އާދެ، ކިޔަވައި ނިމުމަށްފަހު ދެން ފަށާނީ ޢަމަލީ މައިދާނުގައި އެކިކަހަލަ މަސައްކަތް. އެކިކަހަލަ ޗެލެންޖުތަކާ ކުރިމަތިވާނެ. މިކަހަލަ ހަފުލާއެއް ދެނެއް ނޯންނާނެ. މިތަނުގައި މި ދައްކާ ވާހަކަ މިއީ، ތިޔަ ކުދިންގެ ހިތުގައި އަބަދު ހަރުލައިފައި ހުންނާނެ ވާހަކައަކަށް ވުމަކީ، އަދި މި ދަންނަވާ ވާހަކަތަކަކީ، އަބަދުވެސް ތިޔަ ކުދިން ހަނދާން ބަހައްޓާނެ ވާހަކަތަކަކަށް ވުމަކީ އަޅުގަނޑު އެދޭ އެދުން. އެއީ، ތިޔަ ކުދިންނަށް ހެޔޮގޮތް އަޅުގަނޑު އެދޭތީ، އަޅުގަނޑު ދައްކާ ވާހަކަ. އަބަދުވެސް ވިސްނަންވީ، ތިމަންނަ މިކުރާ މަސައްކަތްކޮށްގެން ތިމަންނަގެ ނަފުސަށް، އާއިލާއަށް ކަންތައްތަކެއް ކޮށްދިނުމުގެ އިތުރަށް، މުޖުތަމަޢަށް، ޤައުމަށްވެސް ކަންތައްތަކެއް ކޮށްދިނުމަށް، އެ ވިސްނުން ވިސްނަންވީ.
މިއަދު މި ފަށާ މަރުޙަލާގައި، ކިޔަވައި ނިމިގެން، ދެން ޢަމަލީ މައިދާނަށް އެކި ދާއިރާތަކުން މަސައްކަތް ކުރަން ނުކުންނަ އިރުގައި، މި ދެންނެވި ގޮތަށް، ޤައުމަށް ތިމަންނައަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނަން އެބަޖެހޭ. މިއީ، ޙަޤީޤަތުގައި ވަރަށް އުނދަގޫކަމެއް، މިހާ ފަސޭހައިން ދަންނަވާލެވުނަސް، ހާލަތު އޮތް ގޮތުން.
މި ރާއްޖޭގައި އަދި މުޅިން ހުރިހާ ކަމެއް ހުރީކީ އެންމެ ފުރިހަމައަކަށް ނޫން. އެއީ، ގެދޮރުވެރިކަމުގެ ގޮތުން ބެއްޔަސް، ތިޔައިގެ ތެރެއިން ގިނަ ކުދިން އުޅޭނީ، ވަރަށް ހާލުގައި، ކުއްޔަށް. ޑިއުޓީ ބަހައިގެން ނިދާ ގެތައްވެސް މަދެއްނޫން މާލޭގައި. އެކި ކުދިން، އެކި އާއިލާގެ އެކި މީހުން، ހޯދާ އާމްދަނީ ޕޫލްކޮށްގެން، ރެންޓް ދައްކައިގެން، ކުލި ދައްކައިގެން އުޅޭ ކުދިން މަދެއް ނުވާނެ. މިރޭ ތިޔަ ހޯދި މަތިވެރި ކާމިޔާބީ ހޯދުމުގައި، ވަރަށް ހާލުގައި ހޯމްވާރކް ހަދައި، ކިޔެވި ކުދިން މަދެއް ނުވާނެ. އެތައް ދަތި އުނދަގުލެއް ކަނޑައްތު ކުރި ކުދިން މަދެއް ނުވާނެ.
ގެދޮރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ކަންތައް އޮތީކީ މުޅިން ރަނގަޅަކަށް ނޫން. އެހެންވީމާ، ވަރަށް ގިނަ ކުދިން ކިޔަވައި ނިމިގެން ރާއްޖެ ނައިސް އެބަ މަޑުކުރޭ. އެއީ، މިތަނަށް އައިސް އުޅެވޭނެގޮތެއް ނެތީމާ، މިއަދާ ހަމައަށް އައިއިރުގައި. އެހެންވީމާ، އަޅުގަނޑު އެންމެ އިސްކަމެއްދޭ ކަމަކަށް ކަނޑައެޅީ، ގެދޮރުވެރިކަމުގައި މިއޮތް ދަތިކަން ރާއްޖެއިން ފިލުވައިލުމުގެ މަސައްކަތް.
އަޅުގަނޑު އެދެނީ، ތިޔަކުދިން ކިޔަވައި ނިމިގެން އެނބުރި އަންނާނީ މި ރާއްޖެއަށް ކަމުގައި ކަނޑައެޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށައިފައި މި އޮތް މަސައްކަތް، ގެދޮރުވެރިކަމުގެ އަމާޒު ހާސިލުކުރުމަށް ފަށައިފައި މިއޮތް މަސައްކަތް، އިންޝާ ﷲ ކާމިޔާބު ކުރާނަން. އޭރުން ތިޔަކުދިން އަމިއްލަ ދިރިއުޅުމެއް ފެށުމަށްޓަކައި، ބޭނުންވާ ގެދޮރުވެރިކަމާއި، އާއިލާއާ އެކީގައި އުޅުމަށް ބޭނުންވާނެ ގެދޮރުވެރިކަމާއި، މި ހުރިހާ އޮޕްޝަނަކަށް ވާގޮތަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދޭނަން.
ދެން ބޭނުންވަނީ ވަޒީފާގެ ފުރުޞަތުތައް ދޮގެއްތޯ. ވަޒީފާގެ ފުރުޞަތުތަކަށް ބަލާއިރުގައިވެސް، މިހާރު އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ މި ހުރި ވަރަށް ގިނަ ދާއިރާތަކަކީ، ހަމައެކަނި ދިވެހިންނަށް ޚާއްޞަ ދާއިރާތަކަށް ހެދުމުގެ މަސައްކަތް ކުރުމަށް. އެކި މަރުޙަލާތަކުންގޮސް ކުރިއަށް އޮތް ދެތިން ހަތަރު އަހަރު، ގިނަވެގެން ފަސްވަރަކަށް އަހަރުގެ ތެރޭގައި ގިނަ ދާއިރާތައް ބަދަލުވެގެންދާނީ، ދިވެހިންނަށް ޚާއްޞަ، ދިވެހިން އެކަނި ވަޒީފާ އަދާކުރާ ދާއިރާތަކަށް. އެ ފުރުޞަތު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. އަދި އެވަރަކުންވެސް ނުނިމޭ، ހަމައެކަނި ފުރުޞަތު ލިބުމަކުންނެއް. ތިޔަކުދިން އެނބުރި އައިސް މާބޮޑު އާމްދަނީއެއް ހޯދޭނެ ގޮތެއް ނެތް. އަޅުގަނޑު އެދެނީ މިކަމާ މެދު ވިސްނުމަށް.
މި ރާއްޖެ ތަރައްޤީކުރުމަށްޓަކައި، ސަރުކާރުން އެކިއެކި ދާއިރާތަކުން ކުރަން ނިންމާފައި މިހިރަ މަސައްކަތްތަކަށް އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ދިވެހިން އެބަ ބޭނުންވޭ. މިހާރުވެސް ކިޔަވައިގެން އައިސް ތިބި އެތައް ބަޔަކު އެބަތިބި ޕްރައިވެޓް ސެކްޓަރގައި. ސަރުކާރުން މި ހިންގާ އެއްވެސް ކަމެއްގައި ބައިވެރިވާން ބަލާއިރުގައި، އެކަށީގެންވާ އާމްދަނީއެއް ނުލިބޭ. އެހެންވީމާވެސް ރާއްޖެ ނައިސް އެތައް ކުދިންނެއް އެބަތިބޭ، ރާއްޖެއިން ބޭރުގައި މަޑުކޮށްގެން. އެކި ޤައުމުތަކުގައި އެބަ ތިބި. އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ. އެކަން ބަދަލުކުރުމަށްޓަކައި، ސަރުކާރުގެ ނިޒާމުގެ ތެރޭގައި، ޕްރައިވެޓް ސެކްޓަރގައި ލިބޭ މުސާރައާއި، އަދި އެއަށްވުރެވެސް ރަނގަޅު މުސާރައެއް ދިނުމަށް އަޅުގަނޑު ވާނީ ނިންމާފައި.
އެގޮތުން، މި ދެންނެވި ގޮތަށް، އެކި ފަންނުތަކުން ކިޔަވާ ކުދިންނަށް، ސަރުކާރުގެ މަގާމުތައް، ރަނގަޅު ފެންވަރުގެ މުސާރަ ލިބޭ މަގާމުތައް ހަމަޖެއްސުމަށްޓަކައި، މި އަންނަ އަހަރުން ފެށިގެން އަޅުގަނޑުމެން ޢުމްރާނީ ތަރައްޤީއަށް މިކުރާ ޚަރަދުން، އެއްބައި ނަގައި، އިންސާނީ ތަރައްޤީއަށްޓަކައި ޚަރަދުކުރުމަށް ނިންމައި، އަޅުގަނޑު ވާނީ 17 ނޮވެންބަރުގައި، މިދިޔަ އަހަރު އެންމެ ފުރަތަމަ ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައިވެސް ދަންނަވާފައި، ޤައުމު ބިނާކުރުމުގައި، އިރާދަކުރެއްވިއްޔާ ދެ ރޮނގަކުން ޤައުމު ބިނާކުރާނަމޭ. ޢުމްރާރީ ތަރައްޤީއާއި، އިންސާނީ ތަރައްޤީއާ، މި ދެ ދާއިރާއިންނޭ ޤައުމު ތަރައްޤީވާނީ.
އެހެންވީމާ، އިންފްރާސްޓްރަކްޗަރ ބަޖެޓުގެ ތެރެއިން، ޕީ.އެސް.އޭ.ޕީ. ބަޖެޓުގެ ތެރެއިން، މި އަންނަ އަހަރުން ފެށިގެން ދުއިސައްތަ މިލިއަން ރުފިޔާ އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކު ކަނޑައަޅާނަން. އެއީ، މި ދެންނެވިގޮތަށް އެކި ދާއިރާތަކުން ކިޔަވައިފައި ތިބި މީހުންނަށް، ސަރުކާރުގެ ތެރެއިން ރަނގަޅު ފެންވަރުގެ މުސާރައެއް މި ދެންނެވީ، ވަރަށް ބޮޑު މުސާރަ ލިބޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަށްޓަކައި.
ނަތީޖާއަކަށް ވާނީ، ޕްރައިވެޓް ސެކްޓަރުން ލިބޭ މުސާރައަށް ވުރެވެސް، ރަނގަޅު މުސާރައެއް އިރާދަކުރެއްވިއްޔާ ސަރުކާރަށް އައިސްގެން ގިނަ ދައިރާތަކުން ލިބުން. ބޭރުގައި މަޑުކުރާކަށް ނުޖެހޭނެ. ރާއްޖެއިން ބޭރުގައި ނުހުރެ، ރާއްޖެ އައިސް، ރާއްޖޭގައި މި ދެންނެވިގޮތަށް،
އެކި ދާއިރާތަކުން، އެކި ފަންނުތަކުން، ސަރުކާރުގެ އެކިއެކި މަސައްކަތް ތަކުގައި، ބައިވެރިވެ ނޭޝަން ބިލްޑް ކުރުމުގައި، އުޅުމުގައި، ފުރުޞަތު ދޭން ބޭނުން.
އެހެންވީމާ، ރާއްޖޭގައި މިހާރު ޕްރައިވެޓް ސެކްޓަރގައި، އެކި ދާއިރާތަކުން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލާނީ، މި އަންނަ އަހަރުން ފެށިގެން މި ފުރުޞަތުތައް ލިބޭނެއޭ. އަދި ރާއްޖެއިން ބޭރުގައި މިހާރު ތިބި ދިވެހިންނަށްވެސް، ކިޔަވައިގެން ތިބި ދިވެހިންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އަވަހަށް ރާއްޖެ އައުމުގެ ވިސްނުން، ވިސްނަންފަށާށޭ. ޕްލޭން ފަށްޓާށޭ. އިރާދަކުރެއްވިއްޔާ، ބޮޑު މުސާރަ ލިބޭނެއޭ ސަރުކާރުން. އަދި އިރާދަކުރެއްވިއްޔާ، އަހަރަކަށްވުރެ އަހަރެއް، ހައުސިންގެ މައްސަލަ ހައްލުކުރެވިގެން ދާނެއޭ. ދާވަރަކަށް ގެދޮރުގެ މައްސަލަވެސް ހައްލުވެގެންދާނެ.
އެހެންވީމާ، ތިޔަކުދިންނަށް ދަންނަވާލަން ބޭނުންވަނީ، ވަރަށް އުންމީދީ ގޮތެއްގައި ވިސްނާށޭ. މިރޭ ތިޔަ ހާސިލު ކުރި، މަތިވެރި ކާމިޔާބީ ހާސިލުކުރުމަކީ، އަދި ކިރިޔާ ފެށުމޭ. ވަރުގަދަ ޢަޒުމެއްގައި، މަސައްކަތް ކުރުމުގެ ޢަޒުމްގައި ކުރިއަށް ދާށޭ. މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި އަބަދުވެސް ފައިތިލަ ސާބިތުކޮށްގެން ތިބެ، މައިންބަފައިންނާއި، ބެލެނިވެރިން ވީ ޤުރުބާނީ މަތިން އަބަދުވެސް ހަނދާންކޮށް، ދިވެއްސަކަށްވީތީ ފަޚުރުވެރިވެ، މަތިވެރި ކާމިޔާބީ ހޯދުމުގެ ޢަޒުމް ކަނޑައަޅައިގެން ކުރިއަށްދާށޭ. އެތައް ގޮންޖެހުމެއް ކުރިމަތިވެގެންދާނެ. އެތައް ކަމެއް ކުރިމަތިވެގެންދާނެ. ހަމަ ހަށިފޮޅާލާފައި ތެދުވަންވީ. ތެދުވެގެން ކުރިއަށް ދާނީ.
- މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވާރސް ސްކޮލަރޝިޕުގެ ލިޔުން ހަވާލުކުރުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން-