ބައިވެރިޔާގެ ކިބައިގަ ހުންނަން ތިބާ ބޭނުންވާ ސިފަތައް ނެތި، ތިބާއަށްޓަކާ ކަންކަން ބަދަލުކުރަން ބުނާ މީހުންނާ ކައިވެނި ނުކުރާށެވެ! ނަތީޖާ ރަނގަޅެއް ނުވާނެ!: ބިލާލް އައްސަދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ބައިވެރިޔާގެ ކިބައިގަ ހުންނަން ތިބާ ބޭނުންވާ ސިފަތައް ނެތި، ތިބާއަށްޓަކާ ކަންކަން ބަދަލުކުރަން ބުނާ މީހުންނާ ކައިވެނި ނުކުރާށެވެ! ނަތީޖާ ރަނގަޅެއް ނުވާނެ!: ބިލާލް އައްސަދު

އަހުރެންވެސް ކައިވެނިކޮށްދެމެވެ. އަދި ކައިވެނިކުރަން އެހީތެރިވެސްވަމެވެ. ކައިވެނިކުރަން އެހީތެރިވެދޭއިރު އަހުރެން ބުނެއުޅޭ ވާހަކައެއް ބުނެލާނަމެވެ. ނަމަވެސް އެއްވެސް ޙާލެއްގައި މިއީ ޙުކުމެއް ކަމަށް ނުވަތަ ކޮންމެހެން ކުރަންޖެހޭ ަކމެއް ކަމަށް ދެކެގެން ނުވާނެއެވެ.  

އެވާހަކައަކީ ކައިވެނޖިކުރަން ބައިވެރިއަކު އިޚްތިޔާރުކުރާއިރު ބައިވެރިޔާގެ ކިބައިގައި ހުންނަން ތިބާ ބޭނުންވާ ސިފަތައް ހުރި މީހަކާއި ކައިވެނިކުރާށެވެ. އޭނާގެ ތަނަވަސްކަމަށް ބުރަވެ ނުވަތަ ކައިވެންޏަށްފަހު އޭނާ ތިބާއެދޭގޮތަށް ބަދަލުވެދާނެ ކަމަށް ބަލައިގެން ކައިވެނިނުކުރާށެވެ.  

އެއިރުން ކަންކަން މެދުވެރިވާ ގޮތްވެސް ކިޔައިދޭނަމެވެ. ތިބާ އެދޭގޮތަށް ބަދަލުވާނެކަމަށް އޭނާ އެބުނަނީ ތިބާދެކެ ލޯބިވާތީއެވެ. ކައިވެންޏަށްފަހު ހަމަ ދާދިއަވަހަށްވެސް ނުވަތަ ފަހުން ނަމަވެސް ލޯބިވުން ކުޑަވެދާނެއެވެ. ލޯބިވުން ހުއްޓި ފޫހިވާންވެސް ފަށައިފާނެއެވެ.  

މިޙާލަތުގައިވާ ގޮތަކީ ތިބާއަށްޓަކައި އޭނާ ބަދަލުކުރި ސިފަތައް ނުވަތަ ކަންކަން ދޫކޮށްލަނީއެވެ. ކުރިން އުޅެމުން އައި ގޮތަށް އުޅެން ފަށަނީއެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެކަންކަން އެއިރު އޭނާ ބަދަލުކުރީ ކޮންމެހެން އެކަންކަން ބަދަލުކުރަން ބޭނުންވެގެން ނޫންކަމަށްވެފައި ތިބާދެކެ ލޯބިވާތީ، ކައިވެނިކުރަން ބޭނުންވާތީ ބަދަލުކުރީކަމަށްވުމުންނެވެ. ވީމާ ލޯބިވުން ހުއްޓޭއިރަށް ކުރިއާއި އެއްގޮތަށް ބަދަލުވަނީއެވެ.  

ވީމާ އަހުރެންގެ ނަބޭޙަތަކީ އަންހެނުންވެސް އަދި ފިރިހެނުންވެސް ކައިވެނިކުރުމުގެ ކުރިން ޙަލާލްގޮތުގައި ދެމީހުން ވާހަކަދައްކައި ބައިވެރިޔާގެ ކިބައިން ތިމާ ބޭނުންވާ ކަންކަމާއި ބައިވެރިޔާގެ ކިބައިގައި ހުންނަން ތިމާ އެދޭ ސިފަތައް ހާމަކުރުމެވެ. ލިސްޓެއް ލިޔެ ފާހަގަލަމުންވެސް މިއީ ކުރަންޖެހޭ ކަމެކެވެ. މިކަން ނުކުރިނަމަ ކުރިން މިބުނި ފަދައިން ދާދި އަވަހަށްވެސް މައްސަލަޖެހި އެކުގައި ނުއުޅެވޭ ހިސާބަށް ކަންކަން ހިނގައިދާނެއެވެ. އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެއެވެ.  

އަދި އެއްވާހަކަ ބުނެލާނަމެވެ. ކައިވެނިކޮށް ދަރިން ލިބުމަށްފަހު ލޯބިނުވިނަމަވެސް އެކުގައި ދިރިއުޅެން މަސައްކަތްކުރާ މީހުން ވަރަށް ގިނަވާނެއެވެ. މިބުނި ކަންކަމުގެ ނޭދެވޭ އަސަރު ބޮޑަށް ފެނިގެންދާނީ އެޙާލަތުގައި ދިރިއުޅެންޖެހިއްޖެނަމައެވެ. އެއިރުން ބައިވެރިޔާ ކުރީގެ ސިފަތަކަށް ބަދަލުވީމާ ފެންނާނީ މުޅިން އެހެން މީހެއްގެ ގޮތުގައެވެ. އެހިސާބުން އޮންނާނީ ކައިވެނި ރޫޅާލަން މަޖުބޫރުވެފައެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން