ދުވާފަރުގެ ބައަކަށް ދިމާވި ކރަންޓުގެ މައްސަލަ ސްޓެލްކޯގެ އިންޖީނިއަރިންގ ޓީމުގެ އެހީތެރިކަމާއެކު ޙައްލުކޮށް މިއަދު ހެނދުނު ކަރަންޓްދީފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އިންޖީނިއަރިންގ ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ވަނީ ކަރަންޓުދެވިފައިކަމަށާއި ރައްޔިތުންނަށް އަޅުގަނޑުމެންގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަޚުރުވެރިކަމާއި ސާބަހާއިއެކު ޝުކުރުދަންނަވަން ކަމަށެވެ. އަދި ސްޓެލްކޯ ވާނީ އަބަދުވެސް ރައްޔިތުންނާއެކު، އެ ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ.
ދުވާފަރަކީ އެމްޑަބްލިޔޫއެސްސީއިން ކަރަންޓާ ފެނުގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ. އިއްޔެ ހެނދުނުގެ ވަޤުތެއްގައި ކޭބަލަކަށް މައްސަލައެއް ޖެހި ރަށުގެ ބައަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އެމްޑަބްލިޔޫއެސްސީގެ ޓީމާ އެހީތެރިވުމަށް ސްޓެލްކޯގެ ޓީމެއް އެރަށަށް ގޮސްފައިވަނީ ރޭ މެންދަމުގެ ވަޤުތެއްގައެވެ.
