އަޅުގަނޑު ދިވެހި ދައުލަތް ހިންގަން ބޭނުންވަނީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް. ދިވެހީންނަށް އެންމެ މަޞްލަޙަތާއި ރައްކާތެރިކަން ހުރި ގޮތަށް. އެ ގޮތުން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުމަކީ އަޅުގަނޑު އެންމެ އިސްކަން ދޭނެ ޤައުމީ އެއް ވާޖިބު. އެކަމަށްޓަކައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނަން. ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން އުފެއްދުމަށް އަދި އެ ކަމަށް ހިތްވަރުދީ މަގުކޮށައިދިނުމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭނަން. ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރި ވެގެންދިޔުމަކީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތް. އެއީ، ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ލިބޭ ހަމައެކަނި މަގު.
މި ގޮތުން ކީރިތި ޤުރްއާނުގެ ޢިލްމާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް މިދަނީ އަޅަމުން. ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ، އެ ކަމަށްވެސް ޚާއްޞަ ވިސްނުންތަކެއް މިދަނީ ތަންފީޒުކުރަމުން. މިގޮތުން ބަލާއިރު، މި ވަގުތު މާލޭގައި ހުރީ "ދާރުލް އީމާން"ގެ ނަމުގައި ހުރި އެންމެ ވަޤުފު އިމާރާތެއް. މި އިމާރާތަށް އަހަރަކު ލިބެނީ ހައެއްކަ މިލިޔަން ރުފިޔާ.
މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން، "ދާރުއްސަލާމް"ގެ ނަމުގައި އާ ވަޤުފު އިމާރާތެއް އެޅުމަށްޓަކައި މަސައްކަތް ކުރެވެމުން އެބަދޭ. ހަމަ އެހެންމެ "ދާރުލްއަރްޤަމް"ގެ ނަމުގައި އެހެން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖެހި، އެ ބިން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރު އެދަނީ ކުރިއަށް ގެންދަމުން.
މީގެ އިތުރަށް، ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެ. މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ.
އަޅުގަނޑުމެން ކުޑައިރު ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު ބައެއް. ނަމަވެސް، މިހާރު މި އަދަދު އެތައް ގުނައަކުން އިތުރުވަމުން އެބަދޭ. އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން އުފެއްދުމަށް ސަރުކާރުން ޚާއްޞަ ހޭދައެއް ކުރުން. އެ ކަމަށްޓަކައި ވަސީލަތްތައް އިތުރުކުރެވިގެންދާނެ. އަދި ޙާފިޡުންނަށް ލިބޭ އިނާޔަތް ދެގުނަޔަށް ބޮޑުކުރެވިގެންދާނެ.
މި ހުރިހާ ކަމަކާއެކު، ކީރިތި ޤުރްއާން އުނގަންނައި ދިނުމަށް، ކީރިތި ޤުރްއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން، އަޅުގަނޑުމެންގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރްއާނާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ މުޅިން އާ އިމާރާތެއް ކުރުމަށްޓަކައި ބިން ހަމަޖައްސައި އިމާރާތެއް ކުރެވިގެންދާނެ.
މީގެ އިތުރަށް، އިރާދަކުރެއްވިއްޔާ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތަށް މި އަންނަ އަހަރުން ފެށިގެން ވެގެންދާނެ.
- ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން