ދިވެހި ރައްޔިތުންނަށް އިތުރަށް މާޔޫސްވާން ނުޖެހޭނެ ކަމަށާއި ޤާނޫނު އަސާސީއާ ޤާނޫނީ އިމުގެ ތެރެއިން އުފާ ފާގަތިކަން ހޯއްދަވައި ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުން މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކުރުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަނިކުފާނާއި ހަވާލުކުރައްވާފައިވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެމަސްއޫލިއްޔަތު އަދާކުރެވުމުގައި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއި އެކުގައި މަސއްކަތްޕުޅު ކުރައްވާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އަށާއި އިސްލާމް ދީނަށާއި އަދި ޤައުމުގެ ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބެނިވި އަދި ދިވެހި ދައުލަތަށާއި ސަރުކާރަށް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއިއެކުގައި ކަމަށެވެ.
"ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ބޭނުންވެފައިވާ ޑިމޮކްރެޓިކް ޙަޔާތެއް ގެނެސް ދިނުމުގައި ވޭތިވެ ދިއަ ތަނުގައި ފެނުނު ފަދަ ނާއުންމީދީ އެއްވެސް ކަމެއް ރައްޔިތުންނާއި ހަމައަށް ނާންނާނެ ގޮތަކަށް ކަންކަން ކުރުމުގެ ޢަޒުމުގަ މަސައްކަތް ކުރާނީ މަޖިލީހުގެ ޤަވާއިދާއި ޤާނޫނު އަސާސީ އާއި އަދި ޤާނޫނުގެ އިމުގެ ތެރޭގަ. މާތް ﷲ ވާގިފުޅާއިއެކު ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ދުވަސްތަކެއް، ދިވެހި ސަރުކާރަށް އިތުރު ކުރިއެރުމާ އިތުރު މަންފާ ލިބިގެންދާނެ ލުއިފަސޭހަ ގޮތެއްގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ."
ޤާސިމް އިބްރާހީމްވަނީ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އެމަނިކުފާނު ހޮއްވަވައި ދެއްވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އެމަނިކުފާނަށް ދެއްވި ތާއީދަށް ޝުކުރު ދަންނަވައިފައެވެ. "ހުރިހާ ލީޑަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އެގޮތުން ރައީސް ނަޝީދާ، ރައީސް މައުމޫނާ، ޝައިޚް އިމްރާނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ފެށުނީންސުރެ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް، ވަރަށްވެސް ބޮޑަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު ކޯލިޝަނު އުފެއްދީންސުރެ މަސައްކަތްތައް މިރެއާއި ހަމައަށް ވެސް ކުރިއަށްގެންދަވަން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަސް ދަންނަވަން. އަދި ފައިޞަލް ނަސީމަށާއި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވަން. ދިވެހި ޤައުމަށާއި ރައްޔިތުންނަށް އުޖާލާ ދުވަސްތަކެއް ދެއްކެވުން އެދި ދުޢާކުރަން."
ޤާސިމް އިބްރާހީމް ވަނީ އެމަނިކުފާނުގެ ރިޔާސަތުގައި، ދިވެހި ރައްޔިތުން، ވައްކަމާއި އަނިޔާވެރިކަމާއި ކޮރަޕްޝަނުން ސަލާމަތްވެ އުފާފާގަތިކަން ރައްޔިތުންނަށް ލިބޭނެ މަތިވެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ މަތިވެރި އަޒުމުގައި އިންތިޚާބީ ރައީސްގެ ޒަޢާމަތުގައި ރާއްޖޭގައި މިފެށޭ ސަރުކާރަށް މަޖިލީހުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސަށް އަރުވައިފައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ލިބިގެން މިދާ ހުރިހާ ކުރިއެރުންތަކެއްގެ ވެސް އެންމެ ބޮޑު އަސްލަކީ 23 ސެޕްޓެމްބަރު ދިވެހި ރައްޔިތުން ނުކުމެ ޤައުމަށްޓަކައި ކުރި މަތިވެރިޖިހާދު ކަމަށެވެ. "އެއިން އަޅުގަނޑުމެންނަށް ދައްކުވައިދޭ ބޭއިންޞާފާއި ތަފާތުކުރުންތަކާއި ވައްކަމާއި އަނިޔާވެރިކަމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަންކަން ނޫންކަން. ޚާއްޞަކޮށް އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިއުމާއި ޤާނޫނީ އިމުން ނެއްތީގެން ދިއުން ރައްޔިތުން ބަލައި ނުގަންނާނެކަން. އަޅުގަނޑުގެ ދުޢާއަކީ ދިވެހި އުންމަތަށް ބާއްޖަވެރި ދުވަސްތަކެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްކެވުން."
- ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):