ރައީސް އަބްދުﷲ ޔާމީނަށް ނިމިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކެމްޕޭނު ކުރުމުގެ ގޮތުން، ޤާނޫނާ ޤަވާއިދާއި ޚިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ޚަރަދެއް ކުރި މައްސަލަ ބެލުމަށް، ޚާއްސަ އޮޑިޓެއް ކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފިއެވެ.
އޭޖީ އޮފީހުގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ކެމްޕޭނަށް ޚަރަދު ކުރުމަށް އެޗްޑީސީން 30 މިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލައި އެކޯޕަރޭޝަންގެ ޚާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ނިންމާފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.
"އެކަމަށް ޓީމެއް ހަމަޖެއްސުމާއި ޕްލޭންތައް ހެދުންފަދަ މަސައްކަތްތައް މިހާރު ކުރަމުން މިއަންނަނީ" އޮޑިޓު އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގައި މަސައްކަތް ކުރާ މުވައްޒިފުން ވަނީ އެކުންފުނީގެ ހާލަތު ބުނެދިނުމަށް އޮޑިޓު އޮފީހަށާއި އޭސީސީއަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. ނަމަވެސް އެޕެޓިޝަނުގައި ބުނެފައިވާ ކަންކަމުގެ ތަފްސީލެއް އަދި ހާމަވެފައެއް ނުވެއެވެ.