އުންމު ނަވާރު
އަޅުގަނޑުމެން ކެއުމުގައި ހިމަނާލާ ބާވަތްތަކުގެ ސަބަބުން ހަންގަނޑަށް ތަފާތު އަސަރު ކުރެއެވެ. މޭވާގައި ހަމުގެ ދުޅަހެޔޮކަމަށް ބޭނުންވާ ފައިދާ ހުންނަ މުހިއްމު ނިއުޓިރިއެންޓްސްއާއި އަދި އިތުރު މާއްދާތައް އެކުލެވެއެވެ. އެގޮތުން ފަޅޯ ފާހަގަ ކުރެވިފައިވަނީ ހަންގަނޑަށް ވަރަށް ފައިދާ ލިއްބައިދޭ މޭވާއެއްގެ ގޮތުގައެވެ.
ހަންގަނޑު ރީތި ކުރުމަށް ބޭނުންކުރާ ވަރަށް ގިނަ ކޮސްމެޓިކްސްތަކުގައި ފަޅޯ ބޭނުންކޮށްފައިވާތަން ފެނެއެވެ. އެއީ ހަންގަނޑަށް ފަޅޯއިން ވަރަށް ގިނަ ފައިދާތައް ލިއްބައިދޭތީއެވެ. ފަޅޮލުގައި ރަނގަޅު އެންޓިއޮކްސިޑެންޓެއް ބާވަތްތައް ހިމެނެއެވެ. އަދި ފަޅޮލަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. ފަޅޮލުގައި ޕެޕެއިން ނަމަކަށް ކިޔާ އެންޒައިމްއެއް އެކުލެވިގެންވެއެވެ. މިއީ މުޅި ސިއްހަތަށާއި އަދި ހަންގަނޑަށްވެސް ފައިދާ ހުރި އެންޒައިމްއެކެވެ.
ހަމުގެ ހާއްސަ ޑޮކްޓަރ، ޑޮކްޓަރ ތަނީޝާ ފަޅޮލާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ. " ފަޅޮލަކީ ނިއުޓްރިއެންޓްސްއާއި ފައިބަރުގެ މާއްދާ ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. ފަޅޮލަކީ ޕްރޮވިޓަމިން އޭ، ސީ އަދި ފައިޓޯ ވިޓަމިން ކޭ ފަދަ ވިޓަމިންތަކުން މުއްސަނދި ވެފައިވާ އެއްޗެކެވެ. ވިޓަމިންތަކުގެ އިތުރުން ފޮސްފަރަސް، މެގްނީޒިއަމް އަދި ބީޓާ ފަދަ މާއްދާތައްވެސް ފަޅޮލުގައި އެކުލެވިގެންވެއެވެ. ފަޅޮލަކީ ޕެޕެއިން، ޗައިމޯޕަޕޭން ފަދަ ކެމިކަލް/އެންޒައިމްތަކުން ވެސް މުއްސަނދި އެއްޗެކެވެ. މިފަދަ އެންޒައިމްތައް ޅަ ފަޅޮލުގެ އިތުރުން ދޮން ފަޅޮލުގައިވެސް ހުރެއެވެ. ޅަ ފަޅޯ ބޭނުންކުރުމުން ހަންގަނޑު ހިރުވާގޮތްވުމާއި ބްލިސްޓާ ( ފެން ބިހި ) ނެގުމަށް މަގުފަހިވެއެވެ. "
މުސްކުޅިވުމުން ހަންގަނޑުން ފެނިދާނެ އަލާމާތްތައް ދުރުކޮށްދިނުމަށް އެހީތެރިވެދިނުން:
ފަޅޮލުގައި އެކުލެވޭ ޕެޕެއިން އެންޒައިމްއިން ހަންގަނޑަށް ލިބިފައިވާ ގެއްލުތައް ފަސޭހަކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ހަންގަނޑަށް މުހިއްމު މާއްދާއެއް ކަމުގައިވާ ކޮލާޖަން އުފައްދައިދިނުމަށް އެހީވެދެއެވެ. ކޮލާޖަންއަކީ ހަންގަނޑު ދުޅަހެޔޮކޮށް ބަހައްޓައިދިނުމަށާއި ހަންގަނޑުގެ އިލާސްޓިސިޓީ އިތުރުކޮށް ( ހަންގަނޑު ދޫވެގެން ނުދިއުމަށް ) ދިނުމުގައި މުހިއްމު ރޯލެއް އަދާކުރާ މާއްދާއެކެވެ. ހަންގަނޑަށް އެކަށޭނެ މިންވަރަށް ކޮލާޖަން ލިބޭނަމަ ހަންގަނޑުގައިވާ ރޫތައް ކުޑަކޮށްދިނުމަށާއި އަދި ހަންގަނޑު ހައިޑްރޭޓްކޮށް ބަހައްޓައި ދިނުމަށް އެހީތެރިވެދެއެވެ.
ފަޅޮލުން ހަންގަނޑަށް މޮއިސްޗަރކަން (ތެއްކަން) ގެނެސްދީ ހަންގަނޑު ޑްރައި ( ހިކުމުން) ދުރުކޮށްދެއެވެ. ގަވައިދުން ފަޅޯ ބޭނުން ކުރާނަމަ ހަންގަނޑު އަލިވެ އުޖާލާވުމަށް މަގުފަހިވާނެއެވެ. ފަޅޯ ބޭނުން ކުރުމުން ހަންގަނޑުގައި މަރުވުފައިވާ ސެލްތައް ނައްތާލަ ދިނުމަށް އެހީތެރިވެދެއެވެ.
އަވީގައި ގިނައިރު އުޅުމުން ހަންގަނޑަށް އަރާ ކުލަ ނައްތާލުމަށް ފަޅޯ ބޭނުން ކުރެވިދާނެއެވެ. ފަޅޮލުގައި އެކުލެވޭ ޕެޕައިން އާއި ވިޓަމިން އޭ އަދި ސީ އިން ހަންގަނޑުގެ ކުލަ އަލިކޮށް ދިނުމަށް އެހީތެރިވެދީ އަދި ހަންގަނޑު ޓޭން ވުމުން ދުރުކޮށްދެއެވެ. ހަންގަނޑުގައި ހުންނަ ޑާރކް ސާކަލް ނައްތާލުމަށް ފަޅޯއަކީ ރަނގަޅު އެއްޗެކެވެ.
ފަޅޯ ބޭނުންކުރުމުން އެލާގިކްއެއްވޭތޯ ބެލުން މުހިއްމުއެވެ. ބައެއް ބޭފުޅުންނަށް އެލާގިކްވުން އެކަށީގެންވެއެވެ. ޅަ ފަޅޯ ބޭނުންކުރުމުން ހަންގަނޑު ހިރުވާގޮތްވުމާއި ބްލިސްޓާ ( ފެން ބިހި ) ނެގުމަށް މަގުފަހިވެދާނެއެވެ. ވީމާ މިކަމަށް ވިސްނައިގެން ފަޅޯ ބޭނުންކުރުން މުހިއްމެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.
ލިޔުނީ: އުންމު ނަވާރު
މަސްދަރު
https://www.asterhospitals.in/blogs-events-news/aster-rv-bangalore/amazing-benefits-of-papaya-your-skin-care