ދިވެހި ފުލުހަކު އިންޓަޕޯލްގެ ޓްރެއިނިންގއެއްގައި ފުރަތަމަ ފަހަރަށް ކިޔަވައިދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދިވެހި ފުލުހަކު އިންޓަޕޯލްގެ ޓްރެއިނިންގއެއްގައި ފުރަތަމަ ފަހަރަށް ކިޔަވައިދީފި

ފިލިޕީންސްގައި މިހާރު ކުރިއަށްދާ އިންޓަޕޯލް އީ-އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގ ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު ކިޔަވައިދީފިއެވެ. މި ޓްރެއިނިންގގައި ކިޔަވައިދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ރެޕިޑް ރެސްޕޮންސްގެ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދުއެވެ.



އިންސްޕެކްޓަރ އާދަމް ނަވީދު މި ޓްރެއިނިންގގައި ދެ މޮޑިއުލްއެއް ކިޔަވައިދެއްވިއެވެ. އެއީ "ކަލެކްޓިންގ އިލެކްޓްރޯނިކް އެވިޑެންސް" އަދި "އިންޓަވިއު އެންޑް ޑޮކިއުމެންޓޭޝަން" މޮޑިއުލްއެވެ. މި ދެ މޮޑިއުލްއަކީ ސައިބަރ ކުށްތަކާ ގުޅޭ ހެކި ހޯދުމާއި ލިޔެކިޔުންތައް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ދެ ދާއިރާއެވެ.

މި މަހުގެ 23 އިން 27 އަށް ކުރިއަށްދާ މި ޓްރެއިނިންގގައި ސައިބަރ ކްރައިމްގެ މައްސަލަތައް ބަލާ ޕްރޮސެކިއުޓަރުންނާއި ނެޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ މެމްބަރުންގެ އިތުރުން ފިލިޕީންސްގެ ފުލުހުން ވެސް ބައިވެރިވެއެވެ. ފިލިޕީންސް ފުލުހުންގެ ތެރޭގައި، އެ ގައުމުގެ ރީޖަނަލް ސައިބަރ ކްރައިމް ޔުނިޓާއި، ވިމެން އެންޑް ޗިލްޑްރެންސް ޕްރޮޓެކްޝަން ޑެސްކާއި ސައިބަރ ކްރައިމްގެ މައްސަލަތައް ތަޙުޤީޤުކުރާ ފުލުހުން ހިމެނެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ އިންޓަޕޯލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ. މީގެ މަޤްޞަދަކީ ސައިބަރ ކްރައިމް އާ ގުޅޭ މައްސަލަތައް ތަޙުޤީޤުކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި ޕްރޮގްރާމުގައި ބައިވެރިވެ ކިޔަވައިދިނުމަކީ ދިވެހިރާއްޖޭގެ ފުލުހުންގެ ތަޖުރިބާއާއި ހުނަރު ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވިގެންދިޔަ ކަމެކެވެ. 

މިއަދު އޮންލައިން