ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި ޖުމްހޫރީ ވެރިކަމެއްގައި ހުރިހާ ބާރުތަކެއް ލިބިގެންވަނީ ރައްޔިތުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ފެށުނު ފުރަތަމަ ޖުމްހޫރީ ވެރިކަން ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިމިގެން ދިއަ ނަމަވެސް 11 ނޮވެމްބަރު 1968 ގައި ފެށުނު ދެވަނަ ޖުމްހޫރީ ވެރިކަމަށް މިއަދު 50 އަހަރު ފުރި ރަންޔޫބީލް ފާހަގަކުރެވެމުން މިދަނީ ރާއްޖޭގައި އޮންނަންވާނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ރައްޔިތުން ޤަބޫލުކުރާތީ ކަމަށެވެ. އަދި ރާއްޖޭގައި ކުރާ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގައި ދަމަހައްޓަން ރައްޔިތުން ބޭނުންވެ އެކަމަށް މަސައްކަތް ކުރުމުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ވިރާސީ ވެރިކަން ނުވަތަ ރަސްކަން ދެން ދުވަހަކުވެސް ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި އަދި ބަލައި ވެސް ނުގަންނާނެ ކަމަށެވެ. ރަސްކަމުގެ އުޞޫލުން ވެރިކަން ކުރާ މިހާރު އޮތީ މަދު ޤައުމެއް ކަމަށާއި އެޤައުމުތަކުގެ ވެރިކަން ވެސް ރައްޔިތުންގެ ވެރިކަމަކަށް ބަދަލުކުރަން ބޭނުންވެގެން ރައްޔިތުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ޖުމްހޫރީ ވެރިކަން 17 ނޮވެމްބަރުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިތުރަށް ފުރިހަމަވެ ރައްޔިތުން އެދޭފަދަ ރައޔިތުންގެ ވެރިކަމެއް ކުރެވޭތަން ފެނިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވަނީ ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ، އުފާވެރި ރަންޔޫބީލްގެ މުނާސަބަތުގައި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ.
"ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ، އުފާވެރި ރަންޔޫބީލްގެ މުނާސަބަތުގައި އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ. ޤާސިމް"
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ދިވެހި ރައްޔިތުންނަށް، ޖުމްހޫރީ ވެރިކަމެއްގެ އުފާވެރިކަން އިޙްޞާޞް ކުރެވެން ފަށާފައިވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް ކަމުގައި އެމަނިކުފާނު އިންނަވައިގެން ދައުލަތުގެ ބާރުތައް ވަކިކޮށް، 3 ބާރުން ޤައުމުގެ ކަންކަން ހިންގާ ގޮތަށް 2008 ވަނަ އަހަރު ފާސްކުރެއްވި ފެހިޤާނޫނު އަސާސީއަށްފަހުގައިކަން ފާހަގަކުރެވެއެވެ.
1980 ގެ ކުރީކޮޅު އިޞްލާޙީ މަސައްކަތްތައް ފެށްޓެވުމާއިއެކު ޤާސިމް އިބްރާހީމް ވަނީ 3 ބާރު ވަކިކުރެވިފައިވާ އަދުލުވެރި ވެރިކަމެއް ރާއްޖޭގައި ޤާއިމު ކުރެއްވުމަށްޓަކައި ވަރަށް ބޮޑެތި ޤްރްބާނީތަކެއް ވެވަޑައިގެންފައެވެ. އެމަނިކުފާނު ދާދިފަހުންވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު ފެށްޓެވި އިޞްލާޙީ މަސައްކަތްޕުޅުތަކުގެ ފުރިހަމަ ފޮނިމީރުކަން ރައްޔިތުންނަށް ލިބެންދެން އެ މަސައްކަތްޕުޅުތަކުގައި ދެމިހުންނަވަން ބޭނުންފުޅުވާ ކަމަށެވެ.
ޤާސިމް އިބްރާހީމް އުފެއްދެވި ސިޔާސީ ޕާޓީއަށް ނަން ދެއްވާފައިވަނީ ވެސް "ޖުމްހޫރީ ޕާޓީ"ގެ ނަމުންނެވެ.