މާތް ﷲ ގެ ވާގިފުޅާއިއެކު ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުންފެށިގެން ހައްދަވާނެ ކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކީރިތި ޤުރްއާނުގެ ޢިލްމާއި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ޚާއްޞަ ހޭދައެއްކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވޭނެ."
"މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާ މިނުގައި ޤުރްއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ."
"ކީރިތި ޤުރުއާނަށް މި ދިވެހި ފަސްގަނޑުން ޙައްޤު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެ. ނިހާޔަތަށް ޝައުޤުވެރިވާނެ. "
"އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ޚާއްޞަ ހޭދައެއްކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވޭނެ."
"މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރަން ވެސް އަޅުގަނޑު ގަސްތުކުރަން. މާތް ﷲގެ ވާގިފުޅާއެކު އެ ކަން ވެސް ޙަޤީޤަތަކަށް ހަދާނަން."
- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން