ބްރިޖު މަތިން ދަތުރު ކުރާއިރު ބުރުގާއަށް ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ބްރިޖު މަތިން ދަތުރު ކުރާއިރު ބުރުގާއަށް ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފި
މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސްވެ، ވައިގަދަ ދުވަސްކޮޅަކަށްވުމުން، ސިނަމާލެ ބްރިޖާއި ހުޅުލެ-ހުޅުމާލެ ލިންކު ރޯޑުގައި ދަތުރުކުރާއިރު، ބުރުގާ އެޅުމާއި ވިއްސާރަ ކޯޓުލުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މިކަން އިއުލާނު ކުރަމުން ޓްރެފިކް ފުލުހުންގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ، ގަދަވަޔާއެކު ވިއްސާރަކުރާތީ ސިނަމާލެ ބްރިޖު އަދި ލިންކު ރޯޑްގައި ބުރުގާ އަޅައިގެން ދުއްވާ އެންމެހާ ފަރާތްތަކުން، ބުރުގާ ވަޔާގޮސްގެން ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވެ، ރައްކާތެރިވެ ތިބުމަށް ފުރިހަމަ ގޮތުގައި ބުރުގާ އަޅައިގެން ދުއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އާދައިގެ ކޮތަޅު ޒާތުގެ ވިއްސާރަ ކޯޓު ލައިގެން ބްރިޖުގައި ދަތުރުކުރުމުގެ ބަދަލުގައި ރަނގަޅު ފެންވަރެއްގެ ކޯޓެއް ލައިގެން ދަތުރު ކުރުމަށް ވެސް ޓްރެފިކް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.

ޓްރެފިކް ފުލުހުން ވިދާޅުވެފައިވަނީ، ކޮތަޅު ފާޑު ވިއްސާރަ ކޯޓު ލައިގެން ބްރިޖުގައި ދުއްވާފައިދާއިރު ކޯޓު ފަޅައިގެންގޮސް އޭގެ ބައިތައް ފަހަތުން ދުއްވަމުން އަންނަ މީހުންގެ ގައިގައި ނުވަތަ ދުއްވަން އިންނަ އުޅަނދުގައި އަޅައިގަންނަ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެތަކެތި ބޭނުން ނުކުރުމަށް ފުލުހުން އެދިލައްވާފައިވެއެވެ.
މިއަދު އޮންލައިން