السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މި ވަގުތު އަޅުގަނޑުމެން އެއްވެ މި ތިބީ ވަރަށް ބަރަކާތްތެރި އެއްވުމެއްގައި. ވަރަށް ދަރުމަޔާއި ރަޙުމަތުން ފުރިގެންވާ ޖަމާވުމެއްގައި.
މި ޝަރަފުވެރި ރަސްމިއްޔާތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ އުފާވެރި ރަސްމިއްޔާތު. ކީރިތި ޤުރްއާނަކީ ހިތްތަކުގެ ނޫރު. ނަފްސުތަކުގެ ޝިފާ. ކީރިތި ޤުރްއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރު.
ސައްތައިން ސައްތަ އިސްލާމީ މި ދިވެހިރާއްޖޭގައި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް އަޅުގަނޑަށް ލިބޭ ކަމެއް. މިފަދަ މުބާރާތްތަކުގައި އެތައް އުމުރުފުރާއަކުން ދަރިވަރުން އެބަ ބައިވެރިވޭ. ޤުރްއާން ކިޔެވުމުގެ ތަފާތު އެތައް ރޮނގަކުން ދަރިވަރުން އެބަ ވާދަކުރޭ. ބައެއް ކުދިން ކިޔަވަނީ ޙަދަރުކޮށް. ބައެއް ކުދީން ތަރުތީލުކޮށް. ބައެއް ކުދީން މަޝްޤުކޮށް. ހަމަ އެހެންމެ، ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުން އެބަ އޮވޭ. މި ކަންކަމާއެކު މިރޭ އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، މި މުބާރާތުން އެކިއެކި ވަނަވަނަތައް ހޯދި ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކުބާދީ އަދާކުރުން. އަދި މުބާރާތުގެ ހުރިހާ ބައިވެރީންނަށާއި، އެ ބައިވެރީންނަށް އެހީތެރިވި އެންމެހައި ފަރާތްތަކަށް ތަރުޙީބާއި ހެޔޮއެދުންތައް ރައްދުކުރުން.
އާދެ، ޝައްކެއް ނެތް! ކީރިތި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރު. އިސްލާމުންގެ ހަޔާތުގެ ހުރިހާ ކަމެއް ބައްޓަންވެގެންދަނީ އެ މާތްފޮތުގެ ވަށައިގެން. އަދި އެ މާތްފޮތް ތަފުސީލުކޮށްދޭ މޫރިތި ނަބަވީ ސުންނަތުގެ ވަށައިގެން. އެހެންކަމުން، މުސްލިމުންގެ ދިރިއުޅުމުގެ މަދަކީ، ނާރެހަކީ މާތްވެގެންވާ ކީރިތި ޤުރްއާން. އަޅުގަނޑުމެން މުސްލިމުން ޙައްޤާއި ބާޠިލު، ރަނގަޅާއި ނުބައި ދެނެގަންނަނީ އަދި އެކަން ކަނޑައަޅަނީ މި މާތް އިލާހީ ބަސްފުޅުތަކުން.
އަޅުގަނޑުމެން ދިވެހީންނަށް ބަލާއިރު، ދިވެހީންނަކީ އިސްލާމްދީންމަތީގައި ދެމިތިބޭތާ މިހާރު ގާތްގަނޑަކަށް ނުވަސަތޭކައެއްހާ އަހަރުވަމުންދާ ބައެއް. މި ދިގު މުއްދަތުގައި އަޅުގަނޑުމެންނާ ކީރިތި ޤުރްއާނާ ދެމެދު އުފެދިފައިވަނީ ވަރަށް މަތިވެރި ފުން ގުޅުމެއް. ދިވެހީންގެ ސަގާފަތަކީ ތުއްތުކުދީންނަށް އަކުރު އުނގަންނައިދޭން ފަށާ ހިސާބުން ކީރިތި ޤުރްއާން ދަސްކޮށްދޭން ފެށުން. އެކަން ކޮންމެ މަންމަޔަކު އައީ ކުރަމުން. އަދި ވަކި ހިސާބަކަށް ދިޔުމުން އެދުރުގެތަކަށް ފޮނުވައިގެން ކިޔެވުން ދަސްކޮށްދޭން ފެށުނު. ދަރީންނަށް ކީރިތި ޤުރްއާން ކިޔަވާށާއި ލިޔާން ދަސްކޮށް ދިނުމަކީ ދިވެހީންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ ރެޔެއްގެ މަޣްރިބު ނަމާދާއި ޢިޝާނަމާދާ ދެމެދު ކޮންމެ ގެޔެއްގައި ކީރިތި ޤުރްއާން ކިޔެވުން އޮވޭ. ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިޔުމުގެ ކުރިން ޤުރްއާން ޚަތިމުކޮށް ދަސްކިޔުއްވުން އޮވޭ. އެއީ އެ ޒަމާން.
16ވަނަ ޤަރުނުގެ ފަހުކޮޅުގައި ރާއްޖެއަށް ތަޖުވީދު ޢިލްމު ތަޢާރުފުވި. އެއީ، މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ މަދަރުސާއިން. ހަމައެހެންމެ، އިސްކަންދަރު ރަސްގެފާނުގެ ޒަމާނަކީވެސް ތަޖުވީދާއެކު ކީރިތި ޤުރްއާން އުނގަންނައި ދެވުނު ޒަމާނެއް. 20ވަނަ ޤަރުނުގެ ކުރީކޮޅުގައިވެސް ތަޖުވީދުގެ ކިލާސްތައް މާލޭގައި ކުރިޔަށްދިޔަ. އޭގެފަހުން، 20ވަނަ ޤަރުނުގެ ފަހުކޮޅުގައި އަނެއްކާވެސް ރާއްޖޭގައި ތަޖުވީދުގެ ޢިލްމަށް އާ ދިރުމެއް ލިބެންފެށި. އެއީ، އެކުވެރި އިސްލާމީ ޕާކިސްތާނުގެ ޤާރީއެއް ދިވެހި ސަރުކާރުން ގެންނަވައި ކުރިއަށް ގެންދެވި ކިލާސްތަކެއް. މިރޭ މި ނަތީޖާ ފާޅުކުރެވޭ މުބާރާތުގެ ފަނޑިޔާރުންގެ ތެރޭގައިވެސް، މި ދެންނެވި ޤާރީއަށް ދަރިވަރުވެވަޑައިގެންނެވި ބޭފުޅުން އެބަ ހިމެނިވަޑައިގަންނަވާ.
ކޮންމެޔަކަސް، އޭގެ ފަހުން ދެން ހިޖުރީ އާ ޤަރުނަކާއެކު، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެދި، ރާއްޖޭގައި ޢަރަބި ބަހާއި ތަޖުވީދު ޢިލްމު އާންމުވެގެންދިޔަ. މިއަދު މި ބޭއްވޭ މުބާރާތުގެވެސް ފެށުން ގުޅިފައި ވަނީ މި ދެންނެވި އަގުހުރި ޤައުމީ އަދި ދީނީ ޚިދުމަތާ. އެހެންކަމުން، ރާއްޖޭގައި ކީރިތި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމު ތަރައްޤީކުރުމަށް މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށް މި ފުރުޞަތުގައި އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި ހެޔޮއެދުންތައް ދަންނަވަން.
- ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން