ސަރުކާރުން މަސައްކަތްކުރަނީ ހަތިޔާރު އެޅި ސިފައިން މަގުތަކަށް ނެރެން ކަމަށާއި ހަތިޔާރު އެޅި ސިފައިން މަގުތަކަށް ނެރުނު ނަމަވެސް ބިރުން ފަހަތަކަށް ނުޖެއްސުވޭނެ ކަމަށް ަމަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އަމިތު މިއަދު ވިދާޅުވީ ސަރުކާރުން ރާވަނީ އިންތިޚާބަކާއި ނުލައި ރައީސް ޔާމީނުގެ ވެރިކަން ދަމަހައްޓާނެކަން ރައްޔިތުންނަށް ދައްކުވައި އެކަމުގެ ބިރު ރައްޔިތުންނަށް ދައްކުވަން ކަމަށާއި އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް އަދި އިންތިޚާބު ނުބާއްވަން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އިންތިޚާބު ބޭއްވޭނެ. ވޯޓު ލެވޭނެ. އިރާދަކުރެއްވިއްޔާ ކޯލިޝަނަށް ވޯޓު ބޮޑުތަނުން ކާމިޔާބުވެސް ކުރެވޭނެ."
އަމީތު ވިދާޅުވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ ފޭސްބުކް ހެކްކުރީތޯ ނޫނީ އެމްއެންޑީއެފްގެ ރަސްމީ ކަންކަން ދެން ބަޔާންކުރާނީ އާދަމް ޝަރީފުގެ ފޭސްބުކުންކަން އެނގެން އެބަޖެހޭ ކަމަށެވެ. "މިއީ ވަރަށް ނުރައްކާތެރި ޙާލަތެއް. ދުނިޔޭގެ އެއްވެސް ޤައުމެއްގެ ޑިފެންސް މިނިސްޓަރަކީ ދައުލަތުގެ ރަސްމީ އެންގުންތައް ޑިފެންސް މިނިސްޓަރުގެ ފޭސް ބުކުގައި ހާމަކުރައްވާ ބޭފުޅެއް ނޫން."
އަމީތުވެސް ވަނީ މަޖިލީހާއި ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ހިއްޞާ ނުކުރައްވައި ޤައުމީ ސަލާމަތާއިބެހޭ މައުލޫމާތު ޑިފެންސް މިނިސްޓަރުގެ އަމިއްލަފުޅު ފޭސްބުކުގައި ހާމަކުރެއްވުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ.