ނޮވެމްބަރު 3 ވަނަ ދުވަހު ވެސް އަދި މިއަދުވެސް ދިވެހި ޤައުމުގެ ޙަޤީޤީ ބަޠޮލުންނަކީ ދިވެހި ރައްޔިތުން ކަމަށާއި އެގޮތުގައި ސާބިތުވެ ތިބުމަށް އެދިވަޑައިގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ޢުދްވާނީ ހަމަލާއިން ދިވެހި ޤައުމު ސަލާމަތްކުރީ ދިވެހި ރައްޔިތުންގެ ސާބިތުކަމާއި ހިއްވަރު ކަމަށެވެ. އަދި މިހާރުގެ ޙާލަތުން ޤައުމު ސަލާމަތްކުރެވުނީވެސް ދިވެހި ރައްޔިތުންގެ ސާބިތުކަމާއި "ގުޑުވައި ނުލެވުނު" ވަރުގަދަ ޢަޒުމުގެ ސަބަބުން ކަމަށެވެ. "އެއްވެސް ޝައްކެއް ނެތް. މާޒީގައި ވެސް މިއަދުވެސް ދިވެހި ރައްޔިތުން ހާމަކޮށްދެމުން އެގެންދަނީ ޤައުމަށް ކުރިމަތިކުރުވާ ކޮންމެ މުޞީބާތަކުން ޤައުމު ސަލާމަތް ކުރަން ރައްޔިތުން ތިބީ އަބަދުވެސް ތައްޔާރަށްކަން. އެކަމަށް ރައްޔިތުން ފަސްނުޖެހޭނެކަން. ކެރިގެން ކުރިމަތިލައި މާތްﷲ ގެ ވާގިފުޅާއިއެކު ކާމިޔާބު ހޯދާނެކަން."
ޤާސިމް އިބްރާހީމް ވިދާޅުވީ ކުއްލި ގޮތަކަށް ޓެރަރިސްޓުންގެ ބައަކު، މާލޭގައި މީހުން ނިދާފައި ތިއްބާ ސިއްރުން މާލެ އަރައި ހިންގި އަނިޔާވެރި އަމަލުތައް ދުވަހަކުވެސް ރާއްޖޭގެ ތާރީޚުން ފޮހެވިގެން ނުދާނެ ކަމަށާއި ހަމައެއާއެކު ޓެރަރިސްޓުންނާއި ކުރިމަތިލައި ދިވެހި ސިފައިން ކުރި މަތިވެރި ޖިހާދަކީ ފަހުގެ ތާރީޚުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢުކޮށް ހިމާޔަތްކުރަން ކުރެވުނު އެންމެ ވަރުގަދަ ހަނގުރާމަ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ހަމައެއާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަނީ އެ މަތިވެރި ޖިހާދުގައި އަމަލީ ގޮތުންނާއި ހިތާއި ރޫޙުން ބައިވެރިވެފައި ކަމަށެވެ. "ހަމަލާތައް ބަދަލުކުރެވެމުން ދިއައީ މާލޭގަ އެކަނި. އެއް ބައަކު މަގުތަކަށް ނުކުމެ އެއްވެސް ބިރެއް ނެތި އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދިއައީ. ރައްޔިތުންގެ ހިމާޔަތުގައި އެމީހަކަށް ކުރެވުނުހައި ކަމެއް ކޮށްދެމުން ދިއައީ. ބިރުކަނޑާލާފައި ނުކުމެ މައުލޫމާތު ހޯދައި ސިފައިންނަށް ފޯރުކޮށްދެމުން ގެންދިއައީ. ސިފައިން ދިއައީ ވަރުބަލިކަމެއް ނެތި ހަމަލާދީ ޖިހާދުކުރަމުން. މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ދިއައީ ޤައުމު ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާ ކުރަމުން. އެހެންވީމާ މިޖިހާދުގައި އެމީހަކަށް ބައިވެރިވެވުނު ގޮތަކަށް، ބައިވެރިނުވާ ހަމަ އެކަކުވެސް ހުރިކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން."
ޤާސިމް އިބްރާހީމް ވިދާޅުވީ އެދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަން އެންމެ ފުރިހަމަ ގޮތުގައި ދައްކައިދިން ދުވަސް ކަމަށެވެ. މުޅި ދުނިޔެއަށް ނަމޫނާ ދެއްކި ދުވަސް ކަމަށެވެ. "ޓެރަރިސްޓުން އެހައި ފަސޭހައިން ބަލިވި އެންމެ ބޮޑު އެއްސަބަބަކީ އެމީހުންނާއި ބައިވެރިވާނެ، އެހީތެރިވާނެ ހަމަ އެންމެ ދިވެއްސަކު ވެސް ނުވުން. މިއީ މިބާވަތުގެ ކަމެއްގައި ދުނިޔޭގެ އެއްވެސް ޤައުމަކުން ފެނިފައިވާ ކަމެއް ނޫން. އަދި ފެނިދާނެ ކަމެއް ކަމަށްވެސް ބެލެވޭކަށް ނެތް މިހާރު ކަންކަން ފެންނަމުން މިދާ ގޮތުން."
ޤާސިމް އިބްރާހީމް ވިދާޅުވީ އަބަދުވެސް ސަރުކާރާއި ޚިޔާލު ތަފާތު މީހުން ކޮންމެ ޤައުމެއްގައިވެސް ތިބޭނެ ކަމަށާއި އެގޮތުން އެދުވަހު ރާއްޖޭގައިވެސް ތިބޭނެ ކަމަށެވެ. "އެހެންކަމާއިއެކުވެސް އެފަދަ ހުރިހާ ފިކުރުތަކެއް އެކުގައި އެދުވަހު ރައްޔިތުން ދޫކޮށްލީ ޤައުމަށްޓަކައި. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި. މާތްވެގެންވާ އިސްލާމް ދީނަށްޓަކައި. މިއީ މިދެންނެވި އެއްބައިވަންތަކަމުގެ ފުރިހަމަ ނަމޫނާ."
"އެދުވަހު ޝަހީދުވި އެންމެންގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވެވުން އެދި ދުޢާކުރަން. ޢާއިލާތަކަށް ކެތްތެރިކަން ދެއްވެވުން އެދި ދުޢާކުރަން!"
ނޮވެމްބަރުގެ 3 ގެ އުދުވާނީ ހަމަލައާއި ގުޅިގެން ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލްކޮށްދީ ރައްޔިތުންގެ ސަލާމަތްކަމާއި ރައްކައުތެރިކަމަށް އިންޑިއާގެ އެއިރުގެ ސަރުކާރުން ދިން ޚާއްޞަ ސަމާލުކަން ފާހަގަކުރައްވައި އިންޑިއަށާއި އިންޑިއާގެ ރައްޔިތުންނަށްވެސް ޤާސިމް އިބްރާހީމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.