ހަމައެއާއެކީގައި، ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ކޮންމެރަށެއްގައި އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކީގައި މާލެ ނައިސް ޚިދުމަތް ހޯދޭނެ ނިޒާމު ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ކަންކަން އެހެރީ.
އޭގެތެރެއިން އައި.ޑީ.ކާޑާއި ޕާސްޕޯޓާ މިފަދަ ޚިދުމަތް ރައްޔިތުން އެ ތިބި ތަނަކުން ލިބޭނެގޮތްހެދުން އެއީ، އަޅުގަނޑުމެންގެ ސިޔާސަތު. މެނިފެސްޓޯގައި އެކަން ލިޔެފައިވާނެ. އަޅުގަނޑުމެންވާނީ އެކަންކަން އިޢުލާނުކޮށްފައި. ކެމްޕެއިންތެރޭގައިވެސް، ވަރަށްގިނަ ރަށްތަކުގައި އަޅުގަނޑު އެ ވާހަކަ ދެއްކިން.
ކޮންމެ އަތޮޅަކުން، އަތޮޅުވެރިކަންކުރާ ކޮންމެ ރަށަކުން ޕާސްޕޯޓުހެދޭނެ ގޮތާއި، ލިބޭނެގޮތާއި، ކޮންމެރަށަކުން އައި.ޑީ.ކާޑު ލިބޭނެގޮތާއި، މިފަދަ ގިނަ ކަންތައްތަކެއް، އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ފުރިހަމަކުރެވި، ކުރިއަށްއޮތް ދުވަސްތަކުގައި، މިކަމުގައި އެކި އުމުރުފުރާގެ ރައްޔިތުންނަށާއި، ހުރިހާ ބޭފުޅުންނަށް ހިތްހަމަޖެހުން ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.
އާދެ، ކައުންސިލުތައް ބާރުވެރިކުރުވުމަކީ، ކައުންސިލުތަކަށް ރައްޔިތުންގެ ފަރާތުން ކައުންސިލުތަކުގެ ކިބައިން އެދޭ ކަންތައްތައް ކުރުމުގައި ބާރުވެރިކުރުވުމަކީ، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. ރައްޔިތުން ސީދާ ހޮވާފައިތިބޭ ބަޔަކު ރައްޔިތުންނާ އެންމެގާތުން މަސައްކަތްކުރުމުގެ ޒިންމާ، ޤާނޫނުން މަތިކޮށްފައިތިބި ބަޔަކު އެ ޚިދުމަތް ދިނުމުގައި، އެ މަސައްކަތް ކުރުމުގައި ބާރުވެރިކަން ސަރުކާރުން ނުދޭނަމަ، އެ ޚިދުމަތެއް އެންމެރަނގަޅަކަށް ނުދެވޭނެ. އެހެންވީމާ، ސަރުކާރުން ނިންމާފައި މިވަނީ މިފަދަ ހުރިހާ ކަމަކަށް މަގުފަހިކޮށްދިނުމަށް. އެއީ، އިޖުތިމާޢީގޮތުންކުރާ ކަންކަމުގައިވެސް އަދި އިޤުތިޞާދީގޮތުންވެސް ކަންކަމުގައި ބާރުވެރިކަން ދިނުމަށް.
"ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަންސް ކުރަނގި" ފޭސް 2 އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން