ކައުންސިލަރުންގެ ޢަދަދު މަދުކޮށް މުވައްޒިފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައިމާ ކުރާނެ ފައިދާ ހުރިހާ ގޮތަކުންވެސް ބޮޑުވެ ލިބޭއުފާވެރިކަން މާބޮޑުވެގެންދާނެ!: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 42ސ
ކައުންސިލަރުންގެ ޢަދަދު މަދުކޮށް މުވައްޒިފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައިމާ ކުރާނެ ފައިދާ ހުރިހާ ގޮތަކުންވެސް ބޮޑުވެ ލިބޭއުފާވެރިކަން މާބޮޑުވެގެންދާނެ!: ރައީސް

މާލޭގައި ކޮންމެ 3000 މީހަކަށް، ނޫނީވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވިއްޔާ ފަސް ހާހެއްހާ މީހުންގެ ތެރެއިން އެކަކު މި ހޮވަނީ. އެހެންވީމާ، 3000 މީހުންގެ ތެރެއިން 3 މީހުންގެ ކައުންސިލެއް އޮވެގެން، ރައްޔިތުންގެ ފަރާތުން ދުވަހުން ދުވަހަށް މަސައްކަތް ކުރުމުގައި، ދެން އެ ލިބޭ ބަޖެޓުގެ ބޮޑު ބައެއް، އެ ކައުންސިލްގައި މަސައްކަތް ކުރާ ސިވިލް ސަރވަންޓުންނަށް ރަނގަޅު މުސާރައެއް ދެވޭ ގޮތަށް، މިހާރަށްވުރެވެސް ގިންތި ރަނގަޅު ކޮށްފައި، ދެވޭ ގޮތަށް ބައްޓަންކޮށްގެން، ހިންގީމާ އަޅުގަނޑު ހިތުން، މުޅި ކައުންސިލްގެ ހުރިހާ މުވައްޒަފުންވެސް އުފާވެރިކަމާ އެކީގައި، ރަނގަޅު ޚިދުމަތެއް ދޭނެ. 

އަދި 3000 އަށްވުރެ އާބާދީ ބޮޑެތި ރަށްތަކުގައި، އެއަށްވުރެ ތަންކޮޅެއް ގިނައިން ކައުންސިލަރުން ތިބެ، މިސާލަކަށް 3000 އިން 10000 އާ ދޭތެރޭގައި ޖުމްލަ 5 ކައުންސިލަރުން ތިބޭ ގޮތަށް ބައްޓަން ކުރުމަކީ، އަޅުގަނޑު ހިތުން ރަނގަޅު ގޮތަކަށްވާނެ. ނަމަވެސް، މި ކަންކަން ނިންމާނީ މި ކަމާ ގުޅޭ ފަންނީ ދިރާސާތަކުގެ އަލީގައި. ސިޓީ ތަކުގައި އެ ނޫން ފޯރމިއުލަރއެއް ގެންގުޅެވިދާނެ. އެހެންނަމަވެސް، މިހާރަށްވުރެ ގިނަ ނުވާ ގޮތަށް، މަދުކޮށްގެން. ހަމަ ޔަގީނުންވެސް މާލޭގައި، މިހާރު 18 ކައުންސިލަރުން އެބަ ތިބޭ. މީގެ 2 ދައުރެއް ކުރިން 11 ކައުންސިލަރުން ތިބޭނީ. ނޫނީވިއްޔާ 13 ކައުންސިލަރުން. އެހެންވީމާ، އަދަދު ކުޑަ ކުރެވިދާނެ. އަދަދު ކުޑަ ކޮށްގެން، ދޭ ޚިދުމަތް، އަދި އެއަށްވުރެ ރަނގަޅަށްވެސް ދެވޭނެ. އަދަދަކުން ވާކަމެއްނޫން މިއީކީ. ޚިދުމަތް ދެވޭ ގޮތް ފުރިހަމަކުރަން މި ޖެހެނީ. ޚިދުމަތް ދިނުމުގައި، އިޚްލާޞްތެރިވާން މި ޖެހެނީ. ޚިދުމަތް ދިނުމުގައި، ތެދުވެރިވާން މި ޖެހެނީ. ހީވާގިވާން މި ޖެހެނީ. އެކަން ކުރާކަށް ބައިބޯ ކުރާކަށް ނުޖެހޭ. 

އެހެންވީމާ، އެފިޝަންސީ އެޗީވްކުރުމުގައި، ރިޒަލްޓް އޮރިއެންޓެޑް މަސައްކަތްތަކެއް ކުރުމުގައި، އަޅުގަނޑުމެން ވިސްނުން އިސްކޮށްގެން މަސައްކަތް ކުރަންވީ. މިހާރުވެސް މަސައްކަތް ކުރަންވީ އެ ގޮތަށް. ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަންވާނީ އެ ގޮތުގައި. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ސަރުކާރުން މަސައްކަތް ކުރާނީ، ރައްޔިތުންނާ އެކީގައި މަސައްކަތް ކުރަން ހޮވާފައި ތިއްބެވި ބޭފުޅުން އެންމެ އިސްކޮށްގެން، އެ ބޭފުޅުން ލައްވާ ކަންތައްތައް ކުރެވޭނެ ގޮތަކަށް. އެއީ، ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާނެ ގޮތަށް، ކުރެވޭނެ ގޮތަށް. 

އެހެންވީމާ، ކުރިއަށް އޮތް ތަނުގައި ގިނަ ޚިދުމަތްތަކެއް މިހާރަށްވުރެވެސް ބޮޑަށް، ލާމަރުކަޒު ކުރެވިގެން ދާނެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގައި، ކުރެވެން ހުރި ހުރިހާކަމެއް އެންމެ ފުޅާ މިނެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބައްޓަން ކުރާނަން. 

"ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަންސް ކުރަނގި" ފޭސް 2 އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން