އުންމު ނަވާރު
ބަރަބޮލަކީ ރަށްފުށުގައި ވަރަށް ގިނައިން ހައްދާ އެއްޗެކެވެ. އަޅުގަނޑުމެން ދިވެހިންގެ ކެއުމުން އާންމުކޮށް ފެންނަ ބާވަތެކެވެ. ބަރަބޯ ރިހައާއި ބަރަބޯ މަސް ހުނި މިއީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކެއުންތަކެވެ. މިފަހަކަށް އައިސް ބަރަބޯ ބޭނުންކޮށްގެން ތަފާތު އެކި ވައްތަރުގެ ފޮނި ކާ އެއްޗެހިވެސް ހަދާ އުޅެއެވެ.
ބަރަބޮލަކީ އޭގެން ގިނަ ފައިދާތައް ސިއްހަތަށް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ބަރަބޮލަކީ ކެލޮރީސް މަދު ނަމަވެސް ފައިބަރ ގިނައިން އެކުލެވޭ އެއްޗެކެވެ. ފައިބަރ ގިނައިން އެކުލެވޭ އެއްޗެހި ކެއުމުން (މަދުން ކެއިނަމަވެސް) ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދެއެވެ. މީގެ ސަބަބުން ބަނޑުހައިވުން ކުޑަކޮށްދިނުމާއި ކާއެއްޗެހި ކެވޭ މިންވަރު ދަށްކޮށްދެއެވެ. އަދި ލޭގައި ހަކުރާއި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދީ ގޮހޮރުގައި މިނަރަލް އެބްޒޯބްޝަން ރަނގަޅު ކޮށްދެއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ބަރުދަށް އެއްވަރެއްގައި ހިފަހައްޓައި ދިނުމަށް އެހީތެރިވެދީފާނެއެވެ. ނަމަވެސް ހަދާނުގައި ބަހައްޓަށްވީ ބަރަބޯ ކެއުމުން ބަރުދަން ލުއިވޭތޯ ބެލުމަށް މާ ގިނަ ދިރާސާތަކެއް ކުރެވިފައި ނުވާ ކަމެވެ.
ބަރަބޮލުގައި އެކުލެވޭ ބީޓާ ކެރޮޓީންއިން ހަށިގަނޑުގެ ސެލްތައް ފްރީ ރެޑިކަލްތަކުން ރައްކާތެރިކޮށްދެއެވެ. އަދި ހަށިގަނޑުން ބީޓާ ކެރޮޓީން ވިޓަމިން އޭ އަށް ބަދަލުކޮށްދެއެވެ. ވިޓަމިން އޭ އިން ލޮލަށް ފައިދާ ހުރި ޕްރޮޓީންއެއް އުފައްދައިދެއެވެ. މި ޕޮރޮޓީން ލޯ ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ.
ހިތުގެ ބަލިތައް ޖެހުމުގެ ފުރަސަތު ކުޑަކޮށްދީ ހިތުގެ ސިއްހަތަށް ފައިދާހުރި ކާނާއެއްގެ ގޮތުގައި ބަރަބޯވަނީ ފާހަގަ ކުރެވެފައެވެ. ހިތުގެ ރައްކާތެރިކަމަށް އެހީތެރިވެދޭ ތަފާތު ނިއުޓްރިއެންޓްސް ބަރަބޮލުން ލިބެއެވެ. އޭގެ ތެރޭގައި ވިޓަމިން އޭ، ބީ1، ބީ6 އަދި ސީ، ކޮޕަރ، ފައިބަރ، ފޯލޭޓް ފާހަގަ ކޮށްލެވެއެވެ.
ބަރަބޮލުގައި އެކުލެވޭ ކެލްސިއަމް، ޕޮޓޭސިއަމް އަދި މެގްނީޒިއަމް މާއްދާތަކުގެ އެހީގައި އަޅުގަނޑުމެންގެ ހިތުގެ ހާރޓް ބީޓް އެއްވަރެއްގައި ހިފަހައްޓައިދީ އަދި ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.
ބަނޑު ހަރުވެ ފާހާނާ ކުރަން އުނދަގޫ ބޭފުޅުން ބަރަބޯ މަޑު ކޮށްގެން ގަވައިދުން ބޭނުން ކުރަން ފެށުމުން ފާހާނާ ކުރަން ފަސޭހަވެގެންދާ ކަމަށް މިކަން ތަޖުރިބާކުރި ވަރަށް ގިނަ ބޭފުޅުންވަނީ ވިދާޅުވެފައެވެ. މިހެން މިވަނީ ބަރަބޮލުގައި އެކެލެވޭ ފައިބަރއިން ކަމަށް ބެލެވެއެވެ.
ބަރަބޮލަކީ އާންމު ގޮތެއްގައި ކޮންމެ މީހަކުވެސް ކެއުމުގައި ހިމަނާލުމަށް ރަނގަޅު އެއްޗެކެވެ. ބަރަބޯ ބޭނުން ކުރަން ފެށުމުން ކުރިން ދިމާނުވާ އުނދަގުލެއް ވާކަން ފާހަގަ ކުރެވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރއެއްގެ ލަފާ ހޯދާލުން ބުއްދިވެރިއެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.
- ލިޔުނީ: އުންމު ނަވާރު
- މަސްދަރު
https://www.webmd.com/diet/health-benefits-pumpkin