ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް އިތުރުކުރައްވާނެ ކަމަށާއި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ގޮތުން ކީރިތި ޤުރްއާނުގެ ޢިލްމާއި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ އެ ކަމަށް ވެސް ޚާއްޞަ ވިސްނުންފުޅުތަކެއް މި ގެންދަވަނީ ތަންފީޒުކުރައްވަމުން ކަމަށެވެ.
މި ގޮތުން ބަލާއިރު، މި ވަގުތު މާލޭގައި ހުރީ [ދާރުލް އީމާން]ގެ ނަމުގައި ހުރި އެންމެ ވަޤުފު އިމާރާތެއް. މި އިމާރާތަށް އަހަރަކު ލިބެނީ 6 މިލިޔަން ރުފިޔާ. މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން [ދާރުއްސަލާމް]ގެ ނަމުގައި އާ ވަޤުފު އިމާރާތެއް އެޅުމަށްޓަކައި މަސައްކަތްކުރެވެމުން އެބަދޭ. ހަމަ އެހެންމެ [ދާރުލްއަރްޤަމް]ގެ ނަމުގައި އެހެން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަޖެހި އެ ބިން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިޔަށް ގެންދަވާނެ."
- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން