ސިނަމާލެ ބްރިޖު މަތީގައި ކުރާ ކައިވެނީގެ ބައެއް ހަރަދުތައް ސަރުކާރުން ދޭން ނިންމައިފި

ކިޔުމަށް ހޭދަވާނީ 1މ 14ސ
ސިނަމާލެ ބްރިޖު މަތީގައި ކުރާ ކައިވެނީގެ ބައެއް ހަރަދުތައް ސަރުކާރުން ދޭން ނިންމައިފި
"ސިނަމާލެ ބްރިޖު" މަތީގައި ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް ކައިވެނީގެ ބައެއް ހަރަދުތައް ސަރުކާރުންދޭ ގޮތަށް ހަމަޖައްސައިފިއެވެ.

މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ބްރިޖުމަތީގައި ކުރާ ކައިވެނީގެ ޚަފުލާގެ ކެއުމުގެ ޚަރަދުތައް ސަރުކާރުން ދޭން ނިންމާފައިވާއިރު، ކޮންމެ ހަފުލާއެއްގައި ވެސް ގިނަ ވެގެން ބައިވެރިވެވޭނީ 50 މީހުންނަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކައިވެނީގެ ޚަފުލާގެ ފޮޓޯ ނެގުމުގެ ކަންކަން ވެސް ސަރުކާރުން ހަމަޖައްސައިދޭން ނިންމާފައިވެއެވެ.

ނަމަވެސް ބްރިޖު މަތީގައި ކުރާ ކައިވެންޏަކީ އަންހެންމީހާއާއި ފިރިހެން މީހާގެ އަލަތު ކައިވެންޏަށް ވާން ޖެހޭނެ ކަމަށް ސަރުކާރުން ޝަރުތު ކަނޑައަޅާފައިވެއެވެ.

ސިނަމާލެ ބްރިޖު މަތީގައި ކައިވެނި ކުރަން ބޭނުންވާ މީހުންނަށް މިއަދު ހެނދުނު ފޯމު ދޫކުރަން ފަށާފައިވާއިރު ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެފޯމަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

ކުރިން ދޫކުރި ފޯމުގައި ހަމަޖައްސާފައިވަނީ އަންހެން މީހާގެ ކައިވެނީގެ ހެދުމަށް 15000 ރުފިޔާ އަދި ފިރިހެން މީހަގެ ހެދުމަށް 7000 ރުފިޔާ ދިނުމަށެވެ. މީގެ އިތުރުން ދެމީހުންނަށް ވެސް ޒީނަތްތެރިވުމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެފޯމުގައި ބުނެފައިވެއެވެ.

ނަމަވެސް ފަހުން އެބައި ބަދަލު ކުރުމަށްފަހު، ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އެފައިސާ ކައިވެނީގެ ސެޓަޕް ހެދުމަށް ބޭނުން ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ސިނަމާލެ ބްރިޖު މަތީގައި ކުރާ ކައިވެނި ބަހާލެވިފައިވަނީ ފަސް ތީމަކަށެވެ. އެއީ މޯލްޑިވިއަން، ޗައިނީޒް، ސަންސެޓް، ވިންޓޭޖް އަދި ފްލޯރަލް ތީމް އެވެ.
މިއަދު އޮންލައިން