައް ކައިރީގައި ސީނިއަރ ފުލުހުން ހަރަކާތްތެރިވާނެއެވެ. އަދި މާލޭގެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި ވަކި ޚާއްޞަ ސަރަހައްދުތަކެއްގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީނު ފުރިހަމަކުރަމުންދާ ކަމަށާއި، އެ ފުލުހުން ތަމްރީނުކޮށް ޚިދުމަތަށް ނެރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ފްރޮންޓްލައިނަށް ބޭނުންވާ ފުލުހުން އެޑްމިނިސްޓްރޭޓިވް އަދި ސަޕޯޓް ބަހާތަކުން ނަގައިގެން ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށާއި، ފުލުހުންގެ ޚިދުމަތް ދިނުމުގައި މިއީ މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް އޮތް ތަނުގައި ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު، ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ ކަމަށް ފުލުހުންގެ ޚިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި މަސައްކަތްތައް މޮނިޓަރކޮށް ވިލަރެސްކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކަމަށާއި، މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ މި ތަނުން ކޮންޓްރޯލްކޮށް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ގޭންގް ކުށްތައް ހުއްޓުވުމަށް ވަކި ޚާއްޞަ ވިންގެއް ގާއިމްކޮށްފައިވާ ކަމަށާއި، މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އަލީ ޝުޖާއު އިތުރަށް ވިދާޅުވީ، މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލޭގެ 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ. އަދި މި މަސައްކަތްތަކާއެކު، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތައް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށްވެސް ތަފާތު މަސައްކަތްތައް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މި އައު މަސައްކަތްތަކާއެކު، މާލެ ސަރަހައްދުގައި ފުލުހުންގެ ޕްރެޒެންސް އިތުރުވެ، ރައްޔިތުންނަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މި މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަސައްކަތްތަކެއް ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

މިއަދު އޮންލައިން