"ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހުކޮށްފިއެވެ.
މިރޭ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި "ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއ އެވެ.
ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. މިރަސްމިއްޔާތުގައި "އޮޕަރޭޝަން ކުރަނގި" ފޭސް2 ވެސް ތަޢާރުފުކުރެވިގެން ދިޔައެވެ."އޮޕަރޭޝަން ކުރަނގި" ފޭސް2 އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ފެށުނު މަސައްކަތެކެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ޚިދުމަތަކީވެސް ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ހުރިހާ ރަށެއް ޝާމިލުވާ ދެ ޚިދުމަތްކަން ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ދެމެދު، ގާނޫނު ތަންފީޒުކުރުމާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ކައުންސިލުތަކާ ގުޅިގެން ރަށްރަށުގައި ޚާއްސަ ހަރަކާތްތަކެއް ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ހޯދުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކުރުން އޮތެވެ. އަދި ރައީސުލްޖުމްހޫރިއްޔާ "ހޯމް ޓީމަށް" ދެއްވާފައިވާ އަމާޒު މި ރަސްމިއްޔާތުގައި އިފުތިތާހު ކުރެވުނެވެ.
މިރޭ ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި އަދި ސަރުކާރުގެ އެކި އިދާރާތަކުން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.