ބީރައްޓެހިންނަށް ހުރި އުފާވެރިކަމުގެ ޚަބަރު-ޝައިޚް އިމްރާން މުޙައްމަދު ޢަލީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 5މ 1ސ
ބީރައްޓެހިންނަށް ހުރި އުފާވެރިކަމުގެ ޚަބަރު-ޝައިޚް އިމްރާން މުޙައްމަދު ޢަލީ

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«بَدَأَ الْإِسْلَامُ غَرِيبًا، وَسَيَعُودُ كَمَا بَدَأَ غَرِيبًا، فَطُوبَى لِلْغُرَبَاءِ» [أخرجه مسلم، كتاب: الإيمان، باب: باب بيان أن الإسلام بدأ غريبا وسيعود غريبا، وأنه يأرز بين المسجدين (1 / 130) رقم الحديث: 232 - (145)].

މާނައީ: "އިސްލާމްދީން ފެށިގެން އައީ ބީރައްޓެހި ގޮތަކަށެވެ. އަދި އެ ފެށުނު ގޮތަށް، ބީރައްޓެހިކަމަށް އަނެއްކާވެސް ރުޖޫޢަވާނެއެވެ. ފަހެ ބީރައްޓެހިންނަށް ޠޫބާ (ހެޔޮކަން ނުވަތަ ސުވަރުގޭގައިވާ ޠޫބާއޭ ކިޔުނު ގަހެއް) ވެއެވެ." 

ޢަރަބި ބަހުގައި ޠޫބާގެ މާނައަކީ ހެޔޮކަމެވެ. އަދި ޙަބަޝާގެ އަހުލުވެރިންގެ ބަހުރުވައިގައި އެއީ ބަގީޗާއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގައިވެސް "ޠޫބާ" ގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އަދި ސަލަފުންގެ ބޭކަލުން އެ ކަލިމަ ޝަރަޙަކުރައްވާފައިވެސް ވެއެވެ. އެބޭކަލުން އެ ކަލިމައިގެ ޝަރަޙައިގައި ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކުގެ ތެރޭގައި: 

-އުފާވެރިކަމާއި ލޮލުގެ ފިނިކަން

- ހެޔޮ ރަނގަޅު ނިމުން

- ހެޔޮކަން

- މާތްކަން

- ސުވަރުގެ

- ސުވަރުގޭގައިވާ ގަހެއް 

އެއީ ސުވަރުގޭގައިވާ ގަހެއްކަން ބަޔާންކުރައްވާފައިވާ ޙަދީޘްތަކެއް ވެއެވެ. އެހެނަސް އެ ޙަދީޘްތަކުގެ ޞައްޙަކަމާ މެދުގައި ޢިލްމުވެރިން ޚިލާފުވެވަޑައިގެންފައި ވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކުން ޙުއްޖަތް ނެގޭ ކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. (ބައްލަވާ: صحيح الترغيب للألباني (3729) ومسند أحمد طبعة الرسالة (17642)) 

ފަހެ މި ޙަދީޘްގައިވާ 'ބީރައްޓެހިން' ނަކީ ބިމުގައި ފަސާދަކުރާ މީހުންގެ ފަސާދަތަކަށް އިންކާރު ކުރާ މީހުންނެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ އަރިހުން ނަޤުލުކުރައްވައި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވަނީ މި ޙަދީޘްގައިވާ ބީރައްޓެހިންގެ މުރާދަކީ އަންނަނިވި އާޔަތުގައި ބަޔާންކުރައްވާފައިވާ ޞިފަ ލިބިގެންވާ މީހުން ކަމުގައެވެ. (ބައްލަވާ: مدارج السالكين لابن القيم (3 / 184)). 

އެ އާޔަތަކީ:

﴿فَلَوْلَا كَانَ مِنَ الْقُرُونِ مِن قَبْلِكُمْ أُولُو بَقِيَّةٍ يَنْهَوْنَ عَنِ الْفَسَادِ فِي الْأَرْضِ إِلَّا قَلِيلًا مِّمَّنْ أَنجَيْنَا مِنْهُمْ ۗ وَاتَّبَعَ الَّذِينَ ظَلَمُوا مَا أُتْرِفُوا فِيهِ وَكَانُوا مُجْرِمِينَ﴾ [سورة هود ١١٦]

މާނައީ: "ފަހެ، އުންމަތްތަކުގެ ތެރެއިން (ދީންވެރިކަމާއި ހެޔޮވިސްނުމުގެ ތެރެއިން) ބާކީއޮތް މިންވަރެއްގެ ވެރިބަޔަކު، ބިމުގައި ފަސާދަކޮށް އުޅުން ނަހީކޮށް ތިޔަބައިމީހުންގެ ކުރިން އުޅުނުނަމަ ކިހާ ރަނގަޅު ހެއްޔެވެ! އެހެނެއްކަމަކު، މަދުބަޔަކު މެނުވީ އެގޮތުގައި ނުވެއެވެ. އެއީ ތިމަން އިލާހު ސަލާމަތްކުރެއްވި މީހުންގެ ތެރެއިން ވި ބައެކެވެ. އަދި އަނިޔާވެރިވި މީހުން، އެބައިމީހުންނަށް ލިބުނު ތަނަވަސްކަމަށް ތަބާވިއެވެ. (އެބަހީ: އެކަމުގެ ތެރެއަށް ގެނބި، އާޚިރަތް ހަނދާން ނެތި ކޮށްލިއެވެ.) އަދި ކުށްވެރިން ކަމުގައި އެބައިމީހުން ވިއެވެ." 

ދީނުގައި ހިފަހައްޓައި، ދީންވެރިވުމަކީ އަނގުރު އަލިފާނުގައި ހިފަހައްޓައިގެން ހުރުންފަދަ ކަމެއްގެ ގޮތުގައި ފެންނާނެ ޒަމާނެއް އަންނާނޭ ކަމުގައި ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކުރައްވާފައެވެ. (ބައްލަވާ: سنن الترمذي (2260) والسلسلة الصحيحة للألباني (957)). 

އެހެންކަމުން އެފަދަ ޒަމާނެއްގައި އުޅޭ ބީރައްޓެހިންނަށް އުފާވެރިކަމާއި ހެޔޮކަން ހުއްޓެވެ! 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން