ލަސްތަކެއްނުވެ ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލުތަކުގެ ބަޖެޓަށް ޖަމާކުރާގޮތަށް ހަމަޖެހިގެންދާނެ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 58ސ
ލަސްތަކެއްނުވެ ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލުތަކުގެ ބަޖެޓަށް ޖަމާކުރާގޮތަށް ހަމަޖެހިގެންދާނެ!: ރައީސް ޑރ. މުޢިއްޒު

އަޅުގަނޑު އިޢުލާނުކޮށްފައިވާގޮތަށް އިރާދަކުރެއްވިއްޔާ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި، މިކަންކަން ކުރުމާއެކީގައި، ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް މި ލިބޭ އާމްދަނީގެ ތެރެއިން، ވަކި އިންސައްތައެއް ކައުންސިލުތަކުގެ ބަޖެޓަށް ޖަމާކުރާގޮތަށް އެ ނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލަސްތަކެއްނުވެ ތަންފީޒުކުރަން ފަށާނަން.  

އަދި ހަމަ އެއާއެކީގައި، މިހާރު އިޢުލާނުކޮށް އަދި ޢަމަލުކުރަން ފަށާފައިވާ ގަވާއިދުގެތެރެއިން އެކިއެކި ފަޅުރަށްތައް ހޯދައިގެން މެދުރާސްތާގެ ޕްލޭނެއްގެ ތެރެއިން، ވަކި ކަނޑައެޅޭ މަސައްކަތްތަކެއްކޮށް އާމްދަނީ ހޯދުމުގެ ފުރުޞަތުވެސް އެވަނީ ހުޅުވައިލެވިފައި. އަދިވެސް ބައެއް ރަށްރަށުގެ ކައުންސިލުތަކުގެ އިޚުތިޞާޞްތަކުގެ ތެރޭގައި، ބައެއް ފަޅުތަކާއި، ބައެއް ތަންތަން ހިމެނުމުގެ ފުރުޞަތުވެސް ޤާނޫނީ އިމުގެ ތެރެއިން ދެވެންއޮތް އެންމެ ފުޅާމިނެއްގައި މިދަނީ ދެމުން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނާގާތުން ޚިދުމަތްކުރުމުގައި ކައުންސިލުތައް އެއީ، އެންމެ ފުރިހަމައަށް މަސައްކަތްކުރާ ތަނަކަށް ހެދުމަށް. 

އެހެންވީމާ، ކުރިއަށްއޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކުރިއަށް ގެންދެވޭނެ. އެހެންނަމަވެސް، މިގޮތަށް މި މަސައްކަތް ކުރާއިރުގައި، ރާއްޖޭގެ މި ނިޒާމުގައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެންމެ އެކަށީގެންވާ ގޮތަކަށް މި ނިޒާމު ބައްޓަންކުރަން އެބަޖެހޭ. ކައުންސިލުތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ކުރިއަށްއޮތް ތަނުގައި ކައުންސިލުތައް އިންތިޚާބުކުރެވިގެންދާ ގޮތާއި، ކައުންސިލުތައް އެކުލެވިގެންވާގޮތާއި، މިކަންކަމަށް ގެންނަންޖެހޭނެ ބަދަލުތައް ގެނައުމުގެ ވާހަކަ އަޅުގަނޑު ވާނީ މިހާރު އިޢުލާނުކޮށްފައި. އެކަމަކީ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި ކަމާގުޅޭ ޤާނޫނުތަކަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން، ރައްޔިތުންނަށް އެންމެ އެކަށީގެންވާކަހަލަ ގޮތަކަށް ކުރިއަށްއޮތް ކައުންސިލުތަކާބެހޭ އިންތިޚާބު އަންނަންވާއިރަށް ބައްޓަންކުރެވިގެން ދާނެކަމެއް. 

އަޅުގަނޑުމެންގެ މި ރާއްޖޭގައި، މި ނިޒާމު ތަންފީޒުކުރުމުގައި ވަރަށްބޮޑު، ބުރަހެލިގޮތަކަށް ބައެއް ކަންތައްތައް ރޭވިފައި މިވަނީ. ކައުންސިލުތަކުގެ ސައިޒު، އަދަދު ކަނޑައެޅުމަށް މިކަހަލަ ކަންތައްތައް ސްޓްރީމްލައިން ކުރެވުނީމަ، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެންމެ އިފެކްޓިވްކޮށް އެންމެ އެފިޝަންޓްކޮށް ޚިދުމަތް ދިނުން އަޅުގަނޑުމެންނަށް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދެވޭނެ. އާދެ، އެންމެކުޑަ ރަށެއްގައިވެސް އެއީ، ދެތިން ސަތޭކަ މީހުންގެ އާބާދީގެ ރަށެއްގައިވެސް، މިސާލަކަށް ފަސް ކައުސިލަރުން އެބަތިބޭ. މިގޮތަށް އާބާދީ ކިތަންމެ ކުޑަ ރަށެއްގައިވިޔަސް ވަރަށްގިނަ އަދަދެއްގެ މީހުން އިންތިޚާބުކޮށްގެން ވަރަށްގިނަ ޚަރަދުތަކެއް، ކޮންމެ ދުވަހަކު، ކޮންމެ މަހަކު ކުރަންޖެހޭގޮތަށް މި ނިޒާމު ބައްޓަންވެފައި އޮތީމަ އެއިން ނުކުންނަންޖެހޭ ނަތީޖާ އެންމެރަނގަޅަކަށް ނުއެއް ނުކުމޭ.

އެއަށްވުރެ މާ އެފިޝަންޓްކޮށް، ރައްޔިތުން ހޮވާފައި ތިބޭ ކައުންސިލަރުން ތިބެގެން، އެއަށްވުރެ އަދަދު މަދުކޮށް ތިބެގެން، ކުރިއަށް ގެންދެވޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، އެކަމާ މެދުގައި ދިރާސާ ކުރެވި، މަޝްވަރާ ކުރެވި، އެކަށީގެންވާ ގޮތަކަށް ބައްޓަން ކުރުމަކީ، އަޅުގަނޑުމެން ވިސްނައިފައި އޮތް ގޮތް. މި ކަމުގައި ފަންނީ ދިރާސާތައްވެސް އިރާދަކުރެއްވިއްޔާ ދަނީ ކުރެވެމުން. ދެންމެގައި މިނިސްޓަރ އެ ވިދާޅުވިގޮތަށް ޤައުމީ ޔުނިވަރސިޓީގައިވެސް އެކަމާ ގުޅޭ ދިރާސާތަކެއް އެބަ ކުރެވޭ. 

އަޅުގަނޑު ހިތުން 3000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި، 3 ބޭފުޅަކު، 3 މީހަކު، އިންތިޚާބު ކުރީމާ ފުދޭނެ. ކައުންސިލްގެ ރައީސަކާއި، އަދި އިތުރު 2 ބޭފުޅުން. އޭގެތެރެއިން 1 ބޭފުޅަކީ، އަންހެނުންގެ ފަރާތުން އިންތިޚާބު ކުރާ އަންހެނުންގެ ރައީސާއަކަށްވުމާއި، އަދި 1 ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިޚާބު ކުރެވޭ، ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ މީހަކަށްވެ، 3 ބޭފުޅުން ތިބެ، ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް، ދެން ހޮވާ 2 ބޭފުޅުންގެ ތެރެއިން ކައުންސިލްގެ ނައިބު ރައީސް، އެ ވޯޓުގެ ތެރެއިން ރައްޔިތުން ޚިޔާރު ކުރީމާ، ކައުންސިލްގެ ރައީސަކާއި، ނައިބު ރައީސަކާ ހުރެ، އަދި އިތުރު ބޭފުޅަކު ހުންނާނެ. އަންހެނުން ރިޕްރެޒެންޓް ކުރެވި، ޒުވާނުން ރިޕްރެޒެންޓް ކުރެވިގެންވެސް އެބަދޭ. 3000 މީހުންނަށްވުރެ ބޮޑު ނޫން އާބާދީތަކުގައި. 

"ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަންސް ކުރަނގި" ފޭސް 2 އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން