بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ގިނަ އަހަރުތަކެއްވަންދެން ވަރަށްބުރަ މަސައްކަތުން ކިޔަވައި، މަތީވަނަތަކެއް މިރޭ ހޯދި ހުރިހާ ދަރިވަރުން، އެ ދަރިވަރުން އެ މަތީވަނަތައް ހޯދައި ދިނުމަށްޓަކައި އެތައް ޤުރްބާނީއެއްވި، އެ ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިން، އަދި މުދައްރިސުންނާއި ސްކޫލްތަކާއި، ކިޔަވައިދޭ މުއައްސަސާތަކުގެ ވެރިން، އަދި އެ ދަރިވަރުންގެ، އެ ބުރަ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތައް، އެންމެހައި ޢިއްޒަތްތެރިން، ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން، ދިވެހި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިރެޔަކީ ކާމިޔާބީގެ ރޭ. ކާމިޔާބީ މި ހާސިލު ވަނީ، ދެންމެ އަޅުގަނޑު ދެންނެވިފަދައިން ވަރަށް ބުރަ މަސައްކަތުން. ވަރަށް ބޮޑެތި ޤުރުބާނީތައްވެގެން، ވަރަށްގިނަ ޗެލެންޖުތަކާއި ކުރިމަތިލައިގެން ކާމިޔާބު ހާސިލުވެގެންދަނީ. ލޮބުވެތި ދަރިވަރުން، އެތައް އަހަރެއް ވަންދެން، ކިޔެވުމުގައި ތިޔަ ހޭދަކުރި ދުވަސްތަކުގައި، މި ދެންނެވިގޮތަށް ކުރި މަސައްކަތުގެ ނަތީޖާ، އިރާދަކުރެއްވީތީ މިރޭ މި ހާސިލުވެގެން މި ދިޔައީ.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެންމެފުރަތަމަވެސް ތިޔަ ހުރިހާ ކުދިންނަށް ވަރަށްބޮޑަށް މަރުޙަބާ. ވަރަށްބޮޑަށް މަރުޙަބާ. އާދެ، އަދި ކިރިޔާ، އަދި ކިރިޔާ ތިޔަ ކުދިންގެ ލައިފް، ދިރިއުޅުން ތިޔަ ފެށެނީ. އެހެންނަމަވެސް، ތިޔަ ފަށްޓަނީ ވަރަށް މުހިންމު މަރުޙަލާއެއް ކަޑައްތު ކުރުމަށްފަހުގައި. އެ ރާސްތާއަށް ދިއުމަށްޓަކައި ވަރަށް މުހިންމު ކަންތައްތަކެއް ހާސިލު ކުރުމަށްފަހު. ތިޔަ ކުރިމަތިލަނީ ވަރަށްބުރަ ދުވަސްތަކަކާ. ނިމިގެން އެ ދިޔައީ އަދި ކުރިއަށް އޮތްތަނަށްބަލާއިރުގައި އެހައި ބުރަ ދުވަސްތަކެއް ނޫން. ތިޔަ ނިމިގެންދިޔަ ދުވަސްތަކުގައި، ހަޔާތުގައި ކިޔެވުމުގައި ތިޔަ ހޭދަކުރި ދުވަސްތަކުގައި، ތިޔަ ހޯދި ކާމިޔާބީ، އެ ކަމުން ހިތްވަރު ލިބިގަނެ، ތިޔައިން ކޮންމެ ކުއްޖެއްގެ ހަޔާތް، ވަރަށް ކާމިޔާބާއެކީގައި ކުރިއަށް ގެންދިޔުމުގެ ޢަޒުމް ކަނޑައަޅަން އެބަޖެހޭ. އަމިއްލަ ނަފުސަށް އިތުބާރުކުރަންޖެހޭ. އަމިއްލަ ނަފުސަށް އިތުބާރުކޮށް، ތިމަންނާގެ ދިރިއުޅުން، ތިމަންނައަށްޓަކައި، ތިމަންނަގެ މައިންބަފައިންނަށްޓަކައި، މުޖުތަމަޢަށްޓަކައި، ޤައުމަށްޓަކައި އެންމެރަނގަޅު ގޮތުގައި ބައްޓަންކުރުމުގެ ޢަޒުމް މިރޭ ކަނޑައަޅަން އެބަޖެހޭ. އެ ޢަޒުމް ކަނޑައަޅާއިރުގައި އެންމެފުރަތަމަވެސް ހަނދާނަށް ގެންނަންޖެހޭނީ، ތިމަންނައަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ހުރި ފަޚުރުވެރި މުސްލިމެއްކަން. ތިޔަ ފަށްޓަނީ ވަރަށްބޮޑު ޖަރނީއެއް. އެކި ޤައުމުތަކަށް މަތީ ތަޢުލީމު ހާސިލުކުރުމަށް، އެކި ލެވެލްތަކަށް، ޑިގްރީ، މާސްޓަރސް، ޕީ.އެޗް.ޑީ. އަށް ކިޔެވުމަށް ފަށާ ޖަރނީއެއް.
މި ދެންނެވި ކަންތައްތައް، އާދެ، މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި ކުދިންކަން، ތިބި ބަޔެއްކަން އެއީ، ހިނދުކޮޅަކަށްވެސް ހަނދާންނެތިގެން ގޮސްގެންވާނެ ކަމެއްނޫން. އެކި ޤައުމުތަކަށް ކިޔަވަން ދާއިރުގައި، އެ ޤައުމުތަކުގައި ކަންކަން ހުންނާނީކީއެއް ރާއްޖޭގައި ކަންކަން ހުރިގޮތަކަށް ނޫން. ވަރަށް ފަސޭހައިން ހަނދާންނެތޭތަން އާދޭ. ތަޖުރިބާގެ އަލީގައި ދަންނަވާ ވާހަކައެއް. ބައެއް ކުދިންނަށް، މި ދެންނެވި ކަންތައް ހަނދާންނެތޭ. އެއީކީ އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއްނޫން. މި ދުނިޔެއަށްފަހު އަދި މިއަށްވުރެ މާ މުހިންމު،
ދެން އޮތް ދުނިޔެ. އޭގެމަތިން ހަނދާންނެތިގެން ނުވާނެ. ކޮންމެތަނެއްގައި ހުއްޓަސް ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމަށް ހަނދާން ބަހައްޓަން ޖެހޭނެ. ފަރުޟް ފަސްނަމާދު އެއީ، އޮޕްޝަނަކަށް ވެގެންނުވާނެ. ވަރަށް އުނދަގޫވާނެ، ކިޔެވުމުގެ މަސައްކަތުގައި އުޅޭއިރުގައި. ވަރަށް ޑިމާންޑިންގ ކޯސްތަކުގައި އެކިކުދިން އެކި ދާއިރާތަކުން ކިޔަވާނެ. އެހެންނަމަވެސް، ތިމަންނަޔަކީ ފަޚުރުވެރި މުސްލިމެއްކަން ހަނދާންނެތިގެން ނުވާނެ. އެ ހަނދާން އަބަދުވެސް ހުންނަންޖެހޭނެ. އެއީ، ވާޖިބެއް އަދާކުރަންޖެހޭ. އެ ބިންގާ ވަރުގަދަޔަށް ގާއިމުކުރެވިއްޖިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އިންޝާﷲ.
މައިންބަފައިންނާއި، ބެލެނިވެރިން މިއަދާހަމައަށް ތިޔަ ކުދިން ގެނެސްދިނުމަށްޓަކައި ވީ ޤުރުބާނީގެ މަތީން ދެން ހަނދާންކުރަންޖެހޭނެ. ގިނަކުދިން މި ދަނީ އެހެން ތަނަކަށް، އެހެން ޤައުމަކަށް. ދާއިރުގައި އެ މައިންބަފައިން އެ ބެލެނިވެރިން، ތިޔަ ކުދިން މިއަދާހަމައަށް ގެނެސްދިނުމުގައި އެ ވީ ޤުރުބާނީއަކީ، އެއްގޮތަކަށްވެސް ކުޑަކުޑަ ކަމަކަށް ހަދައިގެންނުވާނެ. އަބަދުވެސް އެ ޤުރުބާނީގެ މަތިން ހަނދާންކޮށް، އަޚުލާޤު ރަނގަޅު، އަޚުލާޤު ރިވެތި ސިފަތަކުން ޖަރީވެފައިވާ ބަޔަކަށް އަބަދުވެސްވާން ޢަޒުމް ކަނޑައަޅަންޖެހޭނެ.
އެހެންވީމާ، މި ދެކަންތައް ކުރާކަމުގައިވާނަމަ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. ކިޔަވަނީ ކީއްކުރަންތޯ؟ މަތީތަޢުލީމު މި ހާސިލުކުރަނީ ދިރިއުޅުމެއް ފަށަން. އާމްދަނީ ހޯދަން ރަނގަޅު ދާއިރާއަކުން މަސައްކަތްކުރުމުގެ ފުރުޞަތު ހޯދުމަށްޓަކައި، މައިގަނޑު ގޮތެއްގައި. އެހެންނަމަވެސް، އެކަން ހާސިލުވާނީ މިއަދާހަމައަށްވެސް ތިޔަ މަސައްކަތްކުރި ގޮތުގައި، މަސައްކަތްކުރަން ޢަޒުމް ކަނޑައަޅައިގެން. ކިޔަވާ މަރުހަލާގައިވެސް މަތީވަނަތައް ހޯދުމުގެ ޢަޒުމް ކަނޑައަޅައިގެން. ހުރިހާ ފަހަރަކު ކާމިޔާބެއް ނުލިބޭނެ. ހުރިހާ ފަހަރަކީ އެންމެ އުފާވެރިގޮތަކަށް ކަންކަންވާނެ ފަހަރުތަކެއްވެސް ނޫން. އެހެންނަމަވެސް، ޢަޒުމް ވަރުގަދަވާން ޖެހޭނެ. ޢަޒުމަކީ ނުގުޑާފަދަ ޢަޒުމަކަށް ވާންޖެހޭނެ. އެ ޢަޒުމުގެމަތީގައި އަބަދުވެސް ތިބެންޖެހޭނެ. ޕަރސިވިއަރ ކުރަންޖެހޭނެ. އެ ބޭނުންވާ ނަތީޖާ ނުނުކުތުމަކީ، ތިމަންނަގެ އަމިއްލަ ނަފުސަށް އޮންނަންޖެހޭ އިތުބާރު ގެއްލުވާލައި، ޢަޒުމް ބަލިކަށިވެ، އެއްގޮތަކަށްވެސް، ފަހަތަށްޖެހެންޖެހޭނެ ކަމެއް ނޫން. އަނެއްކާވެސް ހަށިފޮޅާލާފައި ތެދުވެ، ކުރިއަށްދިޔުމަށް ހިތްވަރު އާކުރަންޖެހޭނެ. މިއީ، ހުރިހާ ފަންނެއްގައި މަސައްކަތްކުރާ ފަރާތްތަކުންވެސް، ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އެންމެންވެސް، ވިސްނަންޖެހޭނެގޮތް. ޤައުމެއް ބިނާކުރުމުގައި މަސައްކަތްކުރާ އެންމެންވެސް، މުޖުތަމަޢުގައި ކޮންމެ ދާއިރާއަކުން މަސައްކަތްކުރާ މީހެއް ކަމުގައިވިޔަސް ކާމިޔާބީ ހާސިލުކުރާނަމަ، މި ވިސްނުމުގައި މަސައްކަތްކޮށްފިއްޔާ އިރާދަކުރެއްވިއްޔާ އެ ހާސިލުކުރެވެނީ ޙަޤީޤީ ކާމިޔާބީ. އެހެންވީމާ، މި ޢަޒުމުގައި، މި ގޮތުގައި މަސައްކަތްކުރާނަމަ އިރާދަކުރެއްވިއްޔާ ކާމިޔާބީ އޮންނާނީ ވަރަށް ގާތުގައި. އަބަދުވެސް ހިތްވަރު އާކުރަންޖެހޭނެ، އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއެކީގައި.
- މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވާރސް ސްކޮލަރޝިޕުގެ ލިޔުން ހަވާލުކުރުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން-