ޢިބްރަތްތެރި ވާހަކަ: މުސްކުޅި ބައްޕަ ޖަލަށްލިއަނުދޭން 6 އަހަރުވަންދެން ހިތްދަތިކަމާ އަނިޔާގަ ކެތްތެރިވި އަންހެން ދަރިއަކަށް ލިބުނު ބޮޑު އުފާވެރިކަމާ ތަނަވަސްކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ޢިބްރަތްތެރި ވާހަކަ: މުސްކުޅި ބައްޕަ ޖަލަށްލިއަނުދޭން 6 އަހަރުވަންދެން ހިތްދަތިކަމާ އަނިޔާގަ ކެތްތެރިވި އަންހެން ދަރިއަކަށް ލިބުނު ބޮޑު އުފާވެރިކަމާ ތަނަވަސްކަމުގެ ވާހަކަ-

އަޅުގަނޑުގެ މަންމަ ވަނީ ނިޔާވެފައެވެ. ބައްޕައަކީ ޒުވާނަކާއި ގުޅިގެން ކޮންމެވެސް ވިޔަފާރިއެއް ކުރަމުން ގެންދާ މީހެއްކަން އެނގެއެވެ. ނަމަވެސް ކުރަނީ ކޮން ވިޔަފާއެއްކަމެއް ނުއެނގެއެވެ.

އަޅުގަނޑު ބޮޑުވެ ކައިވެނިކުރާ ޢުމުރަށް އެޅުނުތަނުން ބައްޕަ ވަރަށް ދެރަވެފައި ބުނީ ބައްޕަ ވަރަށް ބޮޑު ޢަދަކުން ދަރަނިވެރިވެފައިވާ ކަމަށާއި އޮތް ހަމަ އެކަނި ޙައްލަކީ ބައްޕަގެ ވިޔަފާރި ބައިވެރިޔާ އާއި އަޅުގަނޑު ކައިވެނިކުރުން ކަމަށެވެ. 

ބައްޕަގެ އާދޭސް އަޑުއަހާފައި އެކަމަށް އެއްބަސްވީމެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. އެއީ އަޅުގަނޑަށް ތަނަވަސްކަން ނުދިންނަމަވެސް ހިތުގައި ނުޖައްސައި ލޯބިދީގެން އަޅުގަނޑު ގެންގުޅުމެވެ. ކައިވެނިކުރީ އެކަންކަމަށް އޭނާ އެއްބަސްވުމުންނެވެ. 

ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެންވެސް އަޅުގަނޑަށް ތަޖުރިބާކުރަންޖެހުނީ އަޅުގަނޑު ބޭނުންވި ގޮތާއި ދިމާ އިދިކޮޅެވެ. އޭނާއަކީ ލޯބި ދަންނަ މީހެއް ނޫނެވެ. ލޯބިން ކަމެއް ކުރަން ނުއެނގޭތަނުގައި ލޯބިން ބަހެއް ބުނަންވެސް އެނގޭ މީހެއް ނޫނެވެ. ލޯބިވުމާއި ލޯބި ދިނުމަކީ އޭނާ ދަންނަ ކަންކަމެއް ނޫނެވެ. 

އަޅުގަނޑަށް ބޭނުންވާނެ ހުރިހާ ކަންކަން އޭނާ ކޮށްދެއެވެ. ނަމަވެސް ވާހަކަ ދައްކާއިރުވެސް ހީވާނީ ފުންމަފުންމައިގެންދާ ހެންނެވެ. ވީމާ ކޮށްދޭ ކަންކަން ބަލައިގަންނަން ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ލޯބިން އަތުގައި ހިފައިލާގޮތުންވެސް ހީވާނީ ކުޑަހުޅުން ބިންދައިގެންދާހެންނެވެ. އެސިފަތައް ބަދަލުކުރުވޭތޯ ވަރަށް ގިނަ މަސައްކަތްކުރީމެވެ. ނަމަވެސް ނުކުތް އެއްވެސް ނަތީޖާއެއް ނެތުމުން މާޔޫސްވިލެއް ބޮޑުކަމުން އެންމެފަހުން އާދޭސްކުރުން ހުއްޓައިލީއެވެ. 

ވަރިވެގެން ހިނގައްޖެނަމަ ބައްޕަ ޖަލަށްލާނެ ކަމުގެ ބިރު އަބަދުވެސް ދިއައީ ދައްކަމުންނެވެ. މުސްކުޅި ޢުމުރުގައި ބައްޕަ ޖަލަށް ފޮނުވާލާފައި އުފާވެރި ދިރިއުޅުމެއް ހޯދަން އުޅުމަކީ އަޅުގަނޑު ކުރަން ބޭނުންވާ ކަމަކަށް ނުވާތީ ކެތްތެރިވެލައިގެން ހުރީއެވެ. 

ފިރިމީހާގެ ކުރިމަތީގައި ރޮއި އާދޭސްކުރިނަމަވެސް ނުކުންނާނެ އެއްވެސް ނަތީޖާއެއް ނެތުމުން ފިރިމީހާ ގާތަކު އިތުރަކަށް އެއްވެސް ކަމަކު ނުއެދެމެވެ. އެދެން އުޅޭހެން ހީވިނަމަވެސް ބުނާނީ ބައްޕަ ޖަލަށް ފޮނުވާލަން ބޭނުންވާނަމަ ވަރިވެގެން ދިއުމަށެވެ. އެނޫން އަޑެއް ނުއިވޭނެކަން ޔަޤީންވުމުން އެފަދަ އެއްވެސް ވާހަކައެއް ނުދައްކަމެވެ. 

އަޅުގަނޑު އުފާވެރިކަން ހޯދަމުންދިއައީ ﷲ އަށް އަޅުކަންކުރުމުންނެވެ. ޛިކުރުކޮށް ދުޢާކުރަމުންނެވެ. ފުރުޞަތު ލިބޭވަރަކުން ރޭގަނޑާއި ދުވާލުގެ ވަޤުތުތައް ހޭދަކުރަމުން ދިއައީ މިބުނިފަދައިން އަޅުގަމުގައެވެ. ޛިކުރުކުރުން ހިނދުކޮޅަކަށްވެސް ހުއްޓައެއް ނުލަމެވެ. 

ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ކުރިން ހީކޮށްގެން ހުރީ ދަރިފުޅު ލިބުމުން ފިރިމީހާގެ މިޒާޖަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް އެކަންވީވެސް ބޭކާރު އުންމީދުތަކަކަށެވެ. 

ކައިވެންޏަށް 6 ވަނަ އަހަރު، ދަރިފުޅަށް 3 ވަނަ އަހަރު އެއްދުވަހަކު ހޮސްޕިޓަލުން ގުޅާފައިބުނީ ވަރަށް ބޮޑު އެކްސިޑެންޓެއް ވެގެން ފިރިމީހާ އޮތީ ހޮސްޕިޓަލުގައި ކަމަށާއި ދަރިފުޅުވެސް ގޮވައިގެން ވަރަށް އަވަހަށް ހޮސްޕިޓަލަށް ދިއުމަށެވެ. ކޯލް ލިބުމާއިއެކު ވަޤުތުން ތައްޔާރުވެލައިގެން ދެވުނުއިރު އޭނާ ވަނީ ނިޔާވެފައެވެ. ދިރިއޮއްވައި ބައްދަލުވެސް ނުވީއެވެ. އޭނާއަށް މާފުކުރި ވާހަކަ ބުނެލަންވެސް ފުރުޞަތު ނުލިބުނީއެވެ. އެހެންކަމާއިއެކުގައިވެސް އަޅުގަނޑު އޭނާއަށް މާފުކުރީމެވެ. މާފުކުރީ ދަރިފުޅުގެ ބައްޕަ ވީމައި ސުވަރުގެ ވަނުމަށް އަޅުގަނޑުގެ ކިބައިން ހުރަހެއް އަޅަން ބޭނުންނުވާތީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ކައިވެނީގައި އަޅުގަނޑު ހޭދަކުރި 6 މަސްދުވަސް ހޭދަކުރަން ޖެހުނީ ކިހައި ވަރެއްގެ ހިތްދަތިކަމުގައިކަން ބަޔާންކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. ލޮލުން އޮހޮރަންޖެހުނު ކަރުނަ މިނުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. ހިތުގައި އެޅިވޭންތައް ކިރައިލެވޭނެވަރުގެ ކައްޓާއެއްވެސް ދުނިޔޭގައި އަދި އުފައްދާފައެއް ނެތެވެ. 

ނަމަވެސް އޭނާ ނިޔާވިފަހުން އަޅުގަނޑު މިވަނީ އުފާވެރިކަމުގައެވެ. ޢިއްދަ ހަމަވިތަނުން ދެވަނަ ކައިވެނިވެސް ކޮށްފީމެވެ. އޭނާ މަރުވިފަހުން ބައްޕަގެ ކިބައިން އެނގުނީ ބައްޕަގެ ބޮލުގައި އަޅުވައިގެން އުޅުނު ބޮޑު ދަރަންޏަކީވެސް މަކަރަކުން ބައްޕަ ލައްވައި ސޮއިކުރުވައިގެން އަޅުވާފައި އޮތް ދަރަންޏެއް ކަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މައިންބަފައިންގެ ޙައްޤުގައި މިފަދަ ޤުރްބާނީއެއް ވާންޖެހުނަސް ފުރާނައަށް ނުރައްކާނުވާނަމަ ކެތްތެރިވެލަން މަސައްކަތްކުރުމަށެވެ. ތަޅައި އަނިޔާކުރާނަމަ ކެތްތެރިވާކަށް ނުބުނާނަމެވެ. މައިންބަފައިންނަށްޓަކައިވާ ޤުރްބާނީގެ ބަދަލު މާތް ﷲ މާފުރިހަމަ ގޮތުގައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން