ޒުވާނުންނަށް ހުރިހާ ފަންނުތަކަކުންވެސް ކުރިއަރައިދެވޭނެ މަގު ފަހިކޮށްދޭނަން! ފައިސާ އާއި ވަސީލަތްތައް ފަހިކޮށްދޭނަން!: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 32ސ
ޒުވާނުންނަށް ހުރިހާ ފަންނުތަކަކުންވެސް ކުރިއަރައިދެވޭނެ މަގު ފަހިކޮށްދޭނަން! ފައިސާ އާއި ވަސީލަތްތައް ފަހިކޮށްދޭނަން!: ރައީސް

سْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، މި ހުނަރުވެރި، ފަންނުވެރި ކުރެހުންތައް ކުރެއްސެވި ހުރިހާ ފަންނުވެރިން އަދި މި ކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތައް، އެންމެހައި ޢިއްޒަތްތެރިން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ. 

އާދެ، އަޅުގަނޑު ފުރަތަމަވެސް ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް މިތަނުން ފެނުނު ކޮންމެ މަންޒަރަކީ، ކޮންމެ ކުރެހުމަކީ، ކޮންމެ އާޓަކީ ވަރަށް ފުރިހަމަ، ވަރަށް ހުނަރުވެރި މަސައްކަތެކޭ. ވަރަށް ވިސްނުންތެރި، ބްރައިޓް މައިންޑްތަކަކުން، ވަރަށް ހުނަރުވެރި އަތްތަކަކުން ކޮށްފައިވާ ވަރަށް ފުރިހަމަ މަސައްކަތްތަކެކޭ. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް މަރުޙަބާ ދަންނަވަން. 

ރައީސް ޑރ. މުޢިއްޒު ދެއްވާ ޔަޤީންކަން: 

އާދެ، އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، ސަރުކާރުން ތިޔަބޭފުޅުންނަށް، އަދި މި ކަމުގައި، މި އިންޑަސްޓްރީގައި މަސައްކަތްކުރާ، އަދި މި އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ ހުރިހާ ކުދިންނަށާއި، ހުނަރުވެރިންނަށް ފުރިހަމަ ފުރުޞަތުތައް އިރާދަކުރެއްވިއްޔާ ހުޅުވައިދޭނެކަމުގެ ޔަޤީންކަން. 

އެގޮތުން، އެއް ކަމަކަށް މި ފަންނު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެމް.އޭ.ސީ.އާ އަދި ސަރުކާރުގެ އެކިއެކި ޕްރޮގްރާމްތަކުގެތެރެއިން، އަމިއްލަ ޖަމާޢަތްތަކަށާއި، އެހެން ޖަމާޢަތްތަކަށް އަދި މި ކަމުގެތެރެއަށް ވަންނަ، ކުރެހުމުގެ ފަންނު ދަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުގެ ބަޖެޓުގެތެރެއިން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުންފެށިގެން ހަމަޖައްސަދޭނަން. ފަންނުވެރިންނަށް ބޭނުންވާ އެކިކަހަލަ އާލާތްތައް، މެޓީރިއަލް ހޯދުމަށްޓަކައި ބޭނުންވާނެ ފަންޑު މީގެތެރޭގައި ހިމެނޭނެ. އަދި ހަމައެއާއެކީގައި، އެހެނިހެން ގޮތްގޮތުންވެސް ކުރިއަށް ދިޔުމުގައި ވަކިބަޖެޓެއް ކަނޑައަޅައި، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުންފެށިގެން އެ ފުރުޞަތު ހުޅުވައި ދޭނަން. 

އާދެ، މި ވަގުތު މާބޮޑު ބަޖެޓެއްނެތް. ދެންމެ ތިޔަ ވިދާޅުވިފަދައިން އެކަހަލަ ފުރުޞަތުތައް މިހާރު ވަރަށްހަނި. މި އަންނަ އަހަރުންފެށިގެން އިރާދަކުރެއްވިއްޔާ ޔޫތު މިނިސްޓްރީގެ ބަޖެޓުގެތެރެއިން، މި އިންޑަސްޓްރީއަށް ޚަރަދުކުރުމަށް ތިޔަބޭފުޅުންނަށް ގްރާންޓް ގޮތުގައި ދޫކުރުމަށް، ކަނޑައެޅޭ އުސޫލެއްގެތެރެއިން ފަންސަވީސް މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަމަޖައްސައިދޭނަން. އަދި ހަމައެއާއެކީގައި، ސްޕޭސްގެ ވާހަކަ އެބަ ދެކެވޭ. މިތަނަކުން ނުފުދޭނެޔޭ. އާދެ، މި އެގްޒިބިޓް ކުރާ ކޮންމެ އެއްޗެއް ތިޔަބޭފުޅުންގެ އުންމީދަކަށްވާނީ، މީގެ ޒަރީޢާއިން ތިޔައިން ކޮންމެ އާޓިސްޓަކަށް، ތިޔަބޭފުޅުންގެ ކެރިއަރ ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ލިބެން. އާމްދަނީ ހޯދޭނެ ގޮތްތައް ފަހިވާން. 

އެހެންވީމާ، އެ ފުރުޞަތު ހޯދައި ދިނުމުގައި އެކިކަހަލަ ކަންތައްތައް ކޮށްދޭނެ ވާހަކަ މި ދަންނަވަނީ. 

އޭގެތެރޭގައި، އެއްކަމަކީ، މިކަހަލަ އެގްޒިބިޝަންސްތައް ބޭއްވުމަށްޓަކައި ޖާގަ އިތުރުކޮށް ދިނުން. މި އިމާރާތުން ޖާގަ އިތުރު ކުރެވޭނެވަރަކަށް އިތުރުކޮށް ދޭނަން. އެކަމަކު ވަރަށް ލިމިޓެޑް ސްޕޭސްއެއް އިތުރުވާނީ. ކޮންމެގޮތެއްވިޔަސް މިއަށްވުރެ ޖާގަ އިތުރުކޮށްދޭނަން. އަދި އޭގެއިތުރަށް، އަޅުގަނޑު ގަސްތު ކުރަނީ ކުރިއަށް އޮތްތަނުގައި، މިހާރު ކެބިނެޓުން ނިންމާފައި އޮތް އެއް ނިންމުމުގެތެރޭގައި ހިމެނޭނެ، ޔޫތު މިނިސްޓްރީއަށް ބޭނުންވާ، ޔޫތު މިނިސްޓްރީގެ ދަށުން މިހިންގާ އެކިކަހަލަ ކަންކަމަށް، އެ ތަފުސީލު މި ވަގުތު އަޅުގަނޑު މުޅިން ހާމަނުކުރިއަސް އޭގެތެރޭގައި ހިމެނޭނެ އެއް ދާއިރާއަކަށް މި ދާއިރާ ހިމެނިގެންދާނެ. އެގޮތުން، ހުޅުމާލޭގައި އަޅުގަނޑުމެން ކުރިޔަށް ގެންދަން ނިންމާފައިވާ އެއް މަޝްރޫޢަކީ، މި ދެންނެވިގޮތަށް މި ފަންނަށާއި އަދި ޔޫތު މިނިސްޓްރީގެ ދަށުން ހިންގޭ، ބެލެހެއްޓޭ އެކިއެކި ދާއިރާތަކުގެ އެކިއެކި ކަންކަމަށް ބޭނުންވާ ޖާގަ ހަމަޖެއްސުން. އެކަމަށްޓަކައި ވީހާވެސް އަވަހަކަށް މަސައްކަތްތަކެއް ފަށައި އެކަން ހާސިލުކުރުން. 

އެހެންވީމާ، ކުރުގޮތަކަށް ދަންނަވަންޏާ މާލެއިން ޖާގަ ހަމަޖެއްސުމާއި އަދި އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި މާލެއަށްވުރެ ބޮޑު ޖާގައެއް ހަމަޖެހިގެންދާގޮތަށް ކަންތައްތައް ހަމަޖެއްސުން. ނަތީޖާއަކަށްވާނީ، މިކަހަލަ މައުރަޒުތައް ބޭއްވުމަށް ތިޔަބޭފުޅުންނަށް ލިބޭ ޖާގަ އެތައްގުނައަކުން އިރާދަކުރެއްވިއްޔާ އިތުރުވެގެންދިޔުން. އިރާދަކުރެއްވިއްޔާ އެކަންތައް ކޮށްދޭނަން. އަދި 

ހަމައެއާއެކީގައި، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ދެންމެ އެމް.އޭ.ސީ.ގެ ރައީސް ފާހަގަކުރެއްވިގޮތަށް، ޗެއަރޕަރސަން ފާހަގަކުރެއްވިގޮތަށް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ޓޫރިޒަމް އިންޑަސްޓްރީއަށް ޚާއްޞަކޮށް، އަމާޒުކޮށް މައުރަޒުތައް ބޭއްވޭނެމަގު ސަރުކާރުން ފަހިކޮށްދޭނަން. އަދި އޭގެއިތުރަށް، އަޅުގަނޑުމެންނާއި އެކިއެކި ފަރާތްތަކާ ވާހަކަ ދެކެވިގެން، ރަޙުމަތްތެރި އެކި ޤައުމުތަކާ ވާހަކަ ދެކެވި، ތިޔަބޭފުޅުންނަށް އެންމެބޮޑަށް ފުރުޞަތު ހުޅުވައިލެވޭނެ މަގުތައް ބަލައި، ރާއްޖެއިން ބޭރުގައި އަޅުގަނޑުމެން ބާއްވާ އެކިކަހަލަ ފޯރަމްތަކުގެތެރެއިން ޖާގަ ހޯދައި، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ކުރިއަރައިގެން ދިޔުމުގެ ފުރުޞަތު އަޅުގަނޑުމެން ހޯދަދޭނަން. އެ ޔަޤީންކަން އަޅުގަނޑު ދެން. 

ހަމަ އެއާއެކީގައި އަޅުގަނޑުމެންގެ އިޤްތިޞާދީ މެނިފެސްޓޯގައި ހިމެނޭ އެއް ކަމަކީ، ކްރިއޭޓަރ އިކޮނޮމީއެއް ގާއިމުކޮށްދިނުން. މިކަހަލަ ފަންނުވެރިންގެ ކުރެހުންތަކާއި ފަންނުތައް، ފަންނުވެރި މަސައްކަތްތައް ވަރަށް ފުޅާ. އާޓިސްޓުންނަށާއި އެކި ކަހަލަ، އެކިއެކި އެހެން އައި.ޓީ. ދާއިރާތަކުގެ ފަންނުވެރިންނަށާއި، އެކިކަހަލަ އަތްތެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް. ދެން ޖުމްލަކޮށް ކްރިއޭޓަރ އިކޮނޮމީއަކަށް އަޅުގަނޑުމެންގެ މި އަތުން، އަތްތަކުން، ވިސްނުންތަކުން، ސިކުނޑިން މި ކުރެވޭ މަސައްކަތްތަކުން މި އުފެދޭ ޓެލެންޓް، މެޓީރިއަލް ޓެލެންޓް، އަދި އެހެނިހެން އިންޓެލެކްޗުއަލް ޓެލެންޓް ބޭނުންކޮށްގެން މި އުފައްދާ އުފެއްދުންތައް ވިއްކޭނެގޮތް، އިންޓަރނޭޝަނަލް ޑިޖިޓަލް ޕްލެޓްފޯމްގައި ވިއްކޭނެގޮތް މަގުފަހިކޮށްދިނުން އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު އެއް ކަންތައް. އެކިކަހަލަ އިންޓަރނޭޝަނަލް ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓްތައް ކްރިއޭޓްކޮށް، ޕޭމަންޓް ފުރިހަމަ ގޭޓްވޭ ނިޒާމް ގާއިމުކޮށްދިނުން. މި މަސައްކަތް މިހާރު ފެށިފައިވަނީ. އެހެންނަމަވެސް، އަދި ނަތީޖާއާ ހަމައަށް ނުދަނީ. ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމެއް. ލީގަލް އަދި އެކިކަހަލަ އެހެން މަސައްކަތްތައް އެދަނީ ކުރެވެމުން. 

މަސައްކަތްތެރިންގެ މަސައްކަތް ވިއްކޭނެ މަގު ފަހިކޮށްދޭނަން:

ދަންނަވަން މި އުޅޭ ވާހަކައަކީ، ތިޔަބޭފުޅުންގެ ހުނަރުތައް ވިއްކުމުގެ ފުރުޞަތު ހުޅުވައިލަދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް އެބަކުރެވެއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭނެ ޔަޤީންކަމަކީ، އެ މަސައްކަތްތައް ކާމިޔާބުވާނޭކަމުގެ ޔަޤީންކަން. ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ތިޔަބޭފުޅުންގެ ތިޔަ މަސައްކަތް ވިއްކައި، އެއިން އާމްދަނީ ހޯދުމުގެ މަސައްކަތްތައް ފަހިވެގެންދާނެ. އެހެންވީމާ، އެ އަމާޒަށް މަސައްކަތް ކުރަމުން ދާ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. 

އެހެންވީމާ، ޖުމްލަ ގޮތެއްގައި ގްރާންޓް، ހިލޭ އެހީ، ޖަމުޢިއްޔާއަށް އަދި އިންޑިވިޖުއަލް އާޓިސްޓުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެގްޒިބިޓް ކުރާނެ ޖާގަ، މާލެއާއި ހުޅުމާލޭގައި ދާއިމީ ޖާގަ ހަމަޖައްސައިދިނުމާއި އަދި ހަމަ އޭގެ އިތުރަށް، މި މަސައްކަތް ކުރާނެ ޖާގަ، ސްޓޫޑިއޯ ފެސިލިޓީ ޖާގަ، މި ދެންނެވި ހުޅުމާލޭގައި ގާއިމު ކުރާ ޖާގައިގެ ތެރޭގައި ހިމެނޭނެ. އެ ކަނޑައެޅޭ އުސޫލަކުން އެ ޖާގަ ތިޔަބޭފުޅުންނަށް ލިބޭނެގޮތެއް، އާޓިސްޓުންނަށް ވަކި ނިޒާމަކުންގޮސް މަސައްކަތް ކުރެވޭނެ، ކުރެހުންތައް ހެދުމަށްޓަކައި މަސައްކަތްކުރާނެ ޖާގަ އޭގެ ތެރެއިން ހަމަޖެހިގެން ދާނެ. އެކަން ކުރުމަށް ރާއްޖޭގެ އެކި ތަންތާނގައި މައުރަޒުތައް ހިންގޭނެ ފުރުޞަތާއި، ރާއްޖެއިން ބޭރުގައި ހިންގާނެ ފުރުޞަތާ، މި ހުރިހާ ކަމެއް ފަހިކޮށްދިނުމަކީ އަޅުގަނޑު ތިޔަބޭފުޅުންނަށް އުފަލާއެކީގައި ދޭ ޔަޤީންކަމެއް. އިރާދަކުރެއްވިއްޔާ އެ ކަންކަން ކޮށްދޭނަން. 

އާދެ، ރާއްޖެ ކުރިއަރައިގެން ދާނީ ރާއްޖޭގައި ތިބި ޒުވާނުންނާއި، އެކިއެކި ފަންނުތަކުގެ ފަރާތްތަކަށް އެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީގެން. 

އިމާރާތްތަކެއް އެޅިޔަސް އަދި ކުރިއަރައިގެންނެއް ނުދޭ. ސިކުނޑިތައް ކުރިއަރައިގެން ދާން ފުރުޞަތު ދޭންޖެހޭ. ސިކުނޑިތައް ކުރިއަރައިގެން ދާން ފުރުޞަތު ދެވެނީ، އެކަމަށްޓަކައި މަސައްކަތް ކުރުމުގެ ނިޔަތެއް އޮތިއްޔާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނިޔަތް އެބައޮތް. އަޅުގަނޑަށް ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރަށް ބޭނުންވަނީ، ތިޔަބޭފުޅުން މިނިވަން ޚިޔާލު ދެއްވަން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތް ހިއްސާ ކޮށްދެއްވުން. ހިއްސާ ކުރީމާ އަޅުގަނޑު ބަލާނަން އެގޮތަކަށް އެ ކަންކަން ބައްޓަން ކޮށްދެވޭތޯ. 

އެހެންވީމާ، އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން އިރާދަކުރެއްވިއްޔާ އަމިއްލަ ކުރިއެރުމާއި، ޖަމާޢަތުގެ ކުރިއެރުމާއި، ޤައުމަށް ކުރިއެރުން ލިބިގެން ދާނެ. 

ޢަޅުގަނޑުގެ ދުޢާއަކީ، މިގޮތަށް ކުރެވޭ ކޮންމެ މަސައްކަތްތަކުގައި ކާމިޔާބީ ލެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާ ފާގަތިކަން މިންވަރުކުރެއްވުން. އާމީން. 

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. 

މޯލްޑިވިއަން އާޓިސްޓް ކޮމިޔުނިޓީގެ 'އަންވެއިލިންގ ވިޜަންސް 2024' ބައްލަވާލައްވައި، މޯލްޑިވިއަން އާޓިސްޓް ކޮމިޔުނިޓީއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު

މިއަދު އޮންލައިން