ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބަދަލުކުރައްވައިފިއެވެ. ބައްދަލުކުރެއްވުމާއިބެހޭ އިތުރު ތަފްޞީލް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މިހާރު ކުރަމުން ގެނަދަނީ އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވީހައި ކުލަގަދަކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު މިއަދު ވަނީ ވިދާޅުވެފައެވެ.
އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކަންކަން އިންތިޒާމު ކުރަމުން މިހާރު ގެންދާ ގޮތަށް ކަންކަން ކުރިއަށް ގެންދާނަމަ 10000-11000 އާއި ދެމެދުގެ އަދަދަކަށް މީހުން އެ ރަސްމިއްޔާތުގައި މީހުން ބައިވެރިވާނެއެވެ. އަދި މިފަދަ ރަސްމިއްޔާތެއްގައި ބޭރުގެ ފަރާތްތަކުން މިހައިތަނަށް ބައިވެރިވެފައިނުވާހައި ގިނަ އަދަދަކަށް މިރަސްމިއްޔާތުގައި ބައިވެރިވާނެއެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތު މީގެ ކުރިން ބާއްވަމުން އައިސްފައިވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ. ރައީސް ޔާމީނުގެ އެދިވަޑައިގަތުމަށް 2013 ވަނަ އަހަރު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދަރުބާރުގޭގައެވެ. އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން އިންތިޒާމު ކުރަމުން ގެންދަނީ ގަލޮޅު ދަނޑުގައެވެ. އެހެންކަމުން މިއީ މިފަދަ ތަނެއްގައި ބާއްވާ މިފަދަ ފުރަތަމަ ރަސްމިއްޔާތެވެ. އަދި އެންމެ ގިނަ އަދަދެއްގެ ބައަކު ބައިވެރިވާނެ ރަސްމިއްޔާތެވެ.