ކުލަގަދަ ރަސްމިއްޔާތަކާއެކު ސިނަމާލެ ބްރިޖު މާދަމާ ރޭ ރަމްޒީކޮށް ހުޅުވުމަށް ނިންމާފައިވާއިރު، ބްރިޖު ހުޅުވުމަށްފަހު ސެޕްޓެމްބަރ މަހުގެ 1 ން 5 އާއި ހަމައަށް ވަރަށް ޚާއްސަ ހަރަކާތްތަކެއް ވެސް އެތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބްރިޖު ހުޅުވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ބްރިޖު ހުޅުވުމަށްފަހު ތާވަލް ކުރެވިފައިވާ ވަގުތުތަކެއްގައި ބްރިޖު މަތީގައި ފޮޓޯ ނެގުމުގެ ފުރުސަތު ދެވޭއިރު، ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު "ބައިކް މޯލްޑިވްސް" ގެ ފަރާތުން ވަރަށް ބައިވަރު ހަރަކާތްތަކެއް ބެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއަށްފަހު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ކޮށްގެން ބޭއްވޭ ހިނގާލުމެއް ހަމަ އެދުވަހުގެ މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިސްރަށްވެހިންގެ ހަރަކާތަކާއި ކުޑަކުދިން އެކުދިންގެ އާއިލާތަކާއެކު ބޭއްވޭ ހަރަކާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.
"ޕްރޮފެޝަނަލްސް ގެ އިވެންޓުތަކެއް ވެސް އެބައޮތް. އެކި ކަހަލަ ޕްރޮފެޝަންތަކުގައި އުޅޭ ފަރާތްތަކަށް ވެސް އަޅުގަނޑުމެން ފުރުސަތު ދެން. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ހުރިހާ ޕްރޮޝަންސް ގެ އިވެންޓެއް އޮންނާނެ. އޭގެ އިތުރުން ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހު ސްކޫލް ކުދިންނާއި އެމްއެންޑީއެފް ގެ ބޭންޑް ޕެރޭޑެއް ވެސް އޮންނާނެ." ޑރ، މުއިއްޒު ވިދާޅުވިއެވެ.
ބްރިޖު މަތީގައި ސައިކަލާއި ކާރު ޝޯއެއް ބޭއްވުމަށް ބައެއް ޒުވާނުން އެދިފައިވާތީ، އެކަން ވެސް ހިންގުމަށް ރޭވިގެންދާ ކަމަށާއި ބޭއްވޭ މިފަދަ ޙާއްސަ ހަރަކާތްތަކުގެ އިތުުރުން ކޮންމެ ދުވަހަކު ވެސް އާންމުންނަށް ސިނަމާލެ ބްރިޖު މައްޗަށް އަރާ ބްރިޖު ފޮޓޯނެގުމާއި ހިނގާލުމުގެ ފުރުސަތުވެސް ދޭނެ ކަމަށް ވިދާޅުވަމުން ހައުސިން މިނިސްޓަރ ވިދާޅުވީ، އެހެންނަމަވެސް ސެޕްޓެމްބަރ މަހުގެ 7 ގެ ކުރިން ހުޅުލެއަށް ނުފޭބޭނެ ކަމަށެވެ.