އދ. މާމިގިލީ ބަޔަކު، އެރަށު ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދަށް "ނައްތާލާނެ" ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު، އެބޭފުޅާއަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
މާމިނގިލީ ވަށްތުނޑީ ސަރަހައްދުގައި މި މާރި ހިންގާފައި ވަނީ، މި މަހުގެ ހަވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޝިހާމް ވިދާޅުވީ، މަންޒަރު ދުށް ފަރާތްތަކާއި އެކު ގޮސް މިމައްސަލަ ވަގުތުން ފުލުހުންނަށް ހުށައެޅި ކަމަށާއި، އެ ބޭފުޅުން މައްސަލަ ތަހުޤީޤު ކުރަމުން ދާކަމަށް ވިދާޅުވެފައި ވާކަމަށެވެ.
ޝިހާމްވިދާޅުވި ގޮތުގައި އޭނާއަށް އިންޒާރު ދީ މާރާމާރީ ހިނގާފައި ވަނީ ޕީޕީއެމްއަށް ނިސްބަތްވާ ދެ މީހުނެވެ. އަދި މިކަން ހިނގަން މެދުވެރިވި ސަބަބެއްގެ ގޮތުގައި އެބޭފުޅާ ފާހަގަކުރެއްވީ އޭގެތެރޭން އެކަކުގެ އާއިލާ މެމްބަރަކ މާމިގިލީ އެއާޕޯޓުގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައި ހުރުމެވެ.
ނަމަވެސް މާމިގިލީ އެއާޕޯޓަކީ ޝިހާމް މުޙައްމަދާއި އެއްވެސް ގުޅުމެއް އޮތް ތަނެއް ނޫނެވެ. އެހެންކަމުން ބެލެވެނީ މިއީ ޕީޕީއެމަށް މާމިގިލިން ލިބުނު ބޮޑު "ސުމެއް" ހަޖަމު ނުކުރެވިގެން ދިން ހަމަލާއެއް ކަމަށެވެ.
މާރާމަރީ ހިންގި ދެމީހުންގެ ތެރޭން، އެކަކީ ޕޯޓްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އަނެއް މީހާއަކީ އެވިއޭޝަން ކޮމާންޑުގެދަށުން އެއާޕޯޓުގައި ސެކިޔުރިޓީ ބަލަހައްޓަން މަސައްކަތް ކުރާ މީހެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.