ކައުންސިލްތަކާ މުޅިމުޖުތަޢު ގުޅިގެން މަސައްކަތްކުރީމަ ޑްރަގުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 50ސ
ކައުންސިލްތަކާ މުޅިމުޖުތަޢު ގުޅިގެން މަސައްކަތްކުރީމަ ޑްރަގުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ!: ރައީސް ޑރ. މުޢިއްޒު

އާދެ، މިގޮތަށް މަސައްކަތް ކުރާއިރުގައި، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން ރާއްޖޭގައި މި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައިވެސް ކައުންސިލްތަކުގެ ދައުރު ވަރަށް މުހިންމުވޭ. ޑުރަގުގެ މައްސަލަ އެއީ، އެންމެ ބޮޑު އެއް މައްސަލަ. މި ޑުރަގުގެ މައްސަލަ ހައްލުކުރުމަކީ، ދުވަހަކުވެސް އަދި މި ރާއްޖޭގައި ނަތީޖާ ނެރެވުނު ކަމެއް ނޫން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، ޖަމުޢިއްޔާތަކާއި، އަދި ޖުމްލަކޮށް މުޅި މުޖުތަމަޢުގެ އެހީތެރިކަމާ އެކީގައި ނަތީޖާ ނެރެވޭނެ. 

އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވީ، މި 5 އަހަރުގެ ތެރޭގައި، އެކަށީގެންވާ ނަތީޖާއެއް މި ކަމުން ނެރުން. މިއީ، އެތައް އަހަރެއްވި، މޫލާފައި އޮތް، ވަރަށް ބޮޑު މައްސަލައެއް. އެހެންނަމަވެސް، އަޅުގަނޑުމެން ވަރުގަދަ ޢަޒުމެއްގައި، އެއް ނިޔަތެއްގައި މަސައްކަތް ކުރާނަމަ، އެ މައްސަލައަށް ދާއިމީ ހައްލު ގެނެވޭނެ. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައި އެ އޮތީ، މިކަމުގައި ކުރިއަށް ދާނެ އެކިއެކި މަގުތައް. ކުރަން ނިންމާފައި ހުރި ކަންކަން. އެކި ސަރަޙައްދު ތަކުގައި ކޮމިއުނިޓީ ބޭސް ރިހިބިލިޓޭޝަން ކުރިއަށް ގެންދިޔުމާއި، އަދި ވަރަށް ގިނަ ކަންކަން. މި ކަންކަމުގައި ލާމަރުކަޒީ ނިޒާމު ވަރަށް މުހިންމުވެގެންދާނެ. ވަރަށް މުހިންމު ދައުރެއް އަދާކުރާނެ. 

ޑުރަގުގެ މައްސަލައާއެކީގައި، ނުގަވާއިދުން އުޅޭ ބޭރު މީހުންގެ މައްސަލައާއި، އަދި އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ، އެކި ކަހަލަ ގޭންގުތައް ހަދައިގެން މަސައްކަތްކުރުމާ، މި 3 މައްސަލައަކީ މުޖުތަމަޢުގައި، ވަރަށް ބޮޑު ހައްލެއް ގެންނަން ޖެހިފައިވާ، އަދި އެ ހައްލު ގެނެވިއްޖެނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ރައްޔިތުންނަށް ލިބޭނެ ކަންކަން. 

އެހެންވީމާ، މި 3 ކަންތަކުގައި، މުހިންމު ނަތީޖާތަކެއް، ރައްޔިތުން އެދޭފަދަ ނަތީޖާތަކެއް ނެރެވޭނެ. އިރާދަކުރެއްވިއްޔާ ނެރެވޭ ގޮތަށް އަޅުގަނޑުމެން އެންމެން، ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރާނަމަ. އަޅުގަނޑުމެންގެ ޢަޒުމަކީ، ރައްޔިތުންގެ އެންމެ މުހިންމުވެފައިވާ މިކަހަލަ ކަންތައްތައް ހައްލު ކުރުމުގައި، ނަތީޖާ ނެރުން. އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ މި ކަންކަމުގައި ތިޔަ ހުރިހާ ކައުންސިލްތަކުގެ ބޭފުޅުންނާއި، އަދި އެކިއެކި ޖަމުޢިއްޔާތަކާއި، ޖަމާޢަތްތަކުގެ އެހީގައި، އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާތައް ނެރެވިގެންދާނެ. 

އާދެ، އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވާނީ، ދެންމެވެސް އަޅުގަނޑު މި ދެންނެވިފަދައިން، ރައްޔިތުންނަށް ޚިދުމަތް ކުރުން. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ތެދުވެރިވުން، އިޚްލާޞްތެރިވުން. ނުގުޑާފަދަ ޢަޒުމެއްގައި، އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތް ކުރުން. އެގޮތަށް މަސައްކަތް ކުރާނަމަ، އަޅުގަނޑުމެންނަށް ރައްޔިތުންނަށްޓަކައި، އެ ކޮށްދެވެނީ ވަރަށް ބޮޑު މަސައްކަތެއް. އަޅުގަނޑުމެން އެނބުރި ދާން އޮތީވެސް އިންތިޚާބުތައް ކުރިމަތިވީމާ، ރައްޔިތުން ގާތަށް. ރައްޔިތުން ގާތަށް ދާއިރުގައި، ރައްޔިތުން އަޅުގަނޑުމެންނަށް ހަވާލުކުރި ކަންކަން، ކޮށްދެވިއްޖެތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ. 

އެހެންވީމާ، އެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. ރައްޔިތުންގެ ގާތުން ކޮންމެ ދުވަހަކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ. އެއީ، ކައުންސިލަރުން ކަމުގައިވިޔަސް، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ކަމުގައިވިޔަސް. ކޮންމެ މީހަކީ އިންތިޚާބު ކޮށްފައި ހުރި މީހަކަށްވާނަމަ، ރައްޔިތުންނާ ގާތުގައި އަބަދުވެސް ހުންނަންޖެހޭނެ. ފެންނަ ހިސާބުގައި މަސައްކަތް ކުރަންޖެހޭނެ. އެ ގޮތަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ޢަޒުމަކަށް ހެދުމަކީ، އަޅުގަނޑު އެދޭ ގޮތް. 

އާދެ، އަދިވެސް އެއްފަހަރު މިރޭ މި އިފްތިތާޙް ކުރެވުނު މި ޚިދުމަތްތަކަކީ، އޭގެ އެންމެ ރަނގަޅު ނަތީޖާ، ނެރެވިގެންދާނެ ޚިދުމަތްތަކެއް ކަމުގައި އަޅުގަނޑު އުންމީދުކުރާ އަދި ޔަގީންކުރާ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން ގުޅިގެން މި ކަހަލަ ކަންކަމުގައި، މަސައްކަތްކުރާ ކަމުގައިވާނަމަ، ކުރިއަށް އޮތް ތަނުގައި، އަޅުގަނޑުމެންނަށް ދުވަހަކުވެސް ހާސިލުނުކުރެވި ހުރި ކަންކަމުގެ ނަތީޖާ، އަޅުގަނޑުމެން އެދޭ ގޮތަށް ހާސިލުވެގެންދާނެ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ހެޔޮގޮތުގައި ބައްޓަން ކުރުމުގައި، ކާމިޔާބީ ލިބޭ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަށް އަދަށްވުރެ ފާގަތި މާދަމައެއް މިންވަރު ކުރައްވާށި! އާމީން. 

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އޮންލައިން