ހާފިޒުކަމުގެ ސެޓްފިކެޓް ލެވަލްކުރުމަށް އަންނަ ހަފްތާގައި މަޝްވަރާކުރައްވާނެ ކަމަށް އިސްލާމީ ވަޒިރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ ލީބިޔާގައި އޮންނަނީ ހާފިޒުކަމަކީ އެދާއިރާގެ ޑިގްރީ ފެންވަރުގެ ސަނަދެއްގޮތަށް ލެވަލްކޮށްފައިކަމަށާއި މިކަމުގައި ކަމުގެ ތަޖުރިބާހުރި ފަރާތްތަކުގެ ލަފާއާއި މަޝްވަރާ ބޭނުންފުޅު ކަމަށެވެ.
"މި ހުރިހާ ކަމަކާއެކު، ކީރިތި ޤުރްއާން އުނގަންނައި ދިނުމަށް، ކީރިތި ޤުރްއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން، އަޅުގަނޑުމެންގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރްއާނާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ މުޅިން އާ އިމާރާތެއް ކުރުމަށްޓަކައި ބިން ހަމަޖައްސައި އިމާރާތެއް ކުރެވިގެންދާނެ.
މީގެ އިތުރަށް، އިރާދަކުރެއްވިއްޔާ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތަށް މި އަންނަ އަހަރުން ފެށިގެން ވެގެންދާނެ.
- ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން