ކީރިތި ޤުރްއާން ހިތުދަސް ހާފިޒުންނަށް ދޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުދައްކަވަމުން ރައިސް ވިދާޅުވީ ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށާއި މީގެކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން އެ ކަމަށް ޚާއްސަ ހޭދައެއްކުރުން ކަމަށެވެ.
"އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރެވިގެންދާނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ\
ކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުން މަދު ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާތީ ކީރިތި ޤުރްއާނުގެ ޢިލްމާއި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިުއެވެ
"ކީރިތި ޤުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ޙަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނަން. މާލީ ގޮތުން. ވަސީލަތުގެ ގޮތުން. އަދި ކުރެވޭ ހޭދަޔާއި ދެވޭ އިނާމާއި އަގުވަޒަންކުރުމާއި ހިތްވަރުދިނުމުގެ ގޮތުން ވެސްމެ. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ޢަމަލުން މި ކަމުގައި ވެސް ނަތީޖާ ފެންނަން" ރައީސް ވިދާޅުވިއެވެ.
ޙާފިޡުންގެ ތާޖު ލިބުނު ފަރާތްތައް
