މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއްވެސް ދަންނަވާލާނަން. އެ ވާހަކައަކީ، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަ. މާތް ﷲގެ ވާގިފުޅާއެކު
އެ ކަންތައްވެސް ޙަޤީޤަތަކަށް ހަދާނަން.
އާދެ، ކީރިތި ޤުރްއާނަށް މިހާ ބޮޑު އިސްކަމެއް މިދެނީ ކީއްވެތޯ؟ ޖަވާބު އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފު. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި މި ވަގުތު މިހިރަ އަޚްލާޤީ ހުރިހާ މައްސަލަތަކުގެ ޙައްލަކީ ކީރިތި ޤުރްއާން. އަޅުގަނޑުމެން ޖެހެނީ އެ ފޮތަށް އެނބުރި ދާން. އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި، ހުރިހާ ވަގުތެއްގައި އަޅުގަނޑުމެންގެ ބަހާއި ޢަމަލުން ސީދާވާން. އަޅުގަނޑުމެންގެ އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށްވެސް ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ޤުރްއާން ކަމުގައިވުން އެއީ ދިވެހީންނަށް، ދިވެހިރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް.
އެހެންކަމުން، ކީރިތި ޤުރްއާނަކީ އުފެދެމުން، ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނަން. މާލީގޮތުން. ވަސީލަތުގެ ގޮތުން. އަދި ކުރެވޭ ހޭދަޔާއި، ދެވޭ އިނާމާއި، އަގުވަޒަންކުރުމާއި، ހިތްވަރުދިނުމުގެ ގޮތުންވެސްމެ. އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ޢަމަލުން މިކަމުގައިވެސް ނަތީޖާ ފެންނަން.
އޭރުން އިރާދަކުރެއްވިއްޔާ މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ކީރިތި ޤުރްއާން އުނގެނުމާއި، އުނގަންނައި ދިނުމުގެ ދާއިރާއަށް އަދި އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކަށް އިންޤިލާބީ އިޞްލާޙީ ބަދަލެއް އަންނާނެ. އަޅުގަނޑުގެ ހުވަފެނަކީ އެ ދުވަސް. ތަޞައްވުރަކީ އެ ޒަމާން. އަމާޒަކީ އެ އަމާޒު.
ކީރިތި ޤުރްއާނަށް މި ދިވެހި ފަސްގަނޑުން ޙައްޤު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނަން. ނިހާޔަތަށް ޝައުޤުވެރިވާނަން
އާދެ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ނިޔަތާއި ޢަމަލުގެ މަސްދަރަކީ، ކީރިތި ޤުރްއާން ކަމުގައި ހެދުން. އަޅުގަނޑުމެން އިލްހާމާއި އިރުޝާދު ލިބިގަންނަ ދަރެސްގާހަކީ މާތްވެގެންވާ ކީރިތި ޤުރްއާން ކަމުގައި ހެދުން. އަޅުގަނޑުމެންގެ އުންމީދުތަކަށް، ހުވަފެންތަކަށް، އަލިކަން ގެންނަ ދަންމަރަކީ، މި މަތިވެރި ފޮތް ކަމުގައި އަބަދުވެސް އަޅުގަނޑުމެން ކޮންމެ މީހަކުމެ އަޅުގަނޑުމެންގެ ނަފުސުތަކަށް ހަނދާންކޮށްދިނުން. ދުޢާއަކީ އެގޮތުން އަޅުގަނޑުމެންގެ ހިތްތަކާއި އަޅުގަނޑުމެންގެ ވެށްޓާއި، ރާއްޖެއަށް ހަމަޖެހުމާއި އަމާންކަމާއި ހިތްފަސޭހަކަން އާންމުވުން.
މާތް ﷲ މިގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރައްވާށި!
މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ތާއަބަދުމެ ލަހައްޓަވާށި! އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
- ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން