ޢާއިޝަތު ރަފާޙް ޢަލީ
މުޙައްރަމު މަހަކީ މަތިވެރިވެގެންވާ މަހެކެވެ. އަދި އެމަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެކެވެ. މިމަހުގައި ހެޔޮ ޢަމަލުތައް ކުރުމަށް އިތުރަށް ބާރުއަޅުއްވައިފައިވެއެވެ.
މުޙައްރަމް މަހާއި ބެހޭ ގޮތުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ.
"أفضل الصيام بعد رمضان شهر الله المحرَّم" (مسلم)"
މާނައީ: ރަމަޟާންމަހު ހިފާ ރޯދަޔަށްފަހު ހިފޭ އެންމެ މަތިވެރި ރޯދައަކީ މާތް ﷲ ގެ މައްސަރު، އަލްމުޙައްރަމް މަހުގައި ހިފޭ ރޯދައެވެ."
أفضل الصيام بعد رمضان شهر الله المحرم - إسلام ويب - مركز الفتوى (islamweb.net)
އެގޮތުން މިލިޔުމުގައި މިބަޔާން ކޮށްލަނީ މުޙައްރަމް މަހުން ލިބޭ ބައެއް ފައިދާތަކެވެ.
· މުޙައްރަމް މަހުގައި އާއި އަދި ޙުރުމަތްތެރިވެގެންވާ މަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި ނުބައި ޢަމަލުތަކުން ދުރުވުމަށް ﷲ ތަޢާލާ އަންގަވާފައިވެއެވެ. ސަބަބަކީ އެ މައްސަރުތަކުގައި ކުރާ ނުބައި ކަންތައްތަކުގެ ފާފަ އެހެން މަސްތަކުގައި ކުރާ ފާފަތަކަށްވުރެ ބޮޑުވެގެންވާތީއެވެ. އެގޮތުން ﷲ ތަޢާލާ ތައުބާ ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
(فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ )
މާނައީ: "ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ!"
· ރަމަޟާން މަހަށްފަހު ރޯދަހިފުން މިދުވަސްތަކުގައި ސުންނަތްވެގެންވެއެވެ.
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައިވެއެެވެ.
"أفضل الصيام بعد رمضان شهر الله المحرم، وأفضل الصلاة بعد الفريضة صلاة الليل" رواه مسلم وأصحاب السنن.
މާނައީ: "ރަމަޟާން މަހަށްފަހު އެންމެ އިތުރުކަން ބޮޑުވެގެންވާ ރޯދައަކީ ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވާ މުޙައްރަމް މަހުގެ ރޯދައެވެ. އަދި ފަރްޟު ފަސް ނަމާދަށް ފަހު އެންމެ އިތުރުކަން ބޮޑުވެގެންވާ ނަމާދަކީ ދަމުނަމާދެވެ."
أفضل الصيام بعد رمضان شهر الله المحرم - إسلام ويب - مركز الفتوى (islamweb.net)
· މުޙައްރަމް މަހުގައި ހިމެނޭ ޢާޝޫރާ ދުވަހަކީ މޫސާ ޢަލައިހިއްސަލާމަށް ނިސްބަތް ވެފައިވާ ދުވަހެކެވެ. ސަބަބަކީ އެދުވަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާގެފާނުގެ، އެކަލޭގެފާނުގެ ޢަދުއްވުގެ ކިބައިން ސަލާމަތްކުރެއްވުމާއި ނިޢުމަތް ފުރިހަމަ ކުރެއްވި ދުވަހަށް ވާތީއެވެ. އަދި މިދުވަހުގައި ރޯދަ ހިފުމުގެ ސަބަބުން ހުރިހާ ކުދި ފާފަތަކެއް ފޮހެވިގެންދެއެވެ.
· ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމަށް ޢުޛުރުވެރިވި ނަމަވެސް ﷲ ތަޢާލާ އަޖުރު ދެއްވާނީ ނިޔަތަށެވެ. އެގޮތުން ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
((إذا مرض العبد أو سافر كتب له مثل ما كان يعمل مقيمًا صحيحًا))؛ رواه البخاري.
މާނައީ:“އަޅާ ބަލިވެއްޖިއްޔާ ނުވަތަ ދަތުރުކުރާންޖެހިއްޖެއްޔާ އޭނާ ދުޅަހެޔޮ ޙާލުގައި، ދަތުރުވެރިއެއްކަމުގައި ނުވި އިރު އޭނާ ކުރި ފަދަ ހެޔޮ ޢަމަލުތައް، އޭނާއަށްޓަކައި ލިޔުއްވައިދެއްވޭނެއެވެ.”