މިއީ އެދުވަހަކަށްޓަކައި ހުރިހާ ދިވެހި ރައްޔިތުން ފަޚުރުވެރިވާ ދިވެހިންގެ ޤައުމީ ދުވަސް ކަމަށާއި މިއަހަރުގެ ޤައުމީ ދުވަހަކީ އާ ހިތްވަރަކާއިއެކު ޤައުމު ބިނާކުރަން އެންމެން ނުކުންނަންވީ ދުވަސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
"މިއީ ދިވެހިން އެދުވަހަކަށްޓަކައި އެންމެ ފަޚުރުވެރިވާ ދިވެހިންގެ ޤައުމީ ދުވަސް! ދުވަހުގެ މުނާސަބަތުގައި މަރުހަބާ އާއި މުބާރިކްބާދީ އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސްކުރަން. ދުވަހުގެ ފަޚުރުވެރި އަބްޠާލުންނަށް ޙައްޤު ޝުކުރާއި ތައްރީފް އަރިސްކުރަން. އެބޭކަލުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރެއްވެވުން އެދި ދުޢާކުރަން."
ޤާސިމް އިބްރާހީމް ވިދާޅުވީ ސެޕްޓެމަބަރު 23 ވަނަ ދުވަހު ރައްޔިތުން އެކުގައި ނުކުމެ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތް ކުރުމަށާއި އަޅުވެތިކަމާއި އަނިޔާވެރިކަމުން ސަލާމަތްވުމަށް ކުރި މަސައްކަތަކީ ވަރަށް މަތިވެރި ޤްރްބާނީއެއް އަދި އެހައިމެ މަތިވެރި ޖިހާދެއް ކަމަށެވެ.
"ޖިހާދަކަށް ވަނީ ހަމައެކަނި ކަނޑި، ބަޑިން ކުރާ ހަނގުރާމައަކުން ނޫން. އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤުބަސް ބުނުމާއި އޭނާގެ އަނިޔާވެރިކަމާއި ދެކޮޅުކަން ޢަމަލުން ދެއްކުމަކީ ހަމަ އެންމެ މަތިވެރި ޖިހާދު. 23 ސެޕްޓެމްބަރުގައި ދިވެހި ރައްޔިތުން ނުކުމެ އެތައް ގަޑިއިރެއްވަންދެން ގަދަ ހޫނުގައި ކޮޅަށް ތިބެގެން ވަރުބަލިކަމެއް ނުދައްކައި އެކުރީ އެފަދަ މަތިވެރި ޖިހާދު ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ."
ޤާސިމް އިބްރާހީމް ވިދާޅުވީ އިޚްލާޞްތެރިކަމާއިއެކު ދިވެހި ރައްޔިތުން އެދުވަހު ކުރި މަސައްކަތަށް، ވީޤްރްބާނީއަށް ﷲ ތަޢަލާ މިވަނީ ނަޞްރު ދެއްވަވާފައި ކަމަށެވެ. އެހެންކަމުން މިއަހަރުގެ ޤައުމީ ދުވަސް ހަދަންވީ ﷲ ތައާލާ ދެއްވެވި ނަޞްރާއި ކާމިޔާބީއަށް ޝުކުރުވެރިވެ ޤައުމުގެ ބިނާ ކުރުމުގެ މަސައްކަތް އައު ހިތްވަރަކާއިއެކު ފަށާ ދުވަސް ކަމަށެވެ. ޤައުމުގެ ވީރާނާވެފައިވާ ހުރިހާ ކަންކަން އާރާސްތުކުރަން ފަށާ ދުވަހަކަށް ހެދުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އަސާސަކީ ނުވަތަ ތަނބަކީ އިސްލާމް ދީން ކަމަށެވެ. ދިވެހިންނަކީ އަބަދުވެސް އިސްލާމް ދީނަށް އެންމެ ބޮޑަށް އިސްކަން ދީގެން ޤައުމިއްޔަތު ބިނާކޮށް ވަރުގަދަކުރަން މަސައްކަތްކުރި ބައެއް ކަމަށެވެ. އަދި މިއަދުވެސް ދިވެހިން ތިބީ ހަމަ އެގޮތުގައި ކަމަށެވެ.
"އެކަމަށް ޤައުމު މިހާރު ފަށާފައިވާ ދަތުރުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަކަތައަކީ ރައްޔިތުންގެ އެއްބައިވަންތަކަން. އެއްބާރުލުން. އެއްބަނޑު އެއްބަފާކަން ދެމެހެއްޓުން. ތެދުވެރިވުން، ވަފާތެރިވުން. ޤައުމީ ދުވަހެއް ދިވެހިންނަށް ލިބުނީ އެކަމަށްޓަކައި ޤައުމީ ބަޠޮލުން ވެވަޑައިގެންނެވި މަތިވެރި ޤްރްބާނީން. އުތީމު މަހާރަދުންގެ ލަޝްކަރު ކިތަންމެ ކުޑަވެފައި ފަހުލަވާނުން ކިތަންމެ މަދު ނަމަވެސް އެލަޝްކަރުގެ ވަރުގަދަ އަޒުމާއި އެއްބައިވަންތަކަމުން."
ޤާސިމް އިބްރާހީމް ވިދާޅުވީ އުތީމު މަހާރަދުންގެ ކާމިޔާބީގެ އަޞްލަކީ ލަޝކަރުގެ ބަދަހި ގުޅުން ކަމަށެވެ. ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ. މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ބޭނުމަކީ އެ ހަނދާންތައް އައުކޮށް އެގޮތުގައި ސާބިތުކަމާއިއެކު މިއަދުވެސް، ކުރިއަށް އޮތް ތަނުގައިވެސް ދެމިތިބުމަށް ޢަޒުމް އައުކުރުން ކަމަށެވެ.
"އަޅުގަނޑުގެ ދުޢާއަކީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި ދިވެހިންނަށް ހުރިހާ ގޮތަކުންވެސް ކުރިއެރުމާއި ނަޞްރާއި ކާމިޔާބީ މިންވަރުކުރެއްވެވުން. ދިވެހިންނަށް، ތަނަވަސް އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވެވުން. ދިވެހި ޤައުމު ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ދާއިމަށްލަހައްޓަވާށި! އާމީން."