ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މީގެ ކުރިންވެސް އޮޅުވާލައިގެން ކަންކަން ކުރަން އުޅުނުކަން ވަނީ ފަޅާ އަރާފައި ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތް ވިދާޅުވެއްޖެއެވެ.
މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވީ ޤާނޫނުލްއުޤޫބާތުން ކޮރަޕްޝަންގެ ބައި ނައްތާލަން ކުރި މަސައްކަތަކީ ޤަޞްދުގައި ކުރި މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކާމިޔާބު ނުކުރެވުނީ ރައްޔިތުން އެކަމަށް ހޭލުންތެރިވެ އެކަން ހުއްޓުވުމަށް ކުރި މަސައްކަތުން ކަމަށެވެ.
އަމީތު ވިދާޅުވީ ކޮރަޕްޝަނުގެ ބައި ނުހިމަނައި އިޞްލާޙް ހުށަހަޅައިގެން ފާސްކުރިނަމަވެސް މިސަރުކާރުގެ ތެރެއިންވެސް އަދި ސަރުކާރުން ބޭރުން ނަމަވެސް ކޮރަޕްޝަނުގެ އަމަލުތައް ހިންގައި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ލިބިގެންފައިވާ އެންމެންގެ މައްޗަށް ޝަރީއަތް ކުރެވޭނެ ކަމަށާއި ހައްޤު އަދަބަށް ފިލައިގެން ނުދެވޭނެ ކަމަށެވެ.
"އެކަން ވަރަށް ރަނގަޅަށް އެނގޭނެ މިއަދުގެ ސަރުކާރުގައި ތިބި ކޮރަޝަންގެ އަމަލުތައް ހިންގާފައިވާ މީހުންނަށް. އެހެންވެ އެގޮތަށް ޤާނޫނުލްއުޤޫބާތުން ކޮރަޕްޝަނުގެ ބައި ނައްތާލަން މަސައްކަތް އެކުރީ. އެއީ ކުރަން މަސައްކަތްކުރި ވަރަށް ބޮޑު ވައްކަމެއް. އެއީ ހިންގަން އުޅުނު ވަރަށް ބޮޑު ޖަރީމާއެއް."
އަމީތު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މަކަރުހެދުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން ރިޒޯޓުތަކުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދު މަދުކުރުމަށާއި ނުކުޅެދޭ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އޮފިޝަލަކު ލައްވައި ފާހަގަލައްވަން މަސައްކަތްކުރުން ފަދަ ބައެއް ކަންކަން ފާހަގަކުރައްވާ ކަމަށެވެ.
އަމިތުގެ ވާހަކަފުޅު (އޯޑިއޯ):